24 ޖުލައި 2019 ( ބުދަ )

ހާފިޒް އަހްމަދު ސުކޫލް ރެއިންބޯ ޔުނިޓްގެ އައުޓިން ބާއްވައިފި

ފުވައްމުލަކު ހާފިޒް އަހްމަދު ސުކޫލްގެ (ހޭޒް)ގެ ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންގެ ކުލާސް ރެއިންބޯ ޔުނިޓްގެ އަހަރީ އައުޓިންގ ފުވައްމުލަކު ތޫނޑު (ތުނޑި) ގައި ބާއްވައިފިއެވެ.

ފުވައްމުލަކު ހާފިޒް އަހްމަދު ސުކޫލްގެ (ހޭޒް) ސްކޫލްގެ ރެއިންބޯ ޔުނިޓް (ސެން ކުލާސް) ގެ ކުލާހުގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ކުރިއަށްގެންދިޔަ އައުޓިންގ އިން އެކުލާހުގައި ކިޔަވަމުންދާ ދަރިވަރުންނަށް ގިނަ ހަރަކާތްތަކެއް ހިންގިފައިވާ ކަމަށެވެ. އެގޮތުން ފަސްޓްއެއިޑް، ފަޔަރ ފައިޓިންގ، ރޯޑް ސޭފްޓީ، ސެލްފު ޑިފެންސް، ހަށިގަނޑު ތަރުބިއްޔަތު، އަދި އެކިކުޅިވަރުތައް ފަދަ މުހިންމު ކަންތައްތަކުގެ މައުލޫމާތު ހިމެނޭ ސެޝަންތަކެއް ބާއްވާފައިވާކަމަށެވެ. އިއްޔެގެ އައުޓިންގ ގައި 17 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

“ހުރިހާ ސެޝަންތައް ކުރިއަށް ގެންދިޔައީ ތޫނޑު (ތުނޑި) ގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން އެކުދިންނަށް ހާއްސަކޮށްގެން ހުރިހާ ސެޝަންތައްވެސް ފަރުމާކޮށްފައި ހުރީ، އެކުދިންނަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ލިބިގެންދިޔަ، އައުޓިންގ އިން އަދި ކުލާސް ރޫމުން ބޭރު މާހައުލެއްގައި ސެޝަންތައް ނެގުމުން އެކުދިން ވަރަށް އުފާވެ، އަދި އަމަލީގޮތުން ހަރަކާތްތެރިވާނެ ފުރުސަތުތައް ލިބިގެންދިޔަ” ސެން ކުލާހުގެ ޓީޗަރަކު ވިދާޅުވިއެވެ.

ސެން ކުލާހުގައި ކިޔަވަމުންދާ ދަރިވަރަކު ބުނިގޮތުގައި އައުޓިންގ އިން ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ ކަމަށާއި، ބެލެނިވެރިންނާއި ނުލައި ކުޅިވަރު ކުޅެ، އެކަނި އުޅެން ފުރުސަތު ލިބުނުކަމަށެވެ. އަދި އައުޓިންގ ގައި ހިންގި ހަރަކާތްތަކަކީ ވަރަށް މަޖާ އަދި އެކުވެރިކަން އާލާވެ، އަމިއްލަ ނަފްސަށް އިތުބާރުބޮޑުވެ، އަލިފާނުގެ ހާދިސާތައް ފަދަ ކަންތައްތަކުން ރައްކާތެރިވާނެ ގޮތްތައް އެގިގެން ދިޔަކަމަށެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އައުޓިންގ ގައި ސެޝަންތައް ނަގާދީފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުންނާއި، އެމްއެންޑީއެފް އަދި ދިވެހި ރެޑް ކްރެސެންޓް ޏ. ގޮފީގެ ފަރާތުންނެވެ.

ހާފިޒް އަހްމަދު ސުކޫލްގެ (ހޭޒް) ސްކޫލްގެ ސެން ކުލާހުން އިސްނަގައިގެން މިއަހަރު ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. އެގޮތުން އޯޓިޒަމް ދުވަހާއި ޑައުންސިންޑްރޯމް ދުވަސް ފަދަ ދުވަސްތައް ކުލަގަދަކޮށް ރަށު ފެންވަރުގައި ފާހަނގަކޮށްފައިވެއެވެ. އަދި މިއަހަރުވެސް އިތުރު ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ރާވަފައިވާ ކަމަށް ހޭޒް އިންވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު