19 ނޮވެމްބަރ 2018 ( ހޯމަ )

banner

އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޮގީ އަދިތުޔާނަތު

ބީޖޭޕީ ސަރުކާރުން އިންޑިއާގެ މުސްލިމު ތާރީޚާއި ގުޅޭ ސިޓީއެއްގެ ނަން ބަދަލުކޮށްފި

ހިންދޫ ވަތަނީ ޕާޓީ ބީޖޭޕީއިން އިންޑިއާގެ މުސްލިމު ތާރީޚާއި ގުޅިފައިވާ އައްލާހުއާބާދު ނުވަތަ އިލާހު އާބާދުގެ ނަން ހިންދޫންގެ ތާރީޚާއި ގުޅިފައިވާ ޕްރަޔާގްރާޖް އަށް ބަދަލުކޮށްފިއެވެ.

އުއްތަރު ޕުރަދޭޝްގެ ޗީފު މިނިސްޓަރު ހައްދުފަހަނަޅާފައިވާ ޔޮގީ އަދިތުޔާނަތު ގެ ހުށަހެޅުމަށް އެ ސްޓޭޓްގެ ކެބިނެޓުން ފާސްކުރި މިބަދަލު ދިފާއުކޮށް އެ ސްޓޭޓް ގެ ސަރުކާރުގެ ހެލް މިނިސްޓަރު ވިދާޅުވީ “ކެބިނެޓް މިނިސްޓަރުން (އެ ސްޓޭޓްގެ) ތިބީ މިބަދަލަށް އުފަލުން” ކަމަށެވެ.

އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރު ޖަވަހަރުލާލު ނެހުރޫ ގެ އުފަން ރަށް އައްލާހު އާބާދަކީ 16 ވަނަ ގަރުނުގައި އިންޑިއާގައި ވެރިކަންކުރި މުސްލިމް ދަރިކޮޅެއްކަމަށްވާ މުގޮލް ރަސްކަމުގައި އަކްބަރު ރަސްގެފާނު ބިންގާއަޅުއްވައި ދެއްވި ރަށެކެވެ. އޭގެފަހުން 17 ވަނަ ގަރުނުގެ ކުރީކޮޅު ޖަހަންގީރު ރަސްގެފާނު އިލާހު އާބާދަކީ އެރަސްކަމުގެ ވެރިރަށްކަމަށް ހެދިއެވެ.

މުސްލިމުންނާއި ދެކޮޅަށް ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އަދިތުޔާނާ އުއްތަރު ޕްރަދޭޝްގެ ޗީފު މިނިސްޓަރަށް މިދިޔަ އަހަރު އައްޔަންކުރެވުނު ފަހުން މުސްލިމުންގެ ތާރީޚާއި ގުޅޭ ތަންތަނުގެ ނަން ބަދަލުކުރަންވަނީ ފަށާފައެވެ. އޭގެ ތެރޭގައި ހަމަ އެސިޓީގެ މުގޮލްސަރާއީ ޖަންކްޝަން ރެއިލްވޭ ސްޓޭޝަންގެ ނަން ޑެން ދަޔާލް އުޕަދުޔާޔާ އަށް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން ބަރެއިލީ ކަންޕޫރާއި އާގަރާގެ ނަން ބަދަލު ކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

އައްލާހު އާބާދުގެ ނަން ބަދަލު ކޮށްފައިމިވަނީ ހިންދޫ ވަތަނީ ޕާޓީގެ ހައްދުފަހަޅާފައިވާ ވަތަނީ ފިކުރުގެ ބޮޑު ވަޒީރު ނަރެންދުރަ މޮޑީ ވެރިކަމަށް އައުމަށްފަހު އިންޑިއާގެ މުސްލިމު ތާރީޚު ނައްތާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ކުރެވެމުންދާ ދަޑިވަޅެއްގައެވެ.

 

banner

ކިޔުންތެރިންގެ ޚިޔާލު