24 ޖުލައި 2019 ( ބުދަ )

ފުވައްމުލަކުގެ ގިނަބަޔަކު ދަތުރުކުރާ މަގެއް، ފުވައްމުލަކުގެ ގިނަ މަގުތަކަކީ ދުއްވާއެއްޗެހި ދުއްވުމަށް އެކަށީގެންވާ މަގުތަކެއް ނޫން. ފޮޓޯ: ހުސައިން ވަފީރު

ފުވައްމުލަކުގެ މަގެއްގެ ބައެއް ހެދުމަށް 33 މިލިއަން ރުފިޔާއަށް އެމްއާރުޑީސީއާއި ހަވާލުކޮށްފި

ފުވައްމުލަކުގެ މަގެއްގެ އެއްބައި ހެދުމަށްޓަކައި 33 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީ އިން ވިދާޅުވީ ފުވައްމުލަކު ވަށައިގެންވާ ރިންގުރޯޑްގެ ބައެއްގައި ތާރުއަޅައި މަގުހެދުމަށްޓަކައި 32,998,200.33 ރުފިޔާ ޚަރަދުކޮށް 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު ހަދާފައިވާ ރިންގްރޯޑްގައި 2.9 ކިލޯމީޓަރަށް ތާރު އަޅައި މަގުމަތީބައްތި އާއި މަގުމަތީގެ ސަލާމަތާބެހޭ ކަންތައްތައް ހިމެނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. މުހައްމަދު މުޢިއްޒުއެވެ. އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޞިލް އިބްރާހިމް ނަޒީމްއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވީ ފުވައްމުލަކުގެ ރިންގުރޯޑްގެ ބައެއް ހެދުމަށް ހަވާލުކުރުމުން އެކަމާއި މަރުހަބާ ކިޔާކަމަށާއި ނަމަވެސް އެއީ ފުވައްމުލަކުގެ ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުންމަގުތޯ ސުވާލުއުފެދޭ ކަމަށެވެ. ސަބަބަކީ ފުވައްމުލަކުގެ މީހުންދިރިއުޅޭ ހުރިހާ ހިސާބެއްގައި ހުރި މަގުތައް ބޭއްނުނުކުރެވޭ މިންވަރަށް ހަލާކުވެފައިވާތީއާއި އަދި އެންމެ ގިނަ ބަޔަކު ދަތުރުކުރާމަގުތަކަށް އިސްކަންދީގެން މަގުހަދާނަމަ ރައްޔިތުންނަށް އެކަމުންކުރާ މަންފާ ބޮޑުވާނެކަމަށެވެ.

“އަޅުގަނޑުމެން އެދެނީ ރައްޔިތުންގެ އެންމެ ބޭނުންވާ މަގުތަކަށް އިސްކަންދީގެން މަގުތައް ހެދުމަށް، އެގޮތުން އެންމެ ގިނަބަޔަކު ބޭނުންކުރާ މަގުތައް ކަމަށްވާ ސްކޫލްތައް ހިމެނޭ މަގުތަކަށް އިސްކަންދިނުން މުހިންމު، ނަމަވެސް މިއަދު އެސޮއިކުރެއްވި މަގުތަކަކީ ފުވައްމުލަކުގެ މަދުބަޔަކު އާންމުކޮށް ދަތުރުކުރާ މަގުތަކެއް، އެމަގުތަކަށް ވުރެ މިއަދު މުހިންމު ރަށުތެރޭގައި މީހުން ގިނައިން ދަތުރުކުރާ މަގުތައް ހެދުމަށް މިނިސްޓްރީގައިވަނީ ދެންނެވިފައި” ފަލާހް ވިދާޅުވިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެމްބަރ އަލީ ޝާހް ވިދާޅުވެފައިވަނީ ފުވައްމުލަކުގެ މަގެއް ހެދުމަށް މިއަދު ވެވުނުއެއްބަސްވުމާއި އެކު އެކަމާ އުފާކުރާކަމަށެވެ. ނަމަވެސް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ އެކަމަށް މެމްބަރ އަލީ ޝާހް އުފާކުރައްވަނީ އެމަގަކީ އަލީ ޝާހް އާންމުކޮށް ދަތުރުކުރާ މަގަށްވެފައި، އެކަމުގެ އެންމެ ބޮޑު ފަސޭހަތަކެއް ވާނެ އެއްފަރާތަކީ އަލީ ޝާހްކަމަށްވެފައި، އަދި އެމަގުތަކުން ފުވައްމުލަކުގެ ގިނަ ރައްޔިތުންނަށް އެންމެ އެދެވޭ މަންފާ ނުކުރާނެކަމަށެވެ.

އަތޮޅު ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ މަގުހެދުމާއި ބެހޭގޮތުން މިމަހުގެ 10 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީއިން އަތޮޅު ކައުންސިލަށް ސިޓީއެއް ފޮނުވި ކަމަށާއި 12 ވަނަ ދުވަހުގެ ކުރިން ރައްޔިތުން ދެކޭގޮތް ހާމަކޮށްދިނުމަށް އެދޭކަމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ދެ ދުވަހެއްގެ ތެރޭގައި މުޅިރަށުގެ ރައްޔިތުން އެދޭ ގޮތްތަކެއް ހޯދޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

“މަގުހެދުމަށް މިއަދު އެއެއްބަސްވި އެއްބަސްވުމަށް މަރުހަބާކިޔަން، މިހާރު އެއްބަސްވުމުގައިވާ ގޮތުން ތާރުއަޅާ މަގުހެދުމަށް ހަމަޖެހިފައިވަނީ ޕޮލިސް ސްޓޭޝަން އިންފެށިގެން ގެއްމިސްކިތާއި ހަމަޔަށް، ނަމަވެސް ކައުންސިލުން ބޭނުންވަނީ މާނޭރެ ސަރަހައްދުންފެށިގެން ތޫނޑުގެ ފަންކުޝަން ހޯލާއި ހަމަޔަށް ތާރުއަޅައި މަގުހަދަން، އަދި އެގޮތަށް މަގުހަދައި ދިނުމަށް ހައުސިންގ މިނިސްޓަރަށްވެސްވަނީ ދަންނަވާފައި” ފަލާހް ވިދާޅުވިއެވެ.

ފުވައްމުލަކުގެ ނަރުދަމާ ހެދުމުގެ މަސައްކަތް ކުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ބުނަމުންދާ ދުވަސްވަރެއްގައި މިހާބޮޑު ހަރަދެއްކޮށްގެން މަގެއްގެ އެއްބައި ތާރުއަޅާ ހެދުމާއިމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. ސަބަބަކީ ނަރުދަމާގެ މަސައްކަތްކުރުމަށް އަނެއްކާވެސް ތާރުގަނޑު ކަނޑައި ނަގަންޖެހޭނެތީއާއި އެކަމުން ދައުލަތަށް ގެއްލުންތަކެއްވެ ގިނަ އަދަދެއްގެ ފައިސާ އިސްރާފްވާނެތީއެވެ. ރައީސް ނަޝީދުގެ ސަރުކާރުގައިވެސް ފުވައްމުލަކު ބައެއް ސަރަހައްދުތަކުގައި މަގުހެދުމުގެ މަޝްރޫއެއް ފެއްޓުމަށް ބޭނުންވާ ގާފަދަ ތަކެތި ގެނައުމުން އޭރު އަތޮޅު ކައުންސިލްގައި ތިއްބެވި ބޭފުޅުން ވިދާޅުވީ ނަރުދަމާގެ މަސައްކަތް ނިންމުމަށްފަހު ނޫނީ މަގުތައް ހެދުން ރަގަޅު ނޫންކަމަށެވެ. އެހެން ކަމުން މަގު ހެދުމުގެ މަސައްކަތް ހުއްޓާލާފައިވެއެވެ. އޭރު އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި އަދި މިހާރު މަޖިލިސް މެމްބަރު ޝާހްވެސް އިންނެވިއެވެ. އެދުވަހު އެގޮތަށް ވިދާޅުވެ މިއަދު ޝާހް ނިސްބަތްވާ ސަރުކާރުން ނަރުދަމާ ނެހެދެނީސް މަގުހެދުމުން އެކަމާއި އުފާކޮށް މަރުހަބާކިޔުމުން ކުރިން ޝާހްފަދަބޭފުޅުން ނިންމެވި ނިންމެވުމާއިމެދު އިހްލާސްތެރިކަމެއް ނެތްކަން ދޭހަވާކަމަށް މިހާރު އަތޮޅު ކައުންސިލްގެ ބޭފުޅުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ޚިޔާލު