14 ނޮވެމްބަރ 2018 ( ބުދަ )

banner

ޑރ.ހަންނާނުގެ އިލްމުގެއަގު ވަޒަން ކުރުމަށް އިނާމު ދެއްވުމަށްފަހު، މިހާރު އެ އިލްމުގެ ބޭނުން ގައުމަށް ހިފޭނެގޮތަކަށް ސަރުކާރުން އަމަލު ނުކުރައްވަނީ ބާ؟

ޑރ. ހަންނާނު ކޮލިފިކޭޝަން އޮތޯރިޓީން ޓިވެޓަށް ބަދަލު ކުރައްވައިފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ ޑރ. އަބްދުލް ހަންނާނު ވަހީދު ޓިވެޓް އޮތޯރިޓީ އަށް ބަދަލު ކުރައްވައިފިއެވެ. ދިގު މުއްދަތެއްގައި އެމްކިއުއޭގައި އިސް މަގާމުތަކެއް ފުރުއްވަމުން ގެންދެވި ފުވައްމުލަކު ދޫނޑިގަމު ހަންނާނު ވަރަށް ކުއްލި ގޮތަކަށް އެޑިއުކޭޝން މިނިސްޓްރީގެ ދަށުން ޚާއްސަ ކަރިކިއުލަމް ކްލާސްތައް ހިންގާ ޓިވެޓް އޮތޯރިޓީ އަށް މީގެ ދެދުވަހެއް ވަރު ކުރިން ބަދަލުކުރި ސަބަބު އޮޅުން ފިލާ ގޮތް ވަނީ ނުވެފައެވެ.

ޑރ. ހަންނާނު އަކީ މަތީ ތައުލީމުގެ ފެންވަރު ބެލެހެއްޓުމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވައިގެން ރާއްޖޭގައި މިހާތަނަށް ހުންނެވި ހަމަ އެކަނި ފަރާތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މައިގަނޑު މަސައްކަތް ކަމަށްވާ މަތީ ތައުލީމުގެ ފެންވަރު ހިފެއްޓެވުމާއި ބެލެހެއްޓެވުމުގައި ހަންނާނު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ރާއްޖޭގެ މަތީ ތައުލީމުގެ ސަނަދުތައް ގިންތި ކުރެއްވުމުގެ އޮނިގަޑެއް ފުރަތަމަ ހެއްދެވުމުގައި ވެސް ހަންނާނުގެ ވަރަށް އިސްދައުރެއް ވެއެވެ. އަދި ޑރ.ހަންނާނު އަކީ ސައުތު އޭޝިއާ ރީޖަންގައި ވެސް އެދާއިރާއިން ބަސްވިކޭ މެންބަރެކެވެ. ޑރ.ހަންނާނު ވަނީ ޔޫރަޕްގެ ކޮލިފިކޭޝަން މިންގަނޑުގެ އަސްލެއް ކަމަށް ބަލާ “ބޮލޮންގާ ޕްރޮސެސް” އަށް ރާއްޖޭގެ މަތީ ތައުލީމުގެ ކޮލިފިކޭޝަންތައް ފައްތާފައެވެ. އޭނާއަކީ އެދާއިރާއިން ތަޖުރިބާ ހާސިލުކުރައްވައިގެން ހުންނެވި ފުންނާބު  އުސް ފަރާތެކެވެ.

ހަންނާނުއާއެކު އެއޮތޯރިޓީގައި ދެން އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އާސްރާ ވެސް ވަނީ ޓިވެޓް އޮޓޯރިޓީއަށް ބަދަލު ކުރައްވާފައެވެ.

ޓިވެޓް އޮތޯރިޓީން ބަލަހައްޓަނީ އެޑިއުކޭޝަން މިނިސްޓްރީގެ “ދަސްވާރު” ޕްