26 ޖޫޏް 2019 ( ބުދަ )

ފުވައްމުލައް ސިޓީގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފް

ފުވައްމުލައް ސިޓީގެ މިސްކިތްތަކާއި ގަބުރުސްތާނުތަކުގެ ކަންކަން ބެލެހެއްޓުން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް

ފުވައްމުލައް ސިޓީގެ މިސްކިތްތަކާއި ގަބުރުސްތާނުތަކުގެ ކަންކަން ބެލެހެއްޓުން ފުވައްމުލައް ސިޓީ ކައުންސިލް ބެލުމުގެ ދަށަށް ބަދަލުކޮށްފިއެވެ.

މިއަދު ފުވައްމުލައް ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓްރީއާއި، ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު މިކަމާބެހޭ ގޮތުން ވާހަކަދެކެވި ވަނީ އެއްބަސްވެފައެވެ. އަދި މިކަމާއިގުޅިގެން އަމަލީގޮތުން ކުރަންޖެހޭ ކަންކަން މިއަދު ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިންބުނޭއެވެ.

 

މިސްކިތްތައް ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ހިންގުމަކީ، ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކައުންސިލްތަކަށް ބާރުތައްދީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ވަޢުދުގެ ތެރޭގައި ހިމެނޭކަމެކެވެ. މިކަމާބެހޭ ގޮތުން  ފުވައްމުލައް ސިޓީގެ މޭޔަރ ފަލާހް ޝަރީފް ވިދާޅުވީ މިސްކިތްތަކާއި ގަބުރުސްތާނުތައް ބެލެހެއްޓުމުގެ ކަންކަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އިތުރަށް ހަރުދަނާ ކުރަން މަސަކަތް ކުރައްވާނެކަމަށެވެ. އެގޮތުން މިސްކިތްތަކުގެ މަރާމާތުތަކަށް މި އަހަރު ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ މިސްކިތްތަކުގެ ކަންކަން ބެލެހެއްޓުން ސިޓީ ކައުންސިލްގެ ދަށުގައި އޮއްވައި، ކުރީ ސަރުކާރުން ވަނީ ސިޓީކައުންސިލްގެ ދައުރު ހަނިކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ދަށަށް އެމަސައްކަތްތައް އޮތީ ބަދަލުކޮށްފައެވެ.

މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރިނަމަވެސް، އިމާމުންގެ ކަންކަން ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީންނެވެ. އަދި މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމާއި ދަރުސްފަދަ ދީނީ ކަންކަންވެސް ބަލަހައްޓަމުން ގެންދާނީ އެ މިނިސްޓްރީން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ



ކިޔުންތެރިންގެ ޚިޔާލު