ސެޕްޓެމްބަރު 28 ގައި ރައީސް ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހިސާބުން ފެށިގެ ރައީސް ޔާމީނުގެ ސަރުކާރު ފެންނަނީ ހާސްކަމެއްގެ ތެރޭގައި އޮތްތަނެވެ. ޚާއްސަކޮށް އެހާދިސާގެ ކަންކަން ނިއުޅެމުން ދާވަރަކަށް ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން އަޅާ ފިޔަވަޅުތަަކަށް ބަލާލުމުން މިކަން ވަރަށް ސާފެވެ.
ލޯންޗުކޮޅުގެ ހާދިސާއަށް ފަހު ސަރުކާރުގެ ސިޔާސީ މަގާމުތައް އަންނަނީ ބަދަލުގެމުންނެވެ. ޚާއްސަކޮށް ކުރިން ސަރުކާރުގެ ބާރުގަދަ ނާއިބު ރައީސްއާއި ގާތް ގުޅުމެއް އޮންނަ ފަރާތްތަކުގެ މަގާމު ބަދަލުކުރުމާއި ވަކިކުރުން ފާހަގަވެއެވެ. އެގޮތުން މައްސަލާގައި ހައްޔަރުކޮށްފައިވާ ސިފައިގެ ދެމީހުންނަކީ ވެސް ނާއިބު ރައީސާއި ޚާއްސަ ގުޅުންތަކެއް އޮންނަ ފަރާތެއްކަމަށް ތަފާތު ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންވެ. އެއިގެ ތެރެއިން ވެސް ބަޑިގުދަނާއި ހަވާލުވެ ހުއްޓައި މަގާމުން ދުރުކުރި ނާޒިމު އާއި އަދީބުގެ ވިޔަފާރީގެ މުއާމަލާތްތަކެއް ކުރިޔަށް ދާކަމަށް ނާޒިމުގެ ގޭދޮށުމީ މީހުން ބުނެއެވެ. އަދި ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނާޓަރު ކަމުން ވަކިކުރި ތެމާ ޝިޔާމުއަކީ ވެސް އަދީބާއި ޚާއްސަ ގުޅުމެއް އޮންނަ ފަރާތެއްކަމަށް ވެއެވެ. އަދި މިނޫން ވެސް މަގާމު ބަދަލުވާ ފަރާތްތަކަކީ އަދީބުގެ ޚައްސަ ފަރާތްތައް ކަމަށް ވެއެވެ.
ސަރުކާރު ހާސްނުވާން ވީ ސަބަބެއް ވެސް ނެތޭ ބުނެވިދާނެއެވެ. އެއި ލޯޗުކޮޅުގެ މައްސަލާގެ ތުހުމަތު މައިގަނޑު ދެ ފަރާތަކަށް ކުރެވޭއިރު އެއްފަރާތަކީ ސަރުކާރުގެ ނުހަނު ބާރުގަދަ އަދި ޔާމީނުގެ އެންމެ އަރިސް ނާއިބު ރައީސް އަދީބު ކަމަށް ވެފައި ވުމެވެ. އަދި ދެވަނަ ފަރާތަކީ ކުރިން ޔާމީނު ސަރުކާރުަގއި އެހާ ބާރުގަދަ، އަދި ފަހުން ޖަލުގައި ބަންދުކުރެވިފައިވާ ބޭފުޅެއް ކަމަށް ވާ ކާނަލް ނާޒިމު ކަމަށް ވުމެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުން ފުލުހުންނާއި ސިފައިނާއި ދެމެދުވެސް މައްސަލަތަކެއް ހުރިކަމަށް ބެލެވެއެވެ. އެކަމަށް ބާރުދޭ އެއްކަމަކީ ލޯންޗުކޮޅުގެ ހާދިސާ ހިގައިގެން ފުލުހުންގެ ތަހުގީގުޓީމު ލޯންޗަށް އަރަން ދިއުމުން އެމްއެންޑީއެފުން އެކަމަށް ދެކޮހެދި ކަމެވެ. މީޑިއާ ރިޕޯރޓް ތައް ބުނާ ގޮތުން ފުލުހުންނަށް ލޯންޗަށް އެރުނީ ސިފައިނާއި ސަރުކާރުގެ އިސްފަރާތްތަކާ ވާހަކަ ދައްކައިގެން 2 ގަޑިއިރު ފަހުންނެވެ. އެއިރު “ކްރައިމް އޮފް ސީން” ވަނީ މުޅިން ނައްތާލާފައި ކަމަށް ވެއެވެ. އަދި އަދި ބަންދުގައި ތިބި ދެމީހުންނާއި ސުވާލު ކުރެވެމުން ދަނީ މައްސަލައިގެ ހެކި ނައްތާލުމާއި ގުޅިގެން ކަމަށް ވާތީއެވެެ.
މިކަމަށް ބާރު ދޭ އެހެން ކަންކަމަށް ބަލާއިރު ފުލުފުލުގައި ރައީސް ޔާމީނު ވަނީ މިދެމުއައްސަސާގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. އަދި އެބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތައް ވަނީ ނޭގުމެއްގެ ތެރޭގައެވެ. އަދި ޖެހިގެން އަދި ދުވަހު (ރޭ) ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ވެރިކަންކުރާ ރަށް މާލޭގައި “ތަމްރީނު” ހަރަކާތެއް ފަށާފައެވެ. މިތަމްރީނު ހަރަކާތާއި ގުޅޭ ގޮތުން ސީޔާސީ ތަޖުރިބާކާރަކު ވިދާޅުވީ “މާލޭގެ ގޭންގް ގްރޫޕުތަކާއި ބްރޯއާއި، ޚާއްސަ ގުޅުމެއް އޮންނަކަމަށް ބުނާތީ، މި ޚުތޫރަތްތެރި ދަނޑިވަޅުގައި އެމީހުން މައިތިރިކޮށް ބޭތިއްބުމުގެ ގޮތުން ހިންގޭ ހަރަކާތެއްކަމަ” ށެވެ.
ބައެއް ފަރާތްތަކުން ބުނަނީ ސިފައިންގޭގައި މިހާރު 4 ގޫރޫޕެއް އޮންނަކަމަށެވެ. އެއީ ނާޒިމު ސޯއަށް ތާއިދުކުރާ ގްރޫޕަކާއި އެމްޑީޕީއަށް ތާއިދުކުރާ ބަޔަކާއި، ރައީސް ޔާމީނު ނުވަތަ ޕީޕީއެމަށް ތާއިދުކުރާ ބަޔަކާއި ނާއިބުރައީސަށް ތާއިދުކުރާ ބަޔަކު ކަމަށެވެ. ނަމަވެސް މިކަމުގެ މާބޮޑު ހަގީގަތެއް އެނގޭކަށް ނެތެވެ.
މައްސަލައާއި ގުޅިގެން ފަސްޓްލޭޑި ފާތިމަތު އިބްުރާއިމް އައިޖީއެމްއެޗުގައި އެޑްމިޓް ކުރެވި އަދިވެސް ފަރުވާ ހޯދަމުން ދާތީ އެތަނަށް ކޮންމެ ރެއަކުވެސް ސަރުކާރަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ޖަމާވެ ތަފާތު ވާހަކަތައް ދައްކައެވެ. އެތަނުން ވާހަކަ ދެކެވުނު ދެތިން މީހަކު ބުނާ ގޮތުން މައްސަލައިގެ އަމާޒު ކައިރިވަމުން ދަނީ ހަމަ ކުރިންވެސް ބެލެވުނު، ޓާގެޓްވި ފަރާތަށް ކަމަށެވެ. އިތުރު ފަރާތަކަށް މައްސަލ ނޭނބުރޭ ކަމަށެވެ. ނަން ހާމަ ނުކުރި ކަމުގައި ވިޔަސް ދެކެވުނު ގިނަ ވާހަކަ ތަކުން އެފަރާތުން އެހާމަކުރަނީ “ބްރޯ” ގެ ވާހަކަކަން ދޭހަވެއެވެ.
ބައެއް ފަރާތަކުން ބުނަނީ “ނާޒިމު ސަރ” އަށް ކުރެވޭ ތުހުމަތު އަދި މުޅިން “ރޫލް އައުޓު” ނުވާކަމަށެވެ. ނަމަވެސް މިހާރުވެސް ޖަލުގަިއ ހުންނެވި ނާޒިމުއާއި ގުޅުން ހުރިކަމަކަށް މިހާދިސާއައި ގުޅުވާލެވޭ ގޮތަށް އަދި ފާޅުވެފައި ވަނީ، ނާޒިމުމެން ތިބޭ ޖަލު ގޮޅިން މޯބައިލް ފޯން ފެނުު މައްސަލައެއް އެކަންޏެވެ. ނަމަވެސް އަނެއްކޮޅަށް ފެންނަ ކަންތައްތައް އަންނަނީ އިތުރުވަމުންނެވެ.
މައްސަލާގައި އިނގިލި ދިއްކުރެވޭ އަނެއް ފަރާތްކަމަށް ވާ އަދީބު އާއި ގުޅޭ ގޮތުން ވާހަކަ ތައް އަންނަނީ އިތުރަށް ނިއުޅެމުންނެވެ. އެގޮތުން ކުރީގައި ނާއިބު ރައީސަށް ހަަވާލުކުރައްވާފައިވާ ޓްވަރިޒަމް މިނިސްޓްރީގެ މެންޑޭޓް އަނބުރާ ރައީސް ނެންގެވި ވާހަކައާއި އަދީބަށް ރާއްޖޭގެ އެތެރެއާއި ބޭރަށް ދަތުރު ނުކުރުމަށް ރައީސް އެންގެވުމާއި، އަދީބުގެ ޕާސްޕޯރޓް ހިފެހެއްޓިމަށް ބުނާ ބުނުމާއި، އިހަށްދުވަހު އައްޑޫ ފޭދޫގައި، އަދީބުގެ ޚާއްސަ ދައުވަތަކަށް ގެނައި ސަނަމް ބޭންޑުގެ ޕާފޯމަންސަށް އައްޑުއަށް އަދީބު ނުދިއުމަށް އެންގެވުމާއި، ރޭގައި ބޭއްވި އައްޑޫ ހެރެތެރެ ރިސޯޓް އަލުން ރިބްރޭންޑް ކޮށް ހުޅުވުމުގެ ރަސްމިއްޔާތަށް ނާއިބު ރައީސް ބައިވެރިވާން ކުރިން ހަމަޖެހިފައި އޮތްނަމަވެސް، ނުވުމާއި، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޕްރައިޒް ޑޭގެ ޝަރަފުވެރި މަހުމާނު ކަމުން ފަހު ވަގުތު ބަރީއަވެ، އެޖަލްސާއިން ނުފެނުންވެސް ފާހަގަކުރެވެއެވެ. ޖުމްލަކޯށް ބުނާނަމަ އަދީމު މަންޒަރުން އެކަހެރި ވަމުންދާތަން މިދަނީ ފެންނަމުން ހާމަވަމުންނެވެ.
އަދި ޚާއްސަކޮށް، ޕީޕީއެމްގެ ރައީސް މައުމޫނާއި ދެކޮޅަށް އެންމެ ފާޅުކޮށް މީޑިއާގައި ވާހަކަ ދެއްކެވީ އަދީބު ކަމަށް ވެފައި، މައުމޫނު ޕާޓީގެ ރައީސް ކަމުން ވަކިކުރުމަށް މަޖުލީހަށް ލެވިފައިވާ އިސްލާހަށް ވޯޓު ދޭނޭ ގޮތެއް ކުރިން ބޭއްވުނު ޕީޕީއެމް މަޖުލިސް މެންބަރުންގެ ދެ ބައްދަލުވުމަކުން ވެސް ވަނީ ނުނިމިފައިއެވެ. ނަމަވެސް ލޯންޗު މައްސަލައަށް ފަހު ކުއްލިއަކަށް ބޭއްވި ޕީޕީއެމްގެ ޕީޖީ މެމްބަރުންގެ ބައްދަލުވުމުން ވަނީ އެބިލް މަޖުލީހުން ބޭރުކޮށް މައުމޫނުގެ މަގާމަށް ބުރުލެއް އެރިޔަނުދޭން 3ލައިން ވިޕެއް ނެރެފައެވެ. އަދި މިމައްސަލަ މަޖލީހަށް އެޖެންޑާ ވެސް ނުކޮށް އޮތުމުން އެމައްސަލާގައި ޕީޕީއެމުން ނިންމި ނިމުމުން އެޕާޓީ ތެރޭގެ ހަރަކާތްތައް ބަދަލުވަމުން ދާގޮތް ތަސައްވަރު ކުރެވެއެވެ. އަދި ކުރިން ރައީސް މައުމޫނު ޕާޓީން އެކަހެރި ކުރަން އުޅުނު މަންޒަރުތައް އެހެން ގޮތަކަށް ބަދަލުވަމުންދާތން އަންނަނީ ފެންނަމުންނެވެ.
ޕީޕީއެމް ވެރިމަކަށް އައުމަށް ގުޅިގެ މަސައްކަތް ކުރި ޖުމްހޫރީޕާޓީ އާއި ގުޅުން ފަހުން ވަރަށް ގޯސްވެ، ޖުމްހޫރީ ޕާޓީގެ އިސްފަރާތްތައް އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކުން ފެނި އަދި ސަރުކާރުގެ އެތައް ނިންމުމެއްގެ ސަބަބުން ގާސިމަށް އެޕާޓީއަށް އިންތިހާއަށް ގެއްލުންވެ، ގާސިމަށް ވެރިކަމަށް ނާދެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށް ލުމުން ދެޕާޓީގެ ގުޅުން އެއްކޮށް ވަނީ ކެނޑިގެން ގޮސްފައެވެ. އަދި ޖުމްހޫރީޕާޓީ ޕީޕީއެމް ކޯލިޝަނުން ވަކިވެފައިވާ ކަމަށް ދެޕާޓީން ވެސް ވަނީ މީޑިއާގައި ބުނެފައެވެ.
ނަމަވެސް ކުއްލިއަކަށް ރޭގައި ފެނިގެން ދިޔައީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު ފަސްޓް ލޭޑީއަށް ޒިޔާރަތް ކުރި ތަނެވެ. އަދި މިއަދު ފެނިގެން މިދަނީ މިހާރު މުލިއާގޭގައި ޕީޕީއެމްގެ މަޖުލިސް މެންބަރުނާއި ރައީސް ޔާމީނު ބައްދަލު ކުރައްވާ އިރު ގާސިމާއި ޖުމްހޫރީ ޕާޓީގެ ޕީޖީ މެނބަރުންނާއި ކޯލިޝަން މެންބަރުން ބައިވެރިވާތަނެވެ. ޖުމްހޫރި ޕާޓީ އަދި ޕީޕީއެމް ކޮލިޝަން އެއްބަސްމުމުގައި މައްސަލަ ޖެހުނު ފަހުން ރައީސް ޔާމީނު ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެއް ނުވެއެވެ.
މިއަދުގެ ބައްދަލުވުމުން ފާހަގަނވާ އެންމެ ބޮޑު އެއްކަމަކީ ކުރިން އަބަދުވެސް ރައީސް ޔާމީނުގެ އެންމެއަރިސް، އެންމެ ކައިރީގައި އިށީންނަވާ ނާއިބު ރައީސް އަދީބު ބައްދަލުވުމުގައި ބައިވެރި ނުކުރައްވާކަމެވެ. އަދީބަކީ ޕީޕީއެމްގެ ޕާލެމެންޓަރި ގްރޫޕުގެ ކަންތައްތަކާއި ރައީސް ޔާމީނު ހަވާލު ކުރައްވާފައިވާ ފަރާތެވެ. އަދި އެކަން އަނބުރާ ގެންދެވި ކަމެއް އަދި ހާމަވެފައެއް ނެތެވެ.
މއަދު ގެ ބައްދަލުވުމަށް ފޯނު ނުވެއްދޭތީ އަދި އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަނުކުރާތީ ވަންއުޅޭ ގޮތެއް ވަނީ ނޭގިފައެވެ. ޔަމީނުގެ ސަރުކާރު ސަރުކާރުން ހާސްކަން ބޮޑުވާނެވަރު މިހާސިސާބުން ވަޒަން ކުރެވެއެވެ.
ޚިޔާލުތައް