20 ސެޕްޓެމްބަރ 2019 ( ހުކުރު )

ނުވަ މިނިސްޓްރީ އަކަށް ސްޓޭޓް މިނިސްޓަރުން އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހަށް މިނިސްޓަރަކާއި އިތުރު 9 ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި

ރައީސް އޮފީހަށް މިނިސްޓަރަކާއި އަދި އިތުރު ނުވަ ސްޓޭޓް މިނިސްޓަރަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހަށް މިއަދު އައްޔަންކުރެއްވީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރެވެ. އަހުމަދު ސަމީރަކީ ރައީސް އޮފީހަށް އައްޔަންކުރެއްވި 4 ވަނަ މިނިސްޓަރެވެ. ރައީސް އޮފީހުގައި 4 މިނިސްޓަރުން މިވަގުތު ތިއްބެވިއިރު، މިނިސްޓަރ ފެންވަރުގައި އިތުރު 2 ބޭފުޅުން ތިއްބަވައެވެ. ސަމީރަކީ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި އެމްޑީޕީ ނޫން އެހެން ޕާޓީއަކަސް ނިސްބަތްވާ ފުރަތަމަ ބޭފުޅާއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ،

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމަށް، ގަލޮޅު ޗާންދަނީމާގެ، ޙަސަން ޝުޖާޢުއާއި،

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް، މައްޗަންގޮޅި ފްލޯރިފަރ، އިސްމާޢިލް ޢަލީމަނިކާއި،

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ހެންވޭރު ކީރަންމާގެ، މުޙައްމަދު ޢަލީއާއި،

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، އައްޑުއަތޮޅު ހިތަދޫ، އާޒާދީގެ ޢަލީ ޞާލިޙާއި،

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް ކޮޅުމަޑުލު ތިމަރަފުށީ އޯކިޑްމާގެ، އަޙްމަދު ރިޔާޟްއާއި،

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ދަފްތަރު ނަންބަރު 4742، މުޙައްމަދު އަޙްމަދު (މަނިކު) އާއި،

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓްގެ މަޤާމަށް، ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދާއި،

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމަށް، މާފަންނު ފަޅުމަތީގެ، އަސްހަދު ޢަލީ (އަޑުބަރޭ) އާއި،

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް، ގަލޮޅު އޯޑެންސް ފަޒްނާ ޝާކިރެވެ.

ރައީސުލްޖުމްހޫރިއްޔާ މި 9 ބޭފުޅުން މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިހާތަނަށް އެކި މިނިސްޓްރީތަކަށް 29 ސްޓޭޓް މިނިސްޓަރުނާއި 4 ނާއިބު މިނިސްޓަރުން ވަނީ އައްޔަންކުރައްވާފައެވެ. އަދި ރައީސް އޮފީހުގައި ސްޓޭޓް މިނިސްޓަރުކަމުގެ ފެންވަރުގައި 5 ބޭފުޅަކު ވެސް އެކި މަގާމުތަކުގައި ތިއްބަވަ އެވެ.

މި ސަރުކާރަށް  ސްޓޭޓް މިނިސްޓަރުންނާއި ނާއިބު މިނިސްޓަރުންނާއިއެކު ޖުމުލަ 89 މަގާމު އުފައްދަން ވަނީ ނިންމައިފަ އެވެ.