20 ޖުލައި 2019 ( ހޮނިހިރު )

ރައީސް އަދި ނާއިބު ރައީސްގެ މާލީ ބަޔާން 2019

މިސަރުކާރުގެ މިނިސްޓަރުންނާއި ރައީސް އޮފީހުގެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކޮށްފި

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން މިސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަދި ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިންގެ މާލީ ބަޔާންތައް އިއްޔެ ރައީސް އޮފީހުގެ ވެބްސައިޓްގައި އާއްމުކޮށްފިއެވެ.

ދިވެހި މުޖުތަމައުން ކަރަޕްޝަންގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ފައްޓާވާފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހާމަކުރެވިގެން މިދިޔައީ މި ސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް ހާމަ ކުރެއްވުމެވެ.

މާލީ ބަޔާންތައް ހާމަކުރައްވަމުން ރައީސް އޮފީހުން ހާމަކުރައްވާފައި ވަނީ މިއީ މިރާއްޖެއިން ކޮރަޕްޝަން ނައްތާލައި ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ކުރިއަށް ގެންދަވާ މަސައްކަތްތަކެއް ކަމަށެވެ.

ރައީސް: އިބްރާހިމް މުހައްމަދު ސޯލިޙު

މިލްކިއްޔާތުގައި: ޅ.ހިންނަވަރު ނޫރާނީ (ބަންޑާރަ ގޯތި)

މަގާމާއި ހަވާލުވުމުގެ 6 މަހުގެ ކުރީގެ މުސާރަ/އެހެނިހެން: 1.5 މިލިޔަން ރުފިޔާ

ނާއިބު ރައީސް: ފައިސަލް ނަސީމު

މިލްކިއްޔާތުގައި: 17.5 މިލިޔަން ރުފިޔާގެ މުދާ

އޭގެތެރޭގައި ހިމެނެނީ: ޏ. ފުވައްމުލައް، މިލޭނިއަމް، ދެފްލެޓް ވަން އެވެނިއު އިން،

މަގާމާއި ހަވާލުވުމުގެ 6 މަހުގެ ކުރީގެ މުސާރަ/އެހެނިހެން: 1.7 މިލިޔަން ރުފިޔާ، 2 ކާރު  އަދި 6 މޮޓޯ ސައިކަލް

 

މި މަސައްކަތުގެ ތެރެއިން ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވާއިދުން ރިވިއުކުރުމަކީ މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ރިޔާސީ ވައުދެކެވެ.

މިއީ ދިވެހި ތާރީޚުގައި ސަރުކާރަކުން އިސްނަގައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ކުރިއަށް އޮތްތާނގައި ދައުލަތުގެ ވުޒާރާތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުން ވެސް މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.

ކޮންމެ އަހަރަކު އެއްފަހަރު ހުރިހާ މާލީ ބަޔާންތައް އަޕްޑޭޓު ކުރެވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިޢުކުރައްވަމުން ގެންދާނެކަމަށް ހާމަކުރައްވައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރައްވާ މި މުހިންމު މަސައްކަތުގައި ކަމާ ބެހޭ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެ އެފަރާތްތަކުގެ ލަފާވެސް ސަރުކާރުން ހޯއްދަވާކަމަށް ރައީސް އޮފީހުން ހަމަކުރައްވައެވެ.

މިފަދަ މަސައްކަތެއްގެ ފައިދާ މިއަދު ވަޒަން ނުކުރެވިދާނެއެވެ. ނަމަވެސް މި 5 އަހަރު ނިމޭއިރު މިކަންތަކުގެ މުހިންމުކަން ގިނަބަޔަކަށް ވިސްނި ދައުލަތުގެ ޚިދުމަތްތަކާއި ތިޔާގިކަމަށް ކުރިއެރުންތަކެއް ގެނުވާނެކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ޚިޔާލު