15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ދަޑިމަގު ހޯދަޑު ސަރަޙައްދު ދައްކުވާއިދޭ ޗާޓެއް

ދަޑިމަގާއި ހޯދަޑުގެ ބޯޑަރު ސަރަހައްދުގެ މައްސަލަ އަނެއްކާވެސް ހިލެނީ ބާ؟

ދަޑިމަގާއި ހޯދަޑު އިން ވަކިކުރުމުގެ ގޮތުން ގެންމިސްކިތުގެ އިރު އުތުރު ފަރާތުގައި ދަޑިމަގު ކައުންސިލުން ރޭނިފާރެއް ބަޔަކު ވައްޓާލައިފިއެވެ. މިފާރު ވައްޓާލި މައްސަލާގައި ދަޑިމަގު ކައުންސިލްގެ މެންބަރު ހުސައިން އިޙުސާން އޭނާގެ ފޭސްބުކް ޕޭޖުގައި “ރަށުގެ އުމްރާނީ ތަރައްގީއަށް ކުރެވޭ މިފަދަ ކަންތައް ވިއަ ނުދިނުމަކީ ރަށް ތަރައްގީ ވިއަނުދިނުން. މީ ބޮޑުވަރު” ކަމަށް ލިޔެފައި ވެއެވެ.

މިސްޓެޓަސް އާއި އެކު ހަސަން ކިޔާ މީހަކު ރައްދުގައި ލިޔެފައިވަނީ ގެންމިސްކިތުގެ ފާރަކީ ހޯދަޑާއި ދަޑިމަގު، ދެއަވަށުން މިލްކުވެރިކަން ހިއްސާ ކުރާ ފާރެއް ކަމަށް ވާއިރު، އެފާރު އިހު ހުރިގޮތަށް ބަހައްޓާފައި ބޭރުން ފާރެއް ރާނާއިރު ބޯޑަރުގެ މައްސަލާގައި ވާހަކަދައްކައި މަޝްވަރާކުރަން ޖެހޭ ކަމަށެވެ. މައްސަލަ ޖެހިފައިވާ ސަރަޙައްދެއްގައި މަސައްކަތެއް ކުރާއިރު ސުލްހަވެރިވާނެ ގޮތަކަށް ދެއަވަށު ކައުންސިލާއި އަތޮޅު ކައުންސިލް މެދުވެރިކޮށް އެއްބަސްވުމަކަށް އައުމަށްފަހު ކުރުމަށް ހަސަން އެދިފައި ވެއެވެ.

އިހުސާނު އިތުރަށް ހާމަކުރާ ގޮތުން “ތިތަނަކީ (އެފާރަކީ) ބޯޑަރާއި އެއްވެސް ގުޅުމެއް އޮތް ތަނެއް ނޫން. އަދި ބޯޑަރާއި ގުޅުމެއް އޮތަސް މިސްކިތު ވަށާ ފާރު ރޭނުމުން އެތަން ސުންނާފަތި ކުރުމަކީ ވަރަށް ފިނޑި ނާތަހުޒީބު އަމަލެއް” ކަމަށް ބުނެފައި ވެއެވެ.

ހަސަން ބުނެފައިވަނީ އާސާރީ ތަންތަން ހިމާޔަތްކުރުމުގެ ގޮތުން އެތަން ހުންނަ ގޮތް ނޫން ގޮތްގޮތަށް ބަދަލުކުރުމަކީ ކޮށްގެން ވާނޭ ކަމެއް ނޫންކަމަށެވެ. ވީމާ ގެންމިސްކިތުގެ އިހުގެ ފާރު ހުރިގޮތަށް ދެ އަވަށަށް ވެސް މިލްކުވެރިކަން އޮންނަ ގޮތަށް ބެހެއްޓުމަށް އެދިފައި ވެއެވެ. އަދި މިފަދަ ކަންކަމުގައި(ބޯޑަރު އިން ފާރު ރޭނުމުގެ) މަޝްވަރާގެ ރީތި އުސޫލުން ކަންކަން ނިންމުމަށް ކައުންސިލްތަކަށް ނަސޭހަތް ދޭކަމަށް ބުނެފައި ވެއެވެ.

ހަސަން އިތުރަށް ބުނެފައިވަނީ އުލާ ޕްރިސްކޫލްގެ “ބޮޑު ބައްރު” އަކީ ކޮން އަވަށެއްގެ ސަރަހައްދުގައި ހުރި ތަނެއްކަން ސާފުކޮށް ދިނުމަށް ކައުންސިލް ތަކަށް ގޮވާލާ ކަމަށެވެ. އަދި ހޯދަޑު އަވަށުގެ ރައްޔިތުންވެސް މިނިވަންކަންމަތީ އުޅެން ބޭނުންކަމަށް ބުނެފައި ވެއެވެ.

އެހެން މީހަކު ކޮމެންޓު ކޮށްފައިވަނީ ތިކަން ބޮޑަށް ވައްތަރީ ބާރު އޮތްބަޔަކު ކުޅޭ ސިޔާސީ ކުޅިގަނޑަކާ ކަމަށެވެ.

ދަޑިމަގާއި ހޯދަޑުގެ އިމުގެ ސަރަހައްދަކީ މައްސަލަތައް ބޮޑު އެއްބަސްވުމަކަށް ނާދެވިފައިވާ ސަރަޙައްދެކެވެ. ތަންކޮޅެއް ކުރިން ހޯދަޑު ބަޔަކު ގެންމިސްކިތުގެ ފާރުން ހޯދަޑާއިވީ ފަރާތުގެ ބައެއް ރޭނުމުން، ދަޑިމަގު ބަޔަކު ނިކުމެ އެންމެން ކުރިމަތީ އެތަން ވައްޓާލަައިފައި ވެއެވެ. އެފަހަރުވެސް ހަމަނުޖެހުމަކަށް ގޮސް ދެފަރާތުން ހޫނު ޒުވާބުތަކެއް ހިނގާފައި ވެއެވެ.

