18 ސެޕްޓެމްބަރ 2019 ( ބުދަ )

މިއަދު މިސްކިތް ފަންނުން ފެނުނު ކަށްބޯ. ފޮޓޯ: ރުޝްދީ އިބްރާހިމް

މިސްކިތް ފަންނު ގިރާ ސަރަހައްދުން ކަށްބޮލެއް

ފުވައްމުލަކު މިސްކިތްފަނު ގިރާ ސަރަހައްދުން މިއަދު ކަށްބޮލެއް ފެނިއްޖެ އެވެ. އިންސާނެއްގެ ބޮލުގެ ބައިތައް ފެނިފައި މިވަނީ އެސަރަހައްދު ގިރުމުގެ ސަބަބުން ހާމަވެގެން ދިޔަ ވެލިތަކުގެ ތެރެއިންނެވެ.

މިއަދު ފެނުނު ކަށްބޮލުގައި ބޮލުގެ ނާށިގަނޑުގެ ބަޔަކާއި ދަތްދޮޅީގެ ބައިތައް ސާފުކޮށް އެނގެން ހުރެއެވެ. އަދި އަނގައިގެ ތިރީ ދަތްޕިލައިގެ ބައެއްގައި ދަތްތައް ވެސް ރީތިކޮށް ހުއްޓެވެ.

ތާރީޚީ ގޮތުން އެނގޭ ގޮތުގައި ފުވައްމުލަކުގައި ރަށުގެ ވަށައިގެން ހޭޅި ފަށުގައި މީހުން ވަޅުލައި އުޅުނެވެ. ވަކިން ޚާއްސަކޮށް މަރުވެގެން ރަށަށް ލައްގާ މީީހުންގެ ހަށިގަނޑުތައް ރަށު ތެރެއަށް ގެންދިއުމެއް ނޯވެއެވެ.

މުސްކުޅިން ބުނާ ގޮތުގައި އެގޮތަށް އަމަލުކުރަނީ އެމީހަކީ ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހަކަށް ވެދާނެތީ ރަށުތެރެއަށް އެމީހާ ގެންދިއުމުން އެބައްޔެއް އެހެން މީހުނަށް ވާސިލުވެ ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ. އަނެއް ވިސްނުމެއް ކަމަށް ބުނެއުޅެނީ ގިނަ ފަހަރާ ރަށަށް ލައްގާ މީހުންގެ ހަށިގަނޑު ފޫދި، ޗަސްވެފައި ހުންނާތީ، ނަގައި ގެން ދުރަށް ގެންދިއުމަށް އުނދަގޫ ވާނެތީ ވީހާ ކައިރިއެއްގައި، ރާޅުފަށުން ސަލާމަތް ވާ ހިސާބެއްގައި، ހޭޅިފަށުގައި އަވަހަށް ވަޅުލަނީ ކަމަށެވެ.

ވީމާ ރަށުގެ ހޭޅިފަށް ގިރައިގެން ދާއިރު، ހޭޅިފަށުގައި ވަޅުލާފައިވާ މީހުންގެ މިނި ކަށިތައް ފެނުމަކީ ދިމާވާކަމަކެވެ.

ޚާއްސަކޮށް ފުވައްމުލަކުގެ އިރު-އުތުރު ބިތުގައި މީހުން ވަޅުލާފައިވާ ހޭޅިފަށް އިރުވައި މޫސުމުގައި ބޮޑަށް ގިރާތީ މިނި ކަށި ދޭތެރެ ދޭތެރެއިން ފެނެއެވެ.

ނަމަވެސް ފާހަގަކުރެވޭ ކަމަކީ ކުރީ ޒަމާނުގައި ނަދުުރު ބުނެ އުޅުނު ގިނަ ޒިޔާރަތްތަކަކީ މިފަދަ ގޮތަކަށް ރަށުގެ ހޭޅިފަށުގައި ވަޅުލެވިފައިވާ މީހުންގެ މަހާނަތައް ކަމަށްވުމެވެ. އެމީހުންގެ އަސްލަކީ ކޮބައިކަން ވަރަށް މަދު ހާލަތެއްގައި ނޫނީ އެނގޭކަށް ނޯވެއެވެ.

އެގޮތުން ފުވައްމުލަކުގައި ކުރީގައި ނަދުރު ބުނެ އުޅުނު ޒިޔާރަތްތަކުގެ ތެރޭގައި އައްޔަނި ޒިޔާރަތް، ގެންމިސްކިތު ޒިޔާރަތް، އަރުއްފަންނު ޒިޔާރަތް ފަދަ ތަންތަން ހިމެނެއެވެ. އަތިރި އާއި ކައިރީގައި ހުންނަ ގިނަ މިސްކިތްތަކުގައި ނަދުރު ބުނެއުޅޭ މަދުވެގެން އެއް މަހާނަ/މަހާނަ ގާ ހުންނަކަމަށް ވެއެވެ.

ކުޑަ ގޮތަކަށް ބުނާ ނަދުރުގެ ތެރޭގައި މަހާނައަށް ކުދި ގާފޮތި އެރުވުން ހިމެނެއެވެ.ކިޔުންތެރިންގެ ޚިޔާލު


  1. ފުވައްމުލަކުމީހާ 3 ޖެނުއަރީ 2019 12:01

    ފުވައްމުލަކުގައި ކުރިންމީހުން އުޅުނީ ރަށުގެ ވަށައިގެން ހޭޅިފަށުގައި މިހާރުވެސް އެކަމުގެހެކި ފެންނަން އެބަހުއްޓެވެ މިފަދަލިއުންތައް ލިޔާއިރު އިތުރަށް ދިރާސާކުރެއްވުން ރަގަޅުވާނެއެވެ. މިކޮމެންޓު ޖައްސަވައިދެއްވުންއެދެމެވެ