A wide advertisement which will be shown on all devices. (700 x 100)

މަޖުލިސް ޕްރައިމަރީގެ ކެމްޕޭން ފަށައިފި

އުތުރު ދާއިރާއިން ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ދޮންބެ)

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބަށް ވާދަކުރުމަށް ޕާޓީ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަރީ ތަކުގެ ކެމްޕޭން ހަރަކާތްތައް ފުވައްމުލަކުގައި ވެސް ފަށައިފިއެވެ.

ފުވައްމުލަކުގައި ހިމެނޭ 3 އިންތިޚާބީ ދާއިރާގައި ވެސް މާކުރީސުރެން ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކެމްޕޭންތައް ވަނީ ފަށާފައެވެ. ނަމަވެސް ނިމުނު ހަފްތާ ބަންދުގައި ބައެއް ކެންޑިޑޭޓުން ވަނީ ރަސްމީ ސިފައެއްގައި ކެމްޕޭން ލޯންޗުކޮށް ފައެވެ.

މަޖުލިސް ޕްރައިމަރީ އާއި މެދު ވެރިކަން ކުރާ އެމްޑީޕީ ކޯލިޝަން ގެ ކެންޑިޑޭޓުންނަށް ގޮތެއް ނިންމަން އުނދަގޫވެ، ލަސްވެފައި ވަނީ ކޯލިޝަން ޕާޓީތަކުގެ މެދުގައި މަޖުލިސް ގޮނޑިތައް ބަހާނެ ގޮތަކާއި މެދު ގޮތެއް ނުނިމި ދިގުލައިގެން ދިޔުމުންނެވެ.

ނަމަވެސް ފާއިތުވި ބަންދުގައި ކޯލިޝަންގެ އެންމެ ބޮޑު ޕާޓީގެ ގައުމީ މަޖުލީހުން ވަނީ ގޮތެއް ނިންމާފައެވެ. އެއީ މަޖުލީހުގެ 87 ދާއިރާއަށް ވެސް ވާދަކުރުމެވެ.

މިނިންމުމާއެކު އެޕާޓީގެ ޕްރައިމަރީއަށް ތައްޔާރުވާ ކެންޑިޑޭޓުން ވަނީ ރަސްމީކޮށް ކެމްޕޭން އިއުލާންކޮށް މަސައްކަތް ފަށައި ފައެވެ.

ފުވައްމުލަކު އުތުރު ދާއިރާ:

މިދާއިރާއިން އެމްޑީޕީގެ ޓިކެޓަށް ވާދަކުރާ ކަމަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަނީ ހޯދަޑު އަވަށުގެ މުހައްމަދު ރަޝީދު (ދޮންބެ) އެވެ. ދޮންބެގެ ކެމްޕޭން ތވެސް ވަނީ ފަށާފައެވެ. އެޕާޓީން ދެން ވާދަކުރާނެ ކަމަށް ކިޔަމުން ދަނީ ކުރިންވެސް އެދާއިރާގެ މަޖުލިސް އިންތިޚާބުގައި ވާދަކުރި އިސްމާއިލު ރަފީގެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތަގައި އިސްމާއިލް ރަފީގު މިފަހަރު ވާދަ ނުކުރާ ގޮތަށް ވަނީ ނިންމާފައެވެ. ނަމަވެސް މިކަލް ނޫހަށް މިކަން ޔަގީން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މިދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި މޫސާ ހަފީޒު ހޯދަޑު ދުންނިކަގެ ވެސް ވާދަކުރާނެ ކަމަށް، ތަންކޮޅެއް ކުރިން އަޑު ފެތުރިގެން ދިޔަނަމަވެސް މިހާރު އެ އަޑެއް ނީވެއެވެ.

ބެލެވޭ ގޮތުގައި އިސްމާއީލް ރަފީގު ވާދަ ނުކުރާ ނަމަ މިދާއިރާގައި ޕްރައިމަރީއެއް ނުބާއްވާ މަޖުލިސް ޓިކެޓް އެމްޑީޕީއިން ދޮންބެއަށް ލިބޭނެއެވެ.

މިދާއިރާއިން ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރުގެ މިދާއިރާގެ މަޖުލިސް މެންބަރު އަލީ ޝާހު ވާދަކުރާނެ ކަމަށް ބެލެވެއެވެ.

ޕީޕީއެމުން 5 ކެންޑިޑޭޓުން މި ދާއިރާއަށް ވާދަ ކުރާނެ ކަމަށް ބެލެވެއެވެ. އެއީ ދަޑިމަގު އަނޯނާގެ ޝަރަފު އާއި ދަޑިމަގު ރޫސިޔާ ރުއްގަނޑު ޚާލިދު އަބްދުﷲ އާއި ހޯދަޑު ވާރުތަ ހަމަދު އަބްދުﷲ އާއި އެއަވަށު ސަނީސައިޑު އިބްރާހިމް ރަޝީދު (ރައްޓޭޭ) އާއި ހޯދަޑު ކާމިނީގެ ހަސަން އަބްދުﷲ (ކޭހަސަން) އެވެ. މީގެ ތެރެއިން ހަމަދު އަކީ މިހާރު ސިޓީ ކައުސިލްގައި މި ދާއިރާ ތަމްސީލުކުރާ މެންބަރެވެ.

ޚާލިދު އަބްދުއްﷲ އަކީ ރައީސް ޔާމީނުގެ ސަރުކާރުގައި ސަރުކާރު ދެ ކުންފުންޏެއްގެ ބޯޑުގައި އިސްދައުރެއް އަދާ ކުރެއްވި ފަރާތެކެވެ.

ޕީޕީއެމްގައި މަޖުލިސް ޕްރައިމަރީ ނުބާއްވާ ޕޮއިންޓް ދީގެން ޓިކެޓްދޭ އުސޫލެއް އޮވެއެވެ. ނަމަވެސް އެޕާޓީއިންވެސް ޕްރައިމަރީއެއް ބާއްވަފާނެއެވެ.

ފުވައްމުލަކު މެދު ދާއިރާ

މިދާއިރާގެ ޓިކެޓަށް އެމްޑީޕީ އިން ވާދަކުރަން އެދޭ ކެންޑިޑޭޓުން ވަނީ ޕްރައިމަރީގެ ކެމްޕޭން ފަށާފައެވެ.

އެގޮތުން މާދަޑު ހަޒާރުމާގެ އާތިޔާ ނަސީރު އާއި މާލެގަމު ހުނުބޮލި ހުސޭން މުހައްމަދު އާއި މިސްކިތްމަގު ކިނާރީގެ މުހައްމަދު މުސްތަފާ ވެސް މި ޕްރައިމަރީގައި ވާދަކުރާނެ ކަމަށް ވެއެވެ.

މުސްތަފާ ވަނީ އެންމެ ފަހުން ބޭއްވުނު މަޖުލިސް ޕްރައިމަރީގައި ކެމްޕަސް ޑީޑީއާއި ވާދަކޮށް ނާކާމިޔާބު ވެފައެވެ. އަނެއް ދެ ކެންޑިޑޭޓުންނަކީ މުޅިން އަލަށް ޕްރިމަރީގައި ވާދަކުރާ ދެ މީހުންނެވެ.

މިދާއިރާއިން ޕީޕީއެމުން އެއް ކެންޑިޑޭޓް ނެރެން އުޅޭކަމުގެ މައުލޫމާތު ލިބެއެވެ. އެގޮތުން ޕީޕީއެމުން މެދު ދާއިރާއަށް ވާދަކުރާނެ ކަމަށް ވަނީ މިސްކިތްމަގު  މަންޒަރުގެ ހަސަން ޚާލިދު އެވެ. ވުމާއެކު އެޕާޓީން މިދާއިރާގައި ޕްރިމަރީއެއް ބާއްވާނެ ކަމަށްކަށް ނުބެލެވެއެވެ.

– އާތިޔާ، ހުސޭން ، މުސްތަފާ- މެދު ދާއިރާއިން ޕްރައިމަރީގައި ވާދަކުރާ އެމްޑީޕީ 3 ކެންޑިޑޭޓުން

 

ފުވައްމުލަކު ދެކުނު ދާއިރާ

މިދާއިރާގައި ޕްރައިމަރީގެ ފޯރި ބޮޑަށް އޮތީ އެމްޑީޕީ ކެންޑިޑޭޓުންގެ މެދުގައެވެ. މިދާއިރާއަށް އެމްޑީޕީގެ 3 ނުވަތަ 4 ކެނޑިޑޭޓުން ޕްރައިމަރީގައި ވާދަކުރާނެ ކަމަށް ބެލެވެއެވެ.

އެގޮތުން ފުނާޑު އަވަށުން ފަޅަގަނޑިގެ އަހްމަދު މައުރޫފު އާއި އެ އަވަށު އުފާ އަބްދުﷲ އުމަރު އާއި ދޫނޑިގަމު އަވަށުން މުމްތާޒު އާއި އެ އަވަށުގެ ދިވިލް އަހްމަދު އިސާމް ހިމެނެއެވެ. ވުމާއެކު މި ޕްރައިމަރީގައި ވެސް ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން ބުނާގޮތުގައި ފަހު ވަގުތުގައި ނުކުންނާނީ މަސީހު ކަމަށެވެ. ޕީޕީއެމްގެ އުސޫލުތަކަށް ބަލާއިރު އެޕާޓީގައި ޕްރައިމަރީއެއް ނުބާއްވަފާނެއެވެ. މި ދާއިރާއަކީ މަޖުލިސް މެންބަރު މަސީހުގެ ބާރު ގަދަކަމަށް ބުނާ ދާއިރާއެކެވެ. އޭނާ ވަނީ މިދާއިރާގައި 4 ދައުރު މަޖުލިސް މެންބަރުކަން ކޮށްފައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފުނަމޫ އަހްމަދު އާލީ އަށް ތާއީދުކޮށް މަޖްލިސް އިންތިހާބަށް ކެންޕެއިން ކުރަމުންގެންދެއެވެ.

މި ދާއިރާއަށް އަދާލަތު ޕާޓީގެ ކެންޑިޑޭޓެއް ވެސް މަޖުލީސް އިންތިޚާބުގައި ވާދަކުރުމަށް ވަނީ އިއުލާންކޮށް ފައެވެ. އެއީ ފުނާޑު ކުޑަފަރީގެ ހަސަން އަލީ އެވެ.

މި ނަން ތަކަކީ ސޯޝަލް މީޑިއާ އާއި އެކިމީހުންގެ ފަރާތުން ލިބިފަިއވާ މައުލޫމާތު ތަކުގެ މައްޗަށް ގެނެސްދެވިފައިވާ ނަންތަކެކެވެ.

މީގެ ފުރިހަމަ ލިސްޓެ އަދި ލިބޭނީ ދުވަސްކޮޅެއް ފަހުން ޕާޓީތަކުން ޕްރައިމަރީ ބާއްވަން ހުޅުވާލުމުންނެވެ. އެމްޑީޕީ އިން ޕުރައިމަރީގެ ކަންކަމަށް މިހާރުވަނީ ޓައިމް ލައިނެއް އާއްމުކޮށްފައެވެ. އެގޮތުން އެޕާޓީން ޕުރައިމަރީއަށް ހުޅުވާލާނީ މިމަހު 8 ވާ ހޮނިހިރު ދުވަހު އެވެ.

ޕީޕީއެމުްނ ދެކުނު ދާއިރާއަށް ކުރިމަތިލާނެ ކަމަށް ބެލެވޭ ދެ ކެންޑިޑޭޓުން، އަހުމަދު އލީ އާއި މަސީހު

 

 

 

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !