ދެހާސް ސޯޅަ ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖުލީހުން އެއްވެސް ރެކޮމެންޑޭޝަނަކާއި ނުލައި ފާސްކޮށްފައި ވަނީ ފުވައްމުލަކުގައި ހިމެނޭ އިދާރީ 3 ދާއިރާގެ ރައްޔިތުންގެ މަޖުލިސް މެންބަރުންގެ ވެސް ތާއިދާއެކު ކަމަށް ވުމުން ބަޖެޓުގައި ފުވައްމުލަކުގެ ތަރައްގީއަށް ހުރީ ކޮންކޮން ކަންތައްތަކެއްތޯ ބަލާލުމީ މުހިންމު ކަމެކެވެ.
ޕީއެސްއައިޕީގެ ދަށުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި މުޅިންހެން ވެސް ހުރީ މީގެ ކުރީގެ އަހަރުތަކުގައި، ކުރިން ވެސް ކުރަން ހިމަނާފައިވާ ކަންތައްތަކެވެ. އެގޮތުން ކުރިޔަށް އޮތްއަހަރު ފުވައްމުލަކުގެ ތަރައްގީއަށް ބަޖެޓުގައި ހިމަނާފައިވާ ކަންތައް ތަކަކީ:
1. ކޯސްޓަލް ޕްރޮޓެކްޝަން 148.9 މިލިޔަން ރުފިޔާ – ނެދަލޭންޑްގެ ހިލޭ އެހީ އާއި ކްއޭތު ފަންޑުގެ ލޯނު އެހީން.
މި ޕްރޮޖެކްޓަކީ 2014 އަދި 2015 ގައިވެސް ބަޖެޓުގައި ހިމަނައި އަދި އެއްވެސް ކަމެއް ކުރިޔަށް ގެންގޮސްފައި ނުވާ ޕްރޮޖެކްޓެކެވެ. ބަޖެޓުގައި މިގޮތަށް އަދަދު ޖެހިޔަސް، ބަޖެޓް ކުރެވޭ ކަންކަން ސަރުކާރުން ނުކުރަންޏާ، ބަޖެޓުގައި އަދަދުތައް ހިމެނުމަކުން ރައްޔިތުންނަށް ކުރާނެ މަންފާއެއް ނޯންނާނެއެވެ.
2. ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް 71.69 މިލިޔަން ރުފިޔާ – ކުއޭތު ފަންޑު ލޯނުން.
މި ޕްރޮޖެކްޓަކީ 2006ގައި، މައުމޫނު ގެ ވެރިަކމުގައި ވޯލްޑް ބޭންކުގެ ހިލޭ އެހީގައި އަޅަން ބަޖެޓު ކުރަން ފެށުނު ޕްރޮޖެކްޓެކެވެ. އަދިވެސް އަމަލީ މަސައްކަތް ފެނި ފައިނުވާ ޕްރޮޖެކްޓެކެވެ. އެހެނީ ރައްޔިތުންނަށް ފެންނާނެ އެއްވެސް މަސައްކަތެއް އަދި ކުރެވިފައި ނެތެވެ. 2007 ގައި އެއްފަހަރު ޑިޒައިން ވެސް ހެދިކަމަށް މީޑީއާ މައުލޫމާތުތަކުން އެނގެއެވެ. އަދި މިއަހަރު މިހާތަނަށް މިޕްރޮޖެޓްގެ އީއައިއޭ ހަދައި އޭގެ ކޮޕީ އަތޮޅު ކައުންސިލަށް ލިބިފައިވާ ކަމަށް އެކައުންސިލުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ. ވަހީދު ސަރުކާރުން 2013ގެ އޮކްޓޯބަރު މަހު ފެނާއި ނަރުދަމާގެ މަސައްކަތް ފެށޭވަރުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން މިއަހަރު، 2015 ގައި ޔާމީނު ސަރުކާރުގެ އެންވަޔަރމެންޓް މިނިސްޓަރު ތޯރިގު ވިދާޅުވެފައި ވަނީ 4-5 މަހެއްގެ ތެރޭގައި މަސައްތް ފެށޭނެ ކަމަށެވެ. އަދި ރިޔަން ކިޔާ ކުންފުންޏަކަށް މިޕްރޮޖެކްޓުގެ ޑީޓެއިލް ޑިޒައިން ކުރެހުމަށް ހަވާލުކުރި ކަމަށް ވެސް މީޑީއާ މައުލޫމާތު ތަކުން އެގެއެވެ. ނަމަވެސް އެކަން ނިމުނުކަމެއް އަދި އެގެން ނެތެވެ. ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަކީ މިހާރު ފުވައްމުލަކުގައި ކުރުމަށް ބަޖެޓްކުރެވޭ އެންމެ ގިނަ ދުވަސްވީ، އަމަލީ މަސައްކަތެއް ނުފެންނަ މަޝްރޫއެވެ.
3. ހައުސިން ޔުނިޓް ތައް އެޅުމަށް 34.8 މިލިޔަން ރުފިޔާ (7 ރަށެއްގެ ޕްރޮޖެޓުން ރަށަކަށް ޖެހޭ ވަރު)- ޗައިނާ އެގްޒިމް ބޭންކް ލޯނުން.
ޗައިނާ ސަރުކާރުގެ އެހީގައި ފްލެޓް އަޅަން ބަޖެޓް ކުރެވުނީ ރައީސް ނަޝީދުގެ 2 އަހަރުގެ ކުރު ވެރިކަމުގައެވެ. އެވެރިކަން ބަދަލުވެ އެޕްރޮޖެޓަށް ވެސް ވަނީ ތަފާތު ބަދަލުތަކެއް އައިސްފައެވެ. މިހާރު ރަށުގެ ދެ ސަރަހައްދެއްގައި އަމަލީ މަސައްކަތް ފެށިފައި ވާ މި ޕްރޮޖެކްޓްގެ ބޮޑުބައި ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ. މިއީ މިހާރު ކުރިޔަށް ދާ ޕްރޮޖެކްޓެކެވެ.
4. ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން 10.1 މިލިޔަން ރުފިޔާ – ދައުލަތުގެ ބަޖެޓުން
މިޕްރޮޖެޓްގެ މާބޮޑު ތަފުސީލެއް އެނގެން ނެތެވެ. ބަޖެޓް ފޮތުން ދައްކަނީ އާ މަޝްރޫއެއްގެ ގޮތުގައެވެ. ނަމަވެސް ފުވައްމުލަކު ނާއިބު ތުއްތު މަގުގެ ނަހަދާ (ތާރު ނައަޅާ) އޮތްބައި ހެދުމަށް ފަށާ ވާހަކަ މިއަހަރު ތެރޭގައި ވެސް ވަނީ ދެކެވިފައެވެ. އެކަމަކު އަމަލީ މަސައްކަތް ނުފެށި ގޮސް އަހަރު ނިމެނީއެވެ.
5. ރިކޮންސްޓްރަކްޝަން އޮފް ހާބަރ 7.0 މިލިޔަން ރުފިޔާ (9 ރަށެއްގެ ޕްރޮޖެޓުން ރަށަކަށް ޖެހޭ ވަރު) އައިޑީބީ ލޯނުން
ބަދަރު މަރާމާތު ކުރުމުގެ ޕްރޮޖެކްޓަކީ ވެސް 2014 އިން ފެށިގެން ވެސް ބަޖެޓްގައި ޖަހަމުން އަންނަ، އަމަލީ މަސައްކަތެއް ނުކުރެވޭ ޕްރޮޖެޓެކެވެ. ބަޖެޓް ފޮތުން އަލަށް ބަނދަރު ހަދާ ރަށްރަށަށް ކަނޑައޅާފައިވާ އަދަދުގެ ތެރޭގައި ފުވައްމުލައް ވެސް ހިމެނިފައި ވިޔަސް ބެލެވެނީ މިއި ފުވައްމުލަކުގެ ބަނދަރު މަރާމާތު ކުރުން ކަމުގައެވެ. މީގެ އިތުރުން ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބައެއް ވެސް ހިމެނާފައި ވެއެވެ.
6. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ މަސައްކަތަށް 5.31 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން
މިޕްރޮޖެކްޓްގެ ދަށުން ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ބެކަޕް ޖެނެރޭޓަރެއް ބަހައްޓައި އޭގެ ޕެނަލް ބޯޑެއް ބެހެއްޓުމާއި ހޮސްޕިޓަލަށް އިތުރުކުރެވޭ ބައެއް ހިމަނާފައި ވެއެވެ. މިއީ އަލަށް ބަޖެޓްގައި ހިމަނާފައިވާ ދެ ޕްރޮޖެކްޓެކެވެ.
7. މާލެގަމު ކައުންސިލް އިދާރާ އެޅުން 4.03 މިލިޔަން ރުފިޔާ – ދައުލަތުގެ ބަޖެޓުން: މިއީ މުޅިން އަލަށް ބަޖެޓްގައި ހިމަނާފައިވާ ޕްރޮޖެކްޓެކެވެ.
8. ސްޕޯރޓްސް އެރީނާ ހެދުން ( 4 ބަށި ކޯޓް، އިންޑޯރ ކޮމްޕްލެކްސް) 3.09 މިލިޔަން ރުފިޔާ – ދައުލަތުގެ ބަޖެޓުން
މިހާރު ވެސް ހިގަމުން ދާ ޕްރޮޖެކްޓެގެ ގޮތުގައި ހިމަނާފައި ވެއެވެ. މިޕްރޮޖެޓްގައި ހިމެނޭ ފުޓްސަލް ދަނޑުތައް ވަނީ އަޅާ ނިމިފައެވެ. ނަމަވެސް މަލްޓިޕާޕަސް ހޯލާއި ބަށި ކޯޓުތަކުގެ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.
9. ކުނި ނައްތާލުމުގެ ނިޒާމުގެ އިންފްރާސްޓަރަކްޗަރ ގާއިމުކުރުމަށް 2.24 މިލިޔަން ރުފިޔާ – ދައުލަތުގެ ބަޖެޓުން
މިއީ މިއަހަރުވެސް ހިމެނި އަމަލީ މަސައްކަތެއް ނުހިނގި ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓުގެ ފައިސާ ވަނީ 2016ގެ ބަޖެޓަށް ގެންގޮސްފައެވެ. އަދި މިހާރު ވަނީ ޓެންޑަރިން މަރުހަލާގައި ކަމަށް ބަޖެޓް ފޮތުގައި ވެއެވެ.
10. އެމްޖޭއެމް މަލްޓި ޕާޕާސް ހޯލު އެޅުން 2.67 މިލިޔަން ރުފިޔާ – ދައުލަތުގެ ބަޖެޓުން.
މިޕްރޮޖެކްޓްގެ މަސައްކަތް އަދި އުޅެނީ ޓެންޑަރިންގައެވެ. އެމްޖޭއެމްގެ 8 ކްލާސް ރުމުގެ މަސައްކަތް މިއަހަރު ނިންމާލެވިފައި ވެއެވެ.
11. ހާފިޒު އަހުމަދު ސްކޫލުގައި 3 ބުރީގެ އިމާރާތެއް، 8 ކްލާސްރޫމާއި ފާޚާނާ އެޅުން 7.17 ލައްކަ ރުފިޔާ، ދައުލަތުގެ ބަޖެޓުން
މިއަހަރު މިޕްރޮޖެކްޓު ހިންގުނު މިންވަރަކީ މަސައްކަތް ބަޔަކާއި ހަވާލުކުރުމެވެ. މިމަސައްކަތް އެވޯޑް ކުރެވިފައިވާ ކަމަށް ބަޖެޓް ފޮތުގައި ވެއެވެ.
މީގެ އިތުރުން މިއަހަރު ބަޖެޓުގައި ހިމަނާފައި ވިޔަސް، އެއްވެސް ކަމެއް ކުރެވިފައި ނުވާ ބައެއް ޕްރޮޖެޓްތައް 2016ގެ ބަޖެޓްގައި ހިމަނާފައި ނެތެވެ. އެގޮތުން ޏ. އޭއީސީގެ ކްލާސް ރޫމް އިމާރާތް ކުރުމަށް 3 ލައްކަ ރުފިޔާ މިއަހަރު (2015) ގެ ބަޖެޓުގައި ހިމަނާފައި ވިޔަސް އެކަމުގެ މަސައްކަތެއް ހިގާފައެއް ނުވެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން އެޕްރޮޖެކްޓް ފެންނާކަށް ނެތެވެ.
އަދި ފުވައްމުލަކު ސްޓޭޑިއަމްގެ މަސައްކަތަށާއި 4 ބޯޅަ ދަނޑު ހެދުމަށް 4.5 މިލިޔަން ރުފިޔާ މިއަހަރުގެ ބަޖެޓްގައި ހިމަނާފައި ވިޔަސް މިކަމުގެ އެއްވެސް މަސައްކަތެއް ނުހިނގައި އޮތްއިރު، އަންނަ އަހަރުގެ ބަޖެޓުން ވަނީ މިބައި އުނިކޮށްފައެވެ.
ބަޖެޓުގައި މިވާ 11 މަސައްކަތް އަންނަ އަހަރު ކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ. ނަމަވެސް އެކަމުގެ އުއްމީދު ވަރަށް ކުޑައެވެ. އެއީ މީގެ ގިނަ ޕްރޮޖެކްޓް ތަކަކީ ކުރިން ވެސް ބަޖެޓުގައި ހިމެނި މަސައްކަތެއް ނުކުރެވި ބަޖެޓަށް ވާރުތަވަމުން އަންނަ މަޝްރޫއުތަކަށް ވާތީ އެވެ.
މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ފުވައްމުލަކުގެ ތަރައްގީއަށް ކުރެވިފައިވާ ކަންތައްތަކާއި މެދު ބުނާނީ ކީކޭ ހެއްޔެވެ؟
ޚިޔާލުތައް