22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ސެން ވީޑިއޯ ޕްރެޒެންޓޭޝަންގެ ބައެއް ބައިވެރިން

ފުވައްމުލަކުގެ ސެން ޔުނިޓް ތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަން ރަނގަޅު ތަރުޙީބެއް ލިބުނު

ބައިނަލް އަގުވާމީ ޓީޗަރސް ކޮންފަރެންސްގައި މިއަދު ހެނދުނު ދަންފަޅި ބޮޑަށް ޚާއްސަ ވެފައި އޮތީ ރާއްޖޭގެ އެކި ސްކޫލްތަކުގެ “އުނގެނުމުގައި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިން” (ސެން) ނާއި ގުޅޭ ގޮތުން ހޯދިފައިވާ ތަފާތު ހޯދުންތައް ހިއްސާކޮށް އެދާއިރާގެ ފަންނީ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަށް ހުށަހެޅުމެވެ. ރާއްޖޭގެ 4 ސަރަހައްދަކުން ސެން ކުދިންނަށް އުނގަންނައި ދިނުމުގައި ގެންގުޅުއްވާ އުކުޅުތައް ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން ފުވައްމުލަކުގެ 3 ޕްރައިމަރީ ސްކޫލް ކަމަށްވާ އެމްޖޭއެމް، ހާފިޒް އަޙުމަދު ސްކޫލް، އަދި ފުވައްމުލަކު ސްކޫލް ގުޅިގެން ހުށަހަޅާއިދިނީ ވީޑިއޯ ޕްރެޒެންޓޭޝަނެކެވެ. މި ޕްރެޒެންޓޭޝަނަށް ވަނީ ރަނގަޅު ތަރުޙީބެއް ލިބިފައެވެ. އެސެޝަން ބެލެހެއްޓެވި މޮޑަރޭޓަރު، ޑެޕިއުޓީ މިނަސްޓަރ އޮފް އެޑިއުކޭޝަން އަޙުމަދު ޝަފީޢު ވަރަށް ތަޢުރީފުކޮށް، ވިދާޅުވީ މި ޕްރެޒެންޓޭޝަނުގެ ބައިވެރިންގެ އިޒުނަ އޮތްނަމަ މިއީ ގައުމީ ޓީވީގައި ވެސް ދައްކަން ރަނގަޅު، މުހިންމު ހުށަހެޅުމެއް ކަމަށެވެ.

ފުވައްމުލަކުގެ ސެން ޔުނިޓުން ހުށަހަޅައިދިނީ މުޖުތަމިއުން ލިބެންހުރި ވަސީލަތް މެދުވެރިކޮށް ސެން ކުދިންނަށް އުނގަންނައި ދޭނެ ގޮތެވެ. އެގޮތުން އެމާޙައުލަކުން ލިބެންހުންނަ ވަސީލަތްތަކެއް ޚާއްސަ ކުދިންގެ އުނގަންނައިދިނުމުގައި ބޭނުންކުރާނެ ގޮތްތަކެއް ދައްކުވައިދީފައި ވެއެވެ. ސެން ކުދިންނަށް އުނގަންނައި ދިނުމުގައި ސުކޫލުގެ މާހައުލުން ބޭރުގެ ގިނަ ހަރަކާތަކެއް މިވީޑޯ ޕްރެޒެންޓޭޝަނުގައި ދައްކުވައިދީފައި ވެއެވެ.

އެގޮތުން ވެލިމަސާޖުން ކުދިން “ރިލެކްސް’ ކުރުވުމާއި މޫދު ހަރަކާތްތަކާއި ތަފާތު މާމެލާމެލީގެ ވަސް ދައްކުވައި ކުދިންގެ ހިއްސުތަކުގެ ހަރަކާތްތެރިކަން އިތުރުކުރުވޭނެ ގޮތްތަކެއް ވަނީ ދައްކުވައި ދީފައެވެ. މީގެ އިތުރުން އުކާލެވޭ ތަކެތި ބޭނުންކޮށްގެން އެކުދިންގެ “ގްރޮސް މޮޓޯރ ސްކީލް، އަދި ފައިން މޮޓޯރ ސްކިލްސް” ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކެއް ދައްކުވައިދިނެވެ. މީގެ އިތުރުން ހިސާބު އިލްމު ފަދަ މާއްދާތަކުގެ ބައިތައް ފަހުމުކޮށް ގަތުމައްޓަކައި މާހައުލުން ފަސޭހައިން ލިބޭ ތަކެތީގެ ގޮތުގައި ފުނަވަކި، ބޮލި، މަދޮށި، އުނިވަކި ފަދަ ތަކެތި ކާމިޔާބުކަމާއެކު ބޭނުންކުރާތަން ވީޑިއޯގައި ވަނީ ދައްކުވައި ދީފައެވެ.

މިފަހަރުގެ ސެން ޕްރެޒެންޓޭޝަނުގައި ބައިވެރިވެފައި ވަނީ އެމްޖޭއެމުން އާސިފާ އަބްދުލް މަޖީދާއި،  ޝިޔާމާ ހިލްމީ، ހޭޒް އިން ނިޒުނާ އާދަމާއި ހައިދީ، އަދި އެފް އެސް އިން އާއިޝަތު މުޙައްމަދާއި،  އާނިސާ އެވެ. ވިޑިއޯ ތައްޔާރުކޮށްދީފައި ވަނީ އެމްޖޭއެމްގެ ހުސޭން ރަޝީދެވެ. އަދި ވީޑިއޯއަށް އަޑު އަޅާފައިވަނީ އެމްޖޭއެމްގެ ދަރިވަރެއް ކަމަށްވާ ސުމައިޝް އެވެ. ޓީޗަރސް ކޮންފަރެންސްގައި ވީޑޯގެ ތަޢާރަފެއް ދީ އަދި ވީޑިއޯގެ ފަހުން އޯޑިއެންސްގެ ސުވާލުތަކަށް ޖަވާބުދެއްވީ ޝިޔާމާ ހިލްމީއެވެ.

ފުވައްމުލަކުގެ އިތުރުން ދެން މިބައިގައި ހުށަހެޅުންތައް ބައިވެރިކޮށްފައި ވަނީ އައްޑޫގެ ސެން ޔުނިޓުން ހުށަހެޅި “ފުޓް މަސާޖް” ޕްރެޒެންޓޭޝަނާއި ހދ. އޭއީސީން ހުށަހެޅި ވީޑިއޯ ޕްރެޒެންޓޭޝަނަކާއި ގދ. އޭއީސީ ހުށަހެޅި ކޭސް ސްޓަޑީއެކެވެ.

މިކޮންފަރެންސްގައި ފުވައްމުލަކުގެ ގިނަ ބައިވެރިންތަކެއް ބައިވެރިވެ، ޕްރެޒެންޓޭޝަންތަކެއް ވެސް ވަނީ ހުށަހަޅާއި ދީފައެވެ.


ގުޅޭ ލިޔުން

 2030ށް ފުވައްމުލައް ތައުލީމީ ހަބަކަށް ހެދުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ދިރާސާ ކުރަނީ

banner

ކިޔުންތެރިންގެ ޚިޔާލު