18 ޖުލައި 2019 ( ބުރާސްފަތި )

ފުވައްމުލަކު އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ޝާހު. ފޮޓޯ ރައްޔިތުންގެ މަޖްލީސް

ފެނިގެން މިދަނީ ކުރިމިނަލް ލޭބަލްއަޅައިގެން، އަންނަ މީހުންނަށް ޕާޓީތަކުގެ ކުރީ ސަފުން ޖާގަދެވޭ މަންޒަރު: ޝާހު

ފެނިގެން މިދަނީ ކުރިމިނަލް ލޭބަލްއަޅައިގެން، އަންނަ މީހުންނަށް ޕާޓީތަކުގެ ކުރީ ސަފުން ޖާގަދެވޭ މަންޒަރުކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ ޝާހު މިހެން ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖްލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅައިދެއްވުމުގެ މައްސަލަ މާލިއްޔަތު ކޮމެޓީން ނިންމެވި ރިޕޯޓަށް މަޖްލީހުގައި ކުރިޔަށް ގެންދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހު ވިދާޅުވިގޮތުގައި އިންޓެގްރިޓީ އާއި ގައުމުގެ ހާލަތުގެ ވާހަކަ ދައްކާއިރު، ފެނިގެން މިދަނީ ކްރިމިނަލް ލޭބަލް އަޅައިގެން އަންނަ ކޮންމެ ބަޔަކު ވަކި ބަޔަކަށް ކަމުގޮސް، އެމީހުންނަށް އެންމެ ކުރީ ސަފުން ޖާގަދެވި، އެ މީހުން ލީޑަރުންގެގޮތުގައި ނިކުމެ، ގައުމު ސަލާމަތް ކުރުމުގެ ނަމުގައި މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.

“އަޅުގަޑުމެންނަށް މިފެންނަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްކުރައްންޖެހޭ ފަރާތްތަކުން މިދެންނެވި ޖާގަދީ، އެ ޕާޓީގެ މުޅި ލީޑާރޝިޕާއި މުޅި ޕާޓީތެރޭގައި ނުފޫޒު ފޯރުވޭ ހުރިހާ މަގާމުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި މި ދެންނެވި ފަދަ ބޭފުޅުންތިބި މަންޒަރު ” މެމްބަރު ޝާހު ވިދާޅުވިއެވެ.

ރާއްޖޭގައި ކްރިމިނަލް ރިކޯޑްތަކާއި އިންޓަގްރިޓީ މައްސަލަތަށް ފެންމަތިވެގެން މިދަނީ ކްރިމިނަލް ލޭބަލް އެޅިފައިވާ ފަރާތްތަކަށް ސިޔާސީ ޕާޓީތަކުން ފުރުސަތު ދެއްވާތީ ކަމަށާއި، ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ކްރިމިނަލް ލޭބަލެއް، އިންޓަގްރިޓީއާއި ބެހޭ ގޮތުން ސުވާލު އުފެދިފައިވާ، އަދި ދިވެހި ރާއްޖޭގެ މުއައްސަސާތައް ފަސާދަކުރާ އެއްވެސް ފަރާތްތަކަށް ޖާގަނުދިނުމަށްވެސް ޝާހުގެ ވާހަކަފުޅު ނިންމަވާލުމުގެ ކުރިންވަނީ އިލްތިމާސްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު