16 ޖޫޏް 2019 ( އާދީއްތަ )

ވަސީމާ ޑިޒައިންކޮށްފައިވާ ބައެއް ކޭކު - ފޮޓޯ: ކޭކުމާލަމް ފޭސްބުކް ޕޭޖް

ކޭކު ޑެކަރޭޝަން ކޯހެއް ފަށަނީ

ތަފާތު އެކި ޑިޒައިންތަކަށް ކޭކު އަޅަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކުގައެވެ.
މިކޯހާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ކޯސް އިންތިޒާމްކުރައްވާ ފަރާތްކަމަށްވާ ފުވައްމުލަކު ފުނާޑު މާލަމް އާމިނަތު ވަސީމާ ހާމަކުރެއްވި ގޮތުގައި މި ކޯހުގެ މަޤްޞަދަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަން ބޭނުންވާ އަންހެނުންނަށް އެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.
“ބޭނުމަކީ އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުވުން. ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުން”. ވަސީމާ ހާމަކުރެއްވިއެވެ.
އިންޓަރމީޑިއޭޓް ލެވެލަށް ކިޔަވައިދޭ މިކޯހުގެ ފީ އަކީ 1500 ރުފިޔާއެވެ. އަދި ކޯހުގެ މުއްދަތަކީ 18 ދުވަސް ކަމަށެވެ. ކޯސް ބަރާބަރަށް ފުރިހަމަކުރުމުން ތަފާތު އެކި ޑިޒައިންތަކަށް އަމިއްލައަށް ކޭކުއަޅަން އެނގޭނެކަމަށް ވަސީމާ މަޢުލޫމާތު ދެއްވިއެވެ.
މިއަންނަ އޮކްޓޯބަރު 3 ގައި ފެށުމަށް ހަމަޖެހިފައިވާ މިކޯސް އޮންނާނީ ކޮންމެ ދުވަހަކު ރޭގަނޑު 8:30 އިން 10:30 އަށެވެ.
“އަޅުގަނޑުގެ ބޭނުމަކީ ވީހާވެސް ގިނަ ފަރާތްތަކަށް މިމަސައްކަތް ދަސްކޮށްދިނުން. އެގޮތުން ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޭކު އަޅާ ޓޫލްސް ނެތް ފަރާތްތަކަށް އެތަކެތި ވެސް މިކޮޅުގެ ޚަރަދުގައި ފޯރުކޮށްދެވޭނެ”. ވަސީމާ އިތުރަށް ވިދާޅުވިއެވެ.
މިކޯސް އިންތިޒާމްކުރައްވާ އަދި ކޯހުގައި ކިޔަވާދެއްވާ އާމިނަތު ވަސީމާ އަކީ 2005 އަހަރުން ފެށިގެން ކޭކު ޑެކަރޭޝަން ކޯސްތައް ހިންގަވަމުން އަންނަ ފަރާތަކެވެ. އަދި މިހާތަނަށް ފުވައްމުލަކުގެ އިތުރުން ހއ. ދިއްދޫ، ށ. ފުނަދޫ، ށ. ކޮމަންޑޫ، ސ. ހިތަދޫ، ސ. މަރަދޫފޭދޫ އަދި ގއ. ވިލިނގިލީގައި މިފަދަ ކޯސްތައް ހިންގައި މިހާތަނަށް 503 މީހުން ތަމްރީންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު