20 ސެޕްޓެމްބަރ 2019 ( ހުކުރު )

ނަރުދަމާގެ ހޮޅި ގުޅަން ތައްޔާރު ކުރުރެވިފައި ފޮޓޯ: މުޙައްމަދު ޝަހީދު

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ބޭނުންވާ ކަރަންޓް ލިބޭނެ ގޮތެއް ނެތް!

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތުގެ ނިންމުން ކުރީގެ ރައީސް ޔާމީނު، މީގެ 3 މަސްކުރިން (ފާއިތުވި ސެޕްޓެމްބަރު މަހު 14ގައި) ވަނީ އިފުތިތާޙުކޮށް ދެއްވާފައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ އެންމެ ފޯރިގަދަ ދުވަސްވަރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފުވައްމުލަކުގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ނިމުން ފާހަގަ ކުރުމުގެ ހަފުލާގައި ރައީސް ޔާމީނު ވަނީ ނަރުދަމާ އިފުތިތާޙުކޮށް ދެއްވައި، އިސްކުރަކުން ފެން ދޫކުރައްވައި ފެނުގެ ޚިދުމަތް ވެސް ހުޅުވާ ދެއްވާފައެވެ.

300 މިލިޔަން ރުފިޔާގެ މި ޚިދުމަތް ރައްޔިތުންނަށް އަދިވެސް ނުލިބޭކަމަށް ބުނެ ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ދާދި ފަހުން ވަނީ މީޑީއާގައި ކަންބޮޑު ވުން ފާޅުު ކުރައްވާފައެވެ.

ފުވައްމުލަކުގެ މައި މަގުތަކުގައި ފެނާއި ނަރުދަމާގެ ހޮޅިތައް އެޅިފައި ވިޔަސް އެޚިދުމަތް ރައްޔިތުންގެ ގެއާއި ހަމަޔަކަށް އަދި ނުފޯރައެވެ. މަދު އަދަދެއްގެ ގޭގެއަށް ނަރުދަމާގެ ކޮޅު ވައްދައި ގުޅާފައިވެއެވެ. ނަމަވެސް ގިނަ ގޭގެއެއްގެ ނަރުދަމާގެ ނިޒާމާއި ރަށުގައި ގާއިމުކުރި ނިޒާމާއި ގުޅޭ ގޮތް އަދި ވަނީ ނުވެފައެވެ.

މިއަދު ފުވައްމުލަކު ގެއެއްގެ ނަރުގަމާގެ ހޮޅިތައް ބަދަލުކޮށް ރަށުގައި ގާއިމުކުރި ނަރުދަމާގެ ވިއުގައާއި ގުޅަން އުޅުމުން ގުޅާދެވެން ނެތްކަމަށް ނަރުދަމާގެ މަސައްކަތް ކުރާ ސިއެރާ ކުންފުނިން ބުނެފައިވާ ކަމަށް އެގޭގެ މީހުން ހާމަކުރެއެވެ.

ރަށުގެ ނަރުދަމާ ނިޒާމާއި ގުޅަން ވެގެން ގޯތިތެރެ ކޮނެ ހޮޅިއަޅާ ހުރިހާކަމެއް ނިންމައިގެން ގުޅަން ވެގެން ސިއެރާ އޮފީހަށް ދިޔާމާ ބުނީ އަލުން ކުރިން ހުރިގޮތަށް ބަދަލުކުރުމަށާއި، ސިއެރާގެ ޖަނެރޭޓަރަށް ލޯޑު ބޮޑުވެގެން ސިސްޓަމްތައް ނިއްވާލައިވާއި ވާ ކަމަށް ޖަވާބުދީފައި ވާކަމަށެވެ.

“މީ ދެން ކިހާ ދެރަކަމެއް! ޔާމީނު ނަރުދަމާ ހުޅުފާވާފައި ދިޔައިރު ކަރަންޓް ދެމުން އައީ ބެކަޕް ޖަނެރޭޓަރަކުން. އަދިވެސް ހަމަ އެހެން ހުރިކަމަށް ވަނީ. ލޯޑުު ބޮޑުވާނަމަ ފެނަކައިން ކަރަންޓް ނުދޭންވީ ކީއްވެ؟ މިގޮތަށް ކަންތައް ކުރީމާ ރައްޔިތުންނަށް ހުރިހާ އުނދަގުލެއް ވަނީ” ފުވައްމުލަކު ރައްޔިތެއްގެ ކަންބޮޑުވުން ހާމަކުރިއެވެ.

ރަށުގެ ހުރިހާ ގެއަކަށް ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭން ޖެހިފައި ވީހިނދު އަދިވެސް މިއުޅެނީ އެކަމަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދެވޭނެ ގޮތެއް ނެތި ގެން ކަމަށް ޟިރާރު ފާހަގަ ކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ފުވައްލަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މެދު ވާހަކަ ދައްކަވަނީ

“ރަށުގައި ކަރަންޓް ކެޕޭސިޓީ ނެތް. އާއްމު ރައްޔިތުންގެ ގޭގެއަށް ދީފައި މިހާރު ފެނާއި ނަރުދަމާގެ ނިޒާމާ އެކީ … ކަރަންޓް ދެވޭ ވަރަށް ވެސް (ނެތް).” ޑެޕިއުޓީ މޭޔަރ ޟިރާރު ވިދާޅުވިއެވެ.

އިތުުރަށް ކެޕޭސިޓީ ނުހޯދައި ކަރަންޓް ދީފި ކަމުގައި ވާނަމަ 2019 ވަނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި ފުވައްމުލަކުގެ ރައްޔިތުން ތިބެންޖެހޭނީ ކަނު އަނދިރީގައި ކަމަށާއި ކަރަންޓް ކެނޑިގެން މީޑީއާތަކުން އެކަމާއި ގުޅިގެން ސުވާލުތައް ކުރާތަން އަންނާނެ ކަމަށް ޟިރާރު ވިދާޅުވިއެވެ.

ފުވައްމުލަކުގެ ނަރުދަމާ ނިޒާމު އިފްތިތާޙު ކުރެވުނު ފަހު ގާތްގަޑަކަށް 3 މަސް ވަނީ ކަމަށާއި އަދި މިހާތަނަށް ކަރަންޓް ދެމުން މިދަނީ ކޮންޓްރެކްޓަރ، ސިއެރާ ކުންފުނިން ގެނެސްގެން އުޅޭ ބެކަޕް ޖަނެރޭޓަރު ސެޓެ މެދުވެރިކޮށް ކަމަށް ޟިރާރު ފާހަގަ ކުރެއްވިއެވެ.

“މިހާރު އެ ސެޓް އެހުރީ ފުލް ލޯޑްގައި. އިތުރަށް ކަރަންޓް ދެވޭނެ ފުރުސަތެއް ނެތިފައި” ޑެޕިއުޓީ މޭޔަރުގެ ބަހުން މިއަދު އެދިމާވި ކަން ޔަގީން ކޮށްދެއެވެ.

ވުމާއެކު ފެނާއި ނަރުދަމާގެ ޚިދުމަތަށް ފެނަކައިގެ މިހާރު ކަރަންޓް ދޭ ނިޒާމުން ކަރަންޓް ދީފިނަމަ އަނެއްކާވެސް ރަށުގެ ކަރަންޓަށް އެއިގެ އަސަރު ކުރާނެ ކަމަށް ވެއެވެ.

ދާދި ފަހުން ފުވައްމުލައް ސިޓީ ކައުންސިލުން މާލެއަށް ކުރި ދަތުރެއްގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ވެސް މިކަމުގެ މުހިންމުކަން ވަނީ ހާމަކުރެވިފައި ކަމަށާއި އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަށް ވެސް މިހާލަތު ބަޔާންކޮށްދީ މިކަމަށް އަވަސް ހައްލެއް ގެނެސް ދެއްވުމަށް އެދިފައިވާ ކަމަށް ޟިރާރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ޚިޔާލު