20 އޯގަސްޓް 2019 ( އަންގާރަ )

ގައުމީ ވިންދު ނަމުގައި އާ ސިޔާސީޕާޓީއެއް އުފެއްދުމުގެ ހުއްދަދީފި

ގައުމީ ވިންދު ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން ދީފި އެވެ. އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ ގ. ރާވެހި މުހައްމަދު ރަމީޒް (އޮގަރު ރަމީޒް) އަށެވެ. އޮގަރު ރަމީޒަކީ، ޕީޕީއެމްގައި ކުރިން މަސައްކަތް ކުރެއްވި އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނާ ގާތް ބޭފުޅެކެވެ. ރަމީޒު ޕާޓީއެއް އުފެއްދުމަށް ފޯމް ނަންގަވާފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކުރެއެވެ. ރަމީޒު ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަން ފެށުމާއި ގުޅިގެން ބައެއް ނޫސްތަކުން ވަނީ ރައީސް ޔާމީން އިތުރު ޕާޓީއެއް އުފެއްދުމަށް އުޅުއްވާ ކަމަށްވެސް ރިޕޯޓް ކޮށްފައެވެ. ނަމަވެސް، ރައީސް ޔާމީނުވަނީ އެކަން ދޮގުކުރައްވާފައެވެ.

އޮގަރު ރަމީޒު އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިމިވަނީ ޕީޕީއެމްގެ ޕާޓީގައި މައްސަލަތަކެއް ދިމާވެ ރައީސް މައުމޫނު އެޕާޓީ ހޯދެވުމަށް ކޯޓަށްވެސް ހުށަހަޅުއްވަފާއިވާ ދަނޑިވަޅެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހަ ޕާޓީއެއް މިހާރު ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އަދި ޑީއާރުޕީ އެވެ. މީގެ ތެރެއިން، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ހިންގާ އިއްތިހާދުގެ ބައިވެރިންނެވެ. މީގެ އިތުރުން ގައުމީ ވިންދު ފިޔަވައި އިތުރު ދެޕާޓީއެއް އުފެއްދުމުގެ ހުއްދަވެސް ވަނީ އިލެކްޝަންސް ދީފައެވެ.

 ކިޔުންތެރިންގެ ޚިޔާލު