25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

މީހަކު މޮބައިލް ފޯން ބޭނުންކުރަނީ. ރާއްޖޭގައި މިހާރު މޮބައިލް ބޭނުންކުރާ ނިސްބަތް އާބާދީގެ ގާތްގަނޑަކަށް ދެގުނައަށްވަނީ އަރާފައި.

ރާއްޖޭގައި މޮބައިލް ފޯން ބޭނުންކުރާ މީހުންގެ ޢަދަދު ހަ ލައްކައަށް ވުރެ މައްޗަށް

ރާއްޖޭގައި މޮބައިލް ފޯން ބޭނުންކުރާ މީހުންގެ ޢަދަދު ހަ ލައްކަ އަށް ވުރެ މަތިވެއްޖެއެވެ.
ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ޢާއްމުކޮށްފައިވާ އޮގަސްޓް 2014 ގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން، ރާއްޖޭގައި މިހާރު 653،000 މޮބައިލް ސިމް ކާޑު ބޭނުންކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ 75،723 ޕޯސްޕެއިޑް ކަނެކްޝަނާއި 577،541 ޕްރީޕެއިޑް ކަނެކްޝަނެވެ.
ޓެލެކޮމިޔުނިކޭޝަންގެ އެހެނިހެން ޚިދުމަތްތަކަށް ބަލާއިރު، ރާއްޖޭގައި މިހާރު ބޭނުންކުރަމުން ދަނީ 22،020 ފިކްސްޑް ލައިނެވެ. މީގެ ތެރެއިން 77 ޕަސެންޓަކީ މާލޭ ސަރަޙައްދަށް (މާލެ، ހުޅުމާލެ އަދި ވިލިނގިލި) ގުޅައިދީފައި ހުރި ލައިންތަކެވެ. އެއީ 16،867 ލައިނެވެ. މީހުން ދިރިއުޅޭ ރަށްރަށަށް ގުޅައިދީފައި ހުރީ 3،758 ލައިނެވެ. އަދި ޞިނާޢީ މަސައްކަތްކުރާ ރަށްރަށާއި ރިސޯޓްތައް ފަދަ ކޭބަލް ނެޓްވާކް ނެތް ރަށްރަށަށް ގުޅައިދީފައި ހުރީ 1،395 ލައިނެވެ.
ރާއްޖޭގައި މިހާރު ވަރަށް މަދުންނޫނީ ނުފެންނަ ޕޭފޯން (ފޯން ބޫތު) ގެ ޖުމްލައަކީ 129 އެވެ. އޭގެތެރެއިން 128 ޕޭފޯނު ހުރީ މާލެއިން ބޭރުގައެވެ. އަދި ބާކީ ހުރި ޕޭފޯނަކީ މާލޭގައި ހުރި ޕްރައިވެޓް ޕޭފޯނެކެވެ.
ރާއްޖޭގައި ބޭނުންކުރާ އިންޓަރނެޓް ކަނެކްޝަންތަކަށް ބަލާއިރު މުޅި ޖުމްލަ 165401 ކަނެކްޝަން ބޭނުންކުރެއެވެ. މީގެ 88 ޕަސެންޓް ކަމަށްވާ 144،882 ކަނެކްޝަނަކީ މޮބައިލް އިންޓަރނެޓެވެ. ފިކްސްޑް ލައިން އިންޓަރނެޓް ކަނެކްޝަންގެ ޢަދަދަކީ 20،519 އެވެ.
މުވާޞަލާތީ ޚިދުމަތުގެ ޢަދަދު އާބާދީގެ ނިސްބަތުން ވަޒަންކުރާ މިންގަނޑުކަމަށްވާ ޓެލެޑެންސިޓީ އަށް ބަލާއިރު ރާއްޖޭގެ ކޮންމެ 100 މީހަކަށް 6.55 ފިކްސްޑް ލައިން އެބަ ހުއްޓެވެ. އަދި މޮބައިލް ކަނެކްޝަންގެ ނިސްބަތަކީ ކޮންމެ 100 މީހަކަށް 194.29 ކަނެކްޝަނެވެ. މުޅި ޖުމްލަ އަކީ އާބާދީގެ ކޮންމެ 100 މީހަކަށް 200.84 ފޯން ކަނެކްޝަނެވެ.
ރާއްޖޭގައި މިހާރު މުވާޞަލާތީ ޚިދުމަތްދޭ ދެކުންފުނި އޮޕަރޭޓް ކުރާއިރު ކޭމްގެ ތަފާސް ހިސާބުތައް އޮޕަރޭޓަރުން ވަކިން އެނގޭގޮތަކަށް ނެތެވެ.

banner

ކިޔުންތެރިންގެ ޚިޔާލު