20 އޯގަސްޓް 2019 ( އަންގާރަ )

އެމްޑީޕީން މަޖުލީހުގެ 87 ދާއިރާއަށް ކުރިމަތިލާން ނިންމައިފި

އަންނަ އަހަރު މާރޗު މަހު ބާއްވާ ރައްޔިތުންގެ މަޖުލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީންް ވާދަކުރަން ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖުލީޙުން ނިންމައިފިއެވެ.

އެޕާޓީން އެގޮތަށް ނިންމީ ރޭގެ ބައްދަލުވުމުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިން 79 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް ރޭގެ ޖަލްސާއަށް އެޕާޓީގެ އިދާރީމޭޒުން ހުށަހަޅާފައި އޮތީ މަޖުލީހުގެ 61 ދާއިރާއަކަށް ކުރިމަތިލާން ފާސްކުރުމަށެވެ.

ރޭގެ ބައްދަލުވުމުގައި ވާއްހަދެއްކި ގިނަ މެންބަރުން ވަނީ އެގޮތަށް އެއްބަސްވާން ދެކޮޅު ހަދާފައެވެ. އަދި އެ61 ދާއިރާ ކަނޑައެލި ގޮތަކީ ކޮބައިތޯ އާއި ކޮން އުސޫލަކުންތޯ އިދާރީމޭޒާ ސުވާލު ވެސް ކުރިމަތި ކުރިއެވެ.

ވަރަށް މިނިވަންކަމާއެކު ބަހުސު ކުރިޔަށް ގެންދިޔައިރު، 61 ގޮނޑިއަށް ވާދަކުރުމަށް ތާއިދުކުރި ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރީ ވަކި ދާއިރާތަކަކުން އެމްޑީޕީ ކެންޑިޑޭޓުން ވާދަކުރުމަށް ކަނޑައެޅުމާއި އަނެއްބައި ދާއިރާ ތައް ދޫކޮށްލުމަށް ކަނޑައެޅުމުގައި މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ވާކަމަށް ތުހުމަތުކޮށެވެ. އަދި މިނިވަން ބަޔަކު ހިމެނޭ ކޮމެޓީއަކުން އަލުން ދާއިރާތައް ކަނޑައެޅުމަށް ގޮތެއް ނިންމުމަށް ވެސް ގޮވާލިއެވެ.

މައިގަނޑު ގިނަ މެންބަރުން ފާހަގަކުރީ 61 ދާއިރާއަށް ކުރިމަތިލައިގެން އެމްޑިޕީގެ އާއްމު މެންބަރުގެ މަސްލަހަތު ނު ދެމެހެއްޓެކަމަށެވެ. ކޯލިޝަންގެ މަސްލަހަތު ހިމާޔަތްކުރާއިރު އެމްޑީޕީގެ މަސްލަހަތު ގުރުބާން ކުރުން އިތުރަށް ނުޖެހޭނެ ކަމަށެވެ.

ކޯލިޝަނުގައި އެއްބަސްވުމެއް އޮތީ ސަރުކާރު ބަހަން ކަމަށާއި، އެ ނިސްބަތުން މަޖުލިސް ބެހުމުން އެމްޑީޕީގެ މަސްލަހަތު ގެއްލި، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަން އެމްޑީޕީއަށް ފުރުސަތު ނުލިބޭ ކަމަށް ހާމަކުރިއެވެ.

ކޯލިޝަނުގައި ދެމި ތިބެން ބޭނުންކަމަށާއި ނަމަވެސް އެއީ މަޖުލީހާއި ކައުންސިލް ގޮނޑިތައް އެ ނިސްބަތުން ބަހަން އެއްބަސްވުން ނޫން ކަމަށެވެ.

ކޯލިޝަންގެ ކޮންމެ ޕާޓްނަރަކު ވެސް މަޖުލީހުގައި އެބަޔެއްގެ ތާއިދު އޮތް ދާއިރާތަކުން މިނވަންކަމާއެކު ވާދަކޮށް ކާމިޔާބުކުރެވުނު ގޮނޑިތަކާއެކު އެކުރައި މަސައްކަތް ކުރާ ގޮތަށް ވިންނުން ގެންގުޅުމަށް ވެސް ވާހަކަ ދެކެވުނެވެ.

ލިސްޓްގައި ފުވައްމުލަކު އުތުރު ދާއިރާ ނުހިމެނުނު 

ރޭގެ ބަހުސަށް ހުށަހެޅުނު ކަރުދާހުގައި އެމްޑީޕީން ކުރިމަތިލާން ކަނޑައަޅާފައި އޮތީ ފުވައްމުލަކު މެދު ދާއިރާއާއި ފުވައްމުލަކު ދެކުނު ދާއިރާއެވެ. ފުވައްމުލަކު އުތުރު ދާއިރާ ކޯލިޝަން ޕާޓްނަރުންނަށް ދޫކޮށްލާ ގޮތަށް އޮތީ ހުށަހަޅާފައެވެ.

މިގޮތަށް ހުށަހެޅިކަން ސޯޝަލް މީޑިއާއިން ހާމަވުމާއެކު ،އުތުރު ދާއިރާގެ އެމްޑީޕީ ސަޕޯޓަރުން ކެކި އަރައިގަތެވެ. ހީވީ ސޯޝަލް މީޑިއާގެ ގްރޫޕްތައް ފުނޑުފުނޑު ކޮށްލާނެ ހެންނެވެ.

އެއް ބަޔަކު އެމްޕީ ޝާހުއަށް (އުތުރު ދާއިރާގެ މިހާރުގެ މެމްބަރު) އަށް މަރުހަބާ ކީ އިރު އަނެއްބަޔަކު ދިޔައީ އެތައް ބައިވަރު ޚަރަދުތަކެއް އެމްޑީޕީ ކެންޑިޑޭޓަށް މިހާތަނަށް ބޭކާރު ކުރެވިއްޖެ ކަމަށް ބުނެ މާޔޫސުކަން ފާޅުކުރަމުންނެވެ.

އެއްބަޔަކު އެމްޑީޕީ ކެންޑިޑޭޓް އަމިއްލަ ގޮތުން ނުކުތުމަށް ވެސް ގޮވާލަމުން ދިޔައެވެ.

ރޭގެ އެމްޑީޕީ ގައުމީ މަޖުލީހުގެ ޖަލްސާ ނިމިގެން ދިޔައީ ރައީސް ނަޝީދު އަލުން ހުށަހެޅުއްވި، މަޖުލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ކުރިމަތި ލުމަށް  ފެންނަކަމަށް އެކަކު ފިޔަވައި އެންމެންގެ ތާއިދާއެކު ފާސްކޮށްގެންނެވެ.

ރޭ ގެ މި ނިންމުމާއެކު ބެލެވޭ ގޮތުގައި ކޯލިޝަން ޕާޓީތަކުން އެ ޕާޓީއަކުން ބޭނުންވާ މަޖުލީހުގެ ގޮނޑިއަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔައީ އެވެ. އަދި ކޯލިޝަންގައި ހިމެނޭ ކޮންމެ ޕާޓީއަކުން ވެސް އެޕާޓީއެއްގެ ފުރިހަމަ ބާރުގައި އިންތިޚާބުގައި ވާދަކޮށް ސިޔާސީ ބާރު ދައްކާލާނެ ފުރުސަތު ހުޅުވެގެން ދިޔައީއެވެ.

ބައެއް މީހުން ދެކޭ ގޮތަގައި މި ނިންމުމުގެ ސަބަބުން ކޯލިޝަނުގައި ހިމެނޭ ޕާތީތަކަށް ލިބޭ ގޮނޑިގެ އަދަދު މަދުވެގެން ދާނެއެވެ.ކިޔުންތެރިންގެ ޚިޔާލު