24 ޖުލައި 2019 ( ބުދަ )

18 މަސް ދުވަހަށް ފަހު އަރަފާތުގައި ލޮލުގެ ފެނުން އަނބުރާ ލިބުނު ޓިއުނީޝިއާގެ ނަފީސާ އަލް-ޤުރުމަޒީ. ފޮޓޯ ސައުދީ ގެޒެޓް

ޓިއުނީޝިއާގެ އަނދިރި މީހަކަށް އަރަފާތުގައި ލޮލުގެ ފެނުން އަނބުރާ ލިބިއްޖެ!

އަށާރަ މަސް ދުވަހުގެ ކަނު އަނދިރި ކަމަށް ފަހު ޓިއުނީޝިއާ (ތޫނިސް) އިން މިފަހަރު ހައްޖަށް ދިޔަ ނަފީސާ އަލް-ޤުރުމަޒީގެ ލޮލުގެ ފެނުން އަނބުރާ އޭނާއަށް ލިބިއްޖެއެވެ. ނަފީސާއަށް އޭނާގެ ލޮލުގެ ފެނުން މާތް ﷲ ދެއްވީ މިފަހަރު ޢަފަރާތު ބިމުގައި އޭނާ އެކަމަށް އެދި ދުޢާ ކުރަމުން ދަނިކޮށް ކަމަށް އޭނާ ސައުދީ ގެޒެޓަށް ކިޔައިދިނެވެ.

ނަފީސާ ކިޔައިދިން ގޮތުގައި އޭނާ ހައްޖަށް އައީ އަނދިރި މީހެއްގެ ގޮތުގައެވެ. ނަމަވެސް އަނބުރާ ހުޅަގު އެފުރިކާގެ ތޫނިސް އަށް ދާނީ ފުރިހަމަށް ލޮލަށް ފެންނަ މީހެއްގެ ގޮތުގައެވެ. ސައުދީ ގެޒެޓުން ހާމަކުރާ ގޮތުގައި 70 އަހަރުގެ ނަފީސާ މިފަހަރު ހައްޖަށް އައުމުގެ ދޮޅު އަހަރު ކުރިން ޖެހުނު ސްރޯކަކުން އޭނާގެ ލޮލުގެ ފެނުން ވަނީ އެއްކޮށް ގެއްލިގެން ގޮސްފައެވެ. އަދި ޑޮކްޓަރުން ވަނީ އޭނާގެ ލޮލަށް އަނބުރާ ފެނުން ލިބޭނެ ކަމުގެ އުއްމީދު އެއްކޮށް ކަނޑާލާފައެވެ. އެހެނީ އޭނާއަށް ޖެހުނު ސްޓްރޯކުގެ ގެއްލުމުގެ ބޮޑުކަމުންނާއި އޭނާގެ ދޮށީ އުމުރާއި ހެދިއެވެ.

ޑޮކްޓަރުން އެހެން ބުނިކަމުގައި ވިޔަސް ނަފީސާ ދުވަހަކު ވެސް މާތްﷲގެ އޯގާވަންތަކަމާއި މެދު އުއްމީދު ކަނޑައެއްނުލައެވެ. “އަޅުގަޑު އަބަދުވެސް ލޮލުގެ ފެނުން އަނބުރާ ދެއްވާތޯ އައީ އެކަނލާގެ ކިބަފުޅަށް ދުއާ ދަންނަވަމުން” ދެ ފިރިހެން ކުދިންނާއި 3 އަންހެން ކުދިންގެ މަންމަ ސައުދީ ގެޒެޓަށް މައުލޫމާތު ދެމުން ކިޔައިދިނެވެ.

ނަފީސާ ކިޔައިދިން ގޮތުގައި އޭނާ އަރަފާތުގައި ދުއާ އިތުރު ކުރަމުން ދިޔައީ ﷲ ޢޭނާގެ އެދުން ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަމާ އެކުގައެވެ. “އަރަފާތުގައި އަހަރެން ދުޢާކުރަމުން ދަނިކޮށް ލޮލަށް ފެންނަން ފެށީ. އަހަރެން ލޮލަށް ފެންނަން ފެށުމުން އުފަލުން ގޮސް އަހަންނަށް ރޮވެވުނު. އެތަން ފޭލިގޭގައި ތިބި އެހެން ހައްޖުވެރިންނަށް ފެނި އެމީހުން ﷲގެ ކުޅަދުންވަންތަކަން ދެކިފައި ހަރުއަޑުން ﷲ އަކުބަރު ގޮވަން ފެށި” ނަފީސާ ބުންޏެވެ.

ތޫނިސްއިން ދަތުރު ފެށިއިރު ވެސް އޭނާގެ އުއްމީދަކަށް ވެފައި އޮތީ ﷲގެ ގެފުޅާއި މައްކާ އަދި މަދީނާ ހަމަލޮލުން ދެކިލުމެވެ. އޭނާގެ ފެނުން ﷲ އަނބުރާ ދެއްވީތީ އޭނާ ﷲ އަށް ޝުކުރު ކުރެއެވެ. އަދި އޭނާ އުފަލުން ހުރީ، މިހާރު އެނާއަށް ފެނި، އެހެން މީހެއްގެ އެހީއަކާއި ނުލައި ވެސް އޭނާ ބޭނުން ތަނަކަށް އެކަނި ދެވޭތީ އެވެ. އޭނާ އުފަލުން ފޮޅެނީ، ކުރިން އުއްމީދުވެސް ނުކުރެވޭ، އެތައް ހާސް ހައްޖުވެރިންނެއް އަރަފާތުގައި އުޅޭ މަންޒަރު އޭނާއަށް ފެންނު ނީތީއެވެ.

“ﷲ ގެ ހެޔޮ ރަޙުމަތާއެކު އަޅުގަޑުގެ ލޮލުގެ ފެނުން އަނބުރާ ދެއްވީ މިދުނިޔޭގައި ވާ އެންމެ މާތްވެގެންވާ ބިމުގައި” ނަފީސާ ސައުދީ ގެޒެޓަށް ބުންޏެވެ.  


ކިޔުންތެރިންގެ ޚިޔާލު