A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ހިންގި މެރިޓައިމް ދާއިރާގެ ކޯހަކީ ބަލައިގަންނަ ކޯހެއް ނޫން – ތަޖުރިބާކާރެއް

މެރިޓައިމް އެކަޑެމީން ފުވައްމުލަކުަގއި ހިންގި ކޯހުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ: ސކ.ޓައިބާ އެފްބީ ޕޭޖް

ނިމުނު ސެޕްޓެމްބަރު މަހު ފުވައްމުލަކުގައި، މެރިޓައިމް އެކަޑަމީ އާއި ސްޕޯރޓސް ކްލަބު ޓައިބާ ގުޅިގެން ހިންގި ކަމަށް ބުނާ “މެރިޓައިމް ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ ކޯސް” މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި އެކްރެޑްޓްކުރެވި، ރެޖިސްޓްރީ ވެފައި ނުވާކަމަށް އެދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތަކުން މިކަލް ނޫހަށް ޔަގީންކޮށްދީފިއެވެ.

އެފަރާތުން ބުނީ ރާއްޖޭގައި އެފަދަ ސެޓްފިކެޓްތައް އޮތޯރައިޒް ކުރަންޖެހެނީ ވެސް ޓްރާންސްޕޯރޓް އޮތޯރިޓީން ކަމަށް ވެފައި އެބުނާ ކޯހެއް އެތަނުގައި ރެޖިސްޓްރީ ކުރެވިފައި ނުވާކަމަށެވެ. އަދި ކޮލިފިކޭޝަން އޮތޯރިޓީގައި ރެޖިސްޓްރީ ވެފައި ވެސް ނުވާ ކަމަށެވެ.

ނިމުނު ސެޕްޓެމްބަރު މަހު ސްޕޯރޓްސް ކްލަބު ޓައިބާއިން ވަގުތު އޮންލައިން ނޫހަށް ދީފައި ވަނީ ދޮގު މައުލޫމާތު ތަކެއްކަމަށް ބެލެވެއެވެ. މެރިޓައިމް އެކަޑަމީއަކީ ވެސް އެފަދަ ކޯސްތައް ހިންގުމަށް ޓްރާންސްޕޯރޓް އޮތޯރިޓީގެ ހުއްދަ ހޯދާފައި ވާބައެއް ވެސް ނޫންކަމަށާއި އެފަރާތުން ހިންގާ އެއްވެސް ކޯހެއް ރާއްޖޭގައި އެކްރެޑިޓް ވެފައި ނުވާ ކަމަށެވެ.

ދާދި ފަހުން (2015 ސެޕްޓެމްބަރު މަހު ފަހުކޮޅު) ގައުމީ ޔުނިވަރސިޓީގައި ބޭއްވުނު މެރިޓައިމް ދާއިރާގެ އިސް ފަރާތްތަކުގެ ބައްދަލުވުމެއްގައި މިކަމާއި ގުޅޭ ގޮތުން ވާހަކަ ދެކެވިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ދެއްވި ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ގެ ލެކްޗަރަރ އަކު ވިދާޅުވިއެވެ. އަދި ނިމުނު އަހަރު، ފުވައްމުލަކުގެ ބައެއް މީހުން އެސެންޓަރުގައި އެދިގެން މެރިޓައިމް ނެވިގޭޝަން ކޯހެއް ރަށުގައި ހިންގުމަށް މަސައްކަތް ކޮށްފައި ވާކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ. 

ރާއްޖޭގައި ހިންގާ މެރިޓައިމް ދާއިރާގެ ހުއްދަ ދެވިފައިވާ ހުރިހާ ކޯހެއްވެސް ހިންގަނީ ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑިޒްއިން ކަމަށް މިކަލް ނޫހަށް މައުލުމާތު ލިބިފައި ވެއެވެ.

“އެކޯހުގެ ނަން ބައްލަވާ! ‘މެރިޓައިމް ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ ކޯސް’ މިއީ ރާއްޖޭގެ ކޮލިފިކޭޝަން މިންގަޑުން ބަލާއިރު ކޯހަކަށް ނަން ކިޔުމަށް އެކަށީގެންވާ ގޮތެއްވެސް ނޫން. މިނަމަކުން ނޭގޭ މިއީ ކޮން ފެންވަރެއްގެ، މެރިޓައިމް ދާއިރާގެ ކޮން ކަމެއް ކުރާ ކޯހެއްކަން ވެސް. މިވަރު ދެން ތަންކޮޅެއް ބޮޑު! އެހެންތާ ވާނީ ކަންކަން ނޭގޭ ބަޔަކު މެޑަލް ޖަހަން ވެގެން މީޑިއާގައި ސްޓަންޓް ޖައްސަން މަސައްކަތް ކުރީމާ!” މަތީ ތައުލީމު ދިނުމުގެ ދާއިރާގެ ތަޖުރިބާކާރަކު މިކަލް ނޫހަށް ކިޔައި ދިނެވެ.

އެބުނާ ކޯސް ނިންމި ކުދިންނަށް ސަފާރީތަކުން ވަޒީފާ ހަޖައްސާދީފައި ވާކަމަށް ބުނެގެން ވެސް ދައްކާފައި ވަނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފަކު ބުންޏެވެ. އެ ބުނާ ކުދިންގެ ތެރެއިން ބައެއް ކުދިން މާލެ ގެނެސް އަރުވާފައި ވަނީ އާދައިގެ އެއްވެސް ތަމްރީނެއް ނެތި ވެސް މަސައްކަތް ކުރެވޭ ފެރީ ދޯނިތަކަކަށާއި މަސްދޯނީގެ އާދައިގެ ފަޅުވެރިއެއްގެ ވަޒީފާއަށް ކަމަށް އެފަރާތަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް ބުންޏެވެ. އަދި އެއިގެ ތެރެއިން ބައެއްކުދިން އެކަމުގެ ޝަކުވާ ކުރަމުން ދާކަމަށް ވެސް ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !