22 ޖުލައި 2019 ( ހޯމަ )

އާނޫޓު ތައާރަފު ވެގެން މިއައީ ދިވެހިބަހަށް އިތުރު ހީނަރުކަމެއް ގެނެސްދެމުން – ޖަމާލު އަބޫބަކުރު

ދިވެހި ފައިސާގެ އާނޫޓުގެ ތައާރަފު ވެގެން މިއައީ ދިވެހިބަހަށް އިތުރު ހީނަރުކަމެއް ގެނެސް ދެމުން ކަމަށް  ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ އިންފޮމޭޝަން ކަމިޝަނަރ އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު ހާމަކުރައްވައިފިއެވެ. 

  މި އާނޫޓުތައް ތަޢާރުފުވުމުން އަޅުގަނޑަށް ލިބުނު އުފަލަށްވުރެ ބޮޑު ހިތާމައެއް އަޅުގަނޑަށް އިޙުސާސްވިއެވެ. ސަބަބަކީ މި ނޫޓުތައް ތަޢާރުފުވެގެން މި އައީ ދިވެހިބަހަށް އިތުރު ހީނަރުކަމެއް ގެނެސް ދެމުން ކަމަށް ވާތީ އެވެ. ސަބަބު ދަންނަވައިލަންތޯއެވެ؟ މިހާ ފެންވަރު ރަނގަޅުކޮށް މިހާ މޮޅަށް ތައްޔާރުކުރި ނޫޓުތަކަކީ ދިވެހި ޒުވާނުންނާއި ދިވެހި ޅަކުދީންނަށް ވެސް ފެންނާނެ އެއްޗެކެވެ. ގެންގުޅޭނެ އެއްޗެކެވެ. އަދި މީގެ އިތުރަށް ގިނަ ދުވަހަށް ދެމިގެންދާނޭ އެއްޗެއްވެސް މެއެވެ. މި ނޫޓްތަކުގެ ތެރެއިން 500 ރުފިޔާގެ ނޫޓުގައި ތާނައިން ފަސް ސަތޭކަ ލިޔެފައިވަނީ ނުބައިކޮށްކަން ފާހަގަވީމާ ހިތާމަކުރީމެވެ. މިހާރު ވެސް އެ ކަމަކާ ބަހުސް ކުރަމުންދާ ކަމަކާ މެދު ދިވެހި އާ ނޫޓަކުން ނުބައިކޮށް ގެރެންޓީ ދިނީމައެވެ. ދިވެހިބަހަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން މިކަމާ މެދު ހިތާމަކޮށް ގިސްލެވުނު ކަމަށް  “ދިވެހި ނޫޓުގެ ތިންވަނަ ސިލްސިލާ “ރަން ދިހަފަހެއް” ދިވެހި އިޤުތިޞާދަށް އާރޯކަން ދިވެހިބަހަށް ހީނަރުކަން” ގެ ސުރުޚީގެ ދަށުން ޖަމާލު އަބޫބަކުރު ލިއުންތެރިންގެ ގުޅުމުގެ ވެބްސައިޓްގައި ލިއުއްވާފައިވެއެވެ.

“ފަސް ސަތޭކަ ރުފިޔާ” ލިޔަންޖެހޭ ތަނެއްގައި އެ ނޫޓުގައި “ފައްސަތޭކަ ރުފިޔާ” ލިޔެފައި އޮތްތަން ފެނުމުން ހިތަށް ވީ ގޮތެއް ދަންނަވާކަށް ވެސް ނޭނގުނެވެ. އަޅުގަނޑު ހިތަށް އެރީ އަޅުގަނޑުގެ މުސްކުޅި ވިސްނުން ބަދަލުނުވެގެން އުޅުނަސް “ޒަމާނީ” ރަދީފެއްގައި “ފައްސަތޭކަ” ލިޔެފައި އޮވެގެން އެހެން ލިޔުނީ ކަމަށެވެ. އަޅުގަނޑު ހިތްހަމަ ނުޖެހުނަސް މުޅި މުޖުތަމަޢު ގަބޫލުކުރާ ގޮތަކަށް ބަދަލު ކޮށްލީ ކަމަށެވެ. އަވަސް އަވަހަށް ރަދީފު ބަލައި ވެސް ލީމެވެ. ނޫނެކެވެ. ރަދީފުގައި އޮތީ ވެސް ހަމަ ރަނގަޅަށެވެ. “ފަސް ސަތޭކަ” އެވެ. “ސަތޭކައިގެ ފަސް ގުނަ” އެވެ. ދެން ހިތަށް އެރިއެވެ. މިހާ ބޮޑު ޚަރަދު ކޮށްގެން ދިގު ޒަމާންތަކަކަށް ދެމިގެން ދާ ގޮތަށް، ބޮޑު އެޑްވައިޒަރީ ކޮމީޓީއެއްގެ ލަފާގެ މަތީން ފަރުމާކުރި މި މުހިއްމު ނޫޓު ފަރުމާކުރި ބަޔަކަށް ދިވެހި ބަހަށް ސަމާލުކަން ނުދެއްވުނީ ކީއްވެބާވައޭ ހިތަށް އަރާ ކަމަށް ވެސް ޖަމާލު އަބޫބަކުރު ހާމަ ކުރައްވާ ފައި ވެއެވެ.

ޖަމާލު އަބޫބަކުރުގެ އިތުރުން  ދިވެހިބަހުގެ ފުންނާބު އުސް ފަރާތްތަކުން ދަނީ މިމައްސަލާގައި ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.  


ކިޔުންތެރިންގެ ޚިޔާލު