24 ޖުލައި 2019 ( ބުދަ )

ޒުވާނުންގެ މަރުކަޒުގައި ރޭ ކުރި މުޒާހަރާގައި ހަރުކޮށްފައިވާ ޕޯސްޓަރުތަކެއް

ޒުވާނުންގެ މަރުކަޒުން ހިދުމަތް ދިނުމަށް ގޮވާލާ މުޒާހަރާކޮށްފި

ފުވައްމުލަކު ޒުވާނުންގެ މަރުކަޒުން ޒުވާނުންނަށް ހިދުމަތް ދިނުމަށް ގޮވާލާ މުޒާހަރާކޮށްފިއެވެ.

ރޭ ފުވައްމުލަކު ޒުވާނުންގެ މަރުކަޒަށް އެއްވި ބައެއް ޒުވާނުން އެމީހުންގެ ޝުއޫރުތައް ހިމެނޭ ޕޯސްޓަރުތަކެއް ޒުވާނުންގެ މަރުކަޒުގެ އެކިތަންތަނުގައި ހަރުކޮށްފައިވެއެވެ. އެގޮތުން އެމީހުން ގޮވާލައިފައިވަނީ ޒުވާނުންގެ މަރުކަޒުން ޒުވާނުންނަށް ހިދުމަތް ނުދޭކަމަށާއި އެތަނުގެ މުވައްޒަފުން 18 އަހަރުން ދަށުގެ ސުކޫލް ކުދިން ގޮވައިގެން ޑާންސް ދަސްކޮށްދިނުން ފިޔަވައި އިތުރު ކަމެއް ނުކުރާކަމަށެވެ.

މުޒާހަރާގައި ބޭނުންކުރި ބައެއް ބޯޑްތަކުގައި ލިޔެފައިވަނީ ” ވޮލީ ކޯޓްގެ ލައިޓް ޕޯސްޓް ހަރުކޮށްދީ” ، “ބާސްކެޓްކޯޓް ކޮބާ” “ޒުވާނުންނަށް ކުރާ ޖެއްސެން ހުއްޓާލާ” ފަދަ އިބާރާތްތައް ބޭނުންކޮށްފައިވެއެވެ.

ރޭ މުޒާހަރާ ކުރަމުން ދިޔަ ޒުވާނަކު ބުނީ އެއީ ސުލްހަވެރިކަމާއި އެކު ކުރާ މުޒާހަރާއެއްކަމަށާއި ކަމާއި ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ޒުވާނުންގެ މަރުކަޒުން ހިދުމަތް ނުދޭތީވެ ކުރާ މުޒާހަރާއެއްކަމަށެވެ.

“އަޅުގަނޑުމެން ޒުވާނުން އެކިގޮތްގޮތަށް ވާހަކަދައްކައިގެން ހައްލެއް ހޯދުމަށް މަސައްކަތްކުރެވިއްޖެ، ޔޫތު މިނިސްޓްރީއަށްވެސް ގުޅައިފިން ޒުވާނުންގެ މަރުކަޒުން ކަންތައްތައް ކުރާގޮތާއި މެދު ހިތްހަމަނުޖެހިގެން، ޒުވާނުންނަށްވުރެ ބޮޑަށް އެތަނުގެ މުވައްޒަފުން ބޭނުންވަނީ 18 އަހަރުން ދަށުގެ ސުކޫލް ކުދިން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް” މުޒާހަރާގައި ބައިވެރިވި ޒުވާނަކު ބުންޏެވެ.


ކިޔުންތެރިންގެ ޚިޔާލު