18 ސެޕްޓެމްބަރ 2019 ( ބުދަ )

2017 ވަނަ އަހަރު އޭސީސީ އިން ފުވައްމުލަކުގެ އެންޖީއޯ ތަކަށް ބޭއްވި ޓްރެއިނިންގެ ބައިވެރިން

ޖަމްއިއްޔާތައް ހިންގުން ޔޫތު މިނިސްޓްރީއަށް ބަދަލުކޮށްފި

ކުރިން ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އައި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާ ޖަމާއަތްތައް ރަޖިސްޓްރީ ކުރުމާއި މޮނިޓަރކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންތައްތައް މިނިސްޓރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެމްޕަަވަރމެންޓްގެ ދަށަށް ބަދަލުކޮށްފިއެވެ.

އިއްޔެ (ޖެނުއަރީ 6، 2019) އިން ފެށިގެން ޖަމްއިއްޔާތަކާއި ގުޅޭ އެންމެހާ ކަންތައްތައް ބަލަހައްޓާނީ ޔޫތު މިނިސްޓރީން ކަމަށް އެ މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ގިނަ ޖަމްއިއްޔާތަކަކީ ކުޅިވަރު ކްލަބް/ޖަމްއިއްޔާ ތަކެއް ކަމަށް ވެއެވެ. އެގޮތުން އެފަދަ ޖަމްއިއްޔާތައް ހިންގުމަށް މި ބަދަލުގެ ސަބަބުން އިތުރު ފަސޭހަކަމެއް ލިބިދާނެކަމަށް ބެލެވެއެވެ.

ފުވައްމުލަކަކީ ވެސް ގިނަ ޖަމްއިއްޔާތަކެއް ރަޖިސްޓރީވެފައިވާ ރަށެކެވެ. ކޮންމެ އަވަށެއްގައި ވެސް މަދުވެގެން 1 ނުވަތަ 2 ޖަމްއިއްޔާ ވަރު ރަޖިސްޓްރީ ކޮށްފައިވެއެވެ.

މިހާރު ރަޖިސްޓރީ ވެގެން ހިންގަނީ ފުވައްމުލަކުގެ ކިތައް ޖަމްއިއްޔާކަމެއް އެގޭކަށް ނެތެވެ. ނަމަވެސް 2017 ވަނަ އަހަރު އެންޓިކޮރަޕްޝަން ކޮމިޝަނުން ފުވައްމުލަކުގެ އެންޖީއޯ ތަކަށް ބޭއްވި ތަމްރީނު ޕްރޮގްރާމުގައި ބައިވެރި ވެފައިވަނީ 5 ޖަމްއިއްޔާއަކުން ނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށިގެން ފާއިތުވި ޑިސެމްބަރު މަހު ހޯމް މިނިސްޓރީން ވަނީ  މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ އެއް ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމަކީ މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތް އާއްމުންނަށް ހިއްސާކޮށް، އާ މެމްބަރުން ހޯދާ، ކުންފުނިތަކަށް ދަޢުވަތުދީގެން އެއްތަނަކުން ޖަމްޢިއްޔާތަކުގެ އެކި މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް، މަގުފަހިކޮށް ދިނުމަށްޓަކައި އެކަމާގުޅޭ މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.

އާއްމުކޮށް ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ބޭއްވި މިފޯރަމްގައި ފުވައްމުލަކުގެ އެއްވެސް ޖަމްއިއްޔާއަކުން ބައިވެރިވި ކަން އެނގޭކަށް ނެތެވެ.

މި ޖެނުއަރީ މަހު، 4 ޖަމްއިއްޔާ އަކަށް ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ހޯމް މިނިސްޓރީން ސޮއިކޮށްފައެވެ. މީގެ ތެރޭގައި ވެސް ފުވައްމުލަކުގެ ޖަމްއިއްޔާ އެއް ނުހިމެނެއެވެ.

މިއަހަރު ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ ތީމްއަކީ “ޖަމްޢިއްޔާތަކުގެ މަޤްޞަދު ޙާޞިލްކުރުމަށް ހިންގޭ ޙަރަކާތްތަކަށް މަގު ތަނަވަސް ކުރުމަށް، ދާއިމީ އިންތިޒާމް ހަމަޖެއްސުން” ކަމަށް ހޯމް މިނިސްޓރްިން ވަނީ ހާމަކޮށްފައެވެ.

 

 ކިޔުންތެރިންގެ ޚިޔާލު