އަދި އެއިގެ ކުރިން ދަޑިމަގު މީހުން ގެންމިސްކިތް މަގުން “ބައްތިއަށްދާ މަގު” ހަދަމުން ގޮސް ގެންމިސްކިތް ފަހަނަޅާ ދިއުމުން ހޯދަޑު މީހުން ނިކުމެ ސަރަހައްދުގެ މައްސަލަތަކެއް ޖެހި ޒުވާބުތަކެއް ހިގައި ގަޔަށް އަތްލާ ހިސާބަށް ވެސް ކަންތައް ގޮސްފައި ވެއެވެ.

ދަޑިމަގު ގެ މީހުން ދެކޭ ގޮތުގައި ހޯދަޑު ހަވިއްތަ ހިސާބުން ފެށިގެން އެއީ ދަޑިމަގު ސަރަހައްދެވެ. ނަމަވެސް ހޯދަޑު މީހުން ދެކޭ ގޮތުގައި ކޮއްކިރޭކަލޭގެ (މިހާރު މަލަމަތި) ހިސާބުން ފެށިގެން އެއީ ހޯދަޑުގެ ސަރަޙައްދެވެ. ކޮއްކިރޭކަލޭގެ އަކީ ހޯދަޑު މީހެކެވެ. އަދި ގެންމިސްކިތް ބިނާކުރީ ފުވައްމުލައް އެންމެ ފަހުން އާބާދުވި ފަހުން ރަށުގެ އެކިސަރަހައްދުގައި ދިރިއުޅެމުން އައި މީހުންގެ ތެރެއިން ހޯދަޑުގައި ދިރިއުޅުނު މީހާއެވެ. އެދުވަސްވަރު ދަޑިމަގުގައި ދިރިއުޅެން ފެށިމީހާ އެޅީ ‘ބޮއިމައްތެ’ މިސްކިތެވެ.

ދިވެހިންގެ އާދަކާދަ ހުރި ގޮތުން ކުރީ ޒަމާނުގައި އެބައެއްގެ ސަރަޙައްދު ވަކި ވަނީ އެބަޔަކު ދިރިއުޅޭ އަދި އެބަޔަކު ބިނާކުރާ މިފަދަ ތަންތަނުގެ މައްޗަށް ކަމަށް ވުމުން، އެސަރަޙައްދު ތަކަކީ ހޯދަޑަށް ނިސްބަތްވާ ސަރަޙައްދު ކަމަށް ތާރީޚުން ހެކިދޭކަމަށް ހޯދަޑުމީހުން ބުނެއެވެ.

އަދި ފަހުން ދަޑިމަގުގެ ވެރިކަމުގެ ބާރާއެކު ކޮންމެވެސް ވަރެއްގެ ހޯދަޑު މީހުންގެ ދޫދިނުމަކާއެކު ދެފަރާތުގެ އިމެއްކަމަށް ގެންމިސްކިތް ފަންނާއި ހަމައިން ކަމަށް އެއްބަސްވެވުނު ކަމަށް ވެއެވެ. އެގޮތުން ގެންމިސްކިތް ބެލެހެއްޓުން ދެއަވަށަށް ބަހާލެވި ގެންމިސްކިތުގެ ދެއަވަށާއި ވީފާރު އެއަވަށުން ރާނާއި ބެލެހެއްޓުމާއި ގެންމިސްކިތުގެ އިހުގެ ފަންފުރާޅުގައި ފަންލާއިރުވެސް ދެއަވަށުން ދެފަޅިގައި ފަންލައި ބަލަހައްޓަމުން ގޮސްފައިވާކަން ތާރީޚުންނާއި މުސްކުޅިންގެ ބަހުން ސާފުކޮށް އެގެން އޮވެއެވެ.

ދެއަވަށެއްގެ އިމުގެ ކަންކަކީ އަބަދުވެސް މައްސަލަތައް އޮންނަ ކަމެކެވެ. އެހެން ވީއިރު ދަޑިމަގު ކައުންސިލުން އެފާރު ރާނަން ޖެހޭނީ އެކަމާއި ގުޅުންހުރި ހޯދަޑު ކައުންސިލާއި ވެސް މަޝްވަރާކޮށް އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުންކަމަށް ރަށުގެ ކަމުއޮށިގެންވާ މީހަކު ނަން ހާމަނުކުރުމަށް އެދި މިކަލް ނޫހަށް މައުލޫމާތު ދިނެވެ. ދިގުވާނޑުގައި ދިރިއުޅޭ މީހަކު މިމައްސަލައާއި ގުޅިގެން މިކަލްނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރު ދެއަވަށު މީހުންވެސް ދެއަވަށުން ރޭނި ފާރު ވައްޓާލައި ހަމަހަމަވީ ކަމަށެވެ. ދެން އިތުރަށް މައްސަލަ ގޯސްނުކޮށް ހުރިހާ އެންމެން ވެސް މަޝްވަރާކޮށްގެން ހައްލެއް ހޯދުން މުހިންމުކަމަށެވެ. ހައްލެއް ނުލިބެނީސް ތިފަދަ ތަންތަނުގައި މަސައްކަތް ކުރުން މަސްލަޙަތަށް ރަނގަޅު ނުވާނެ ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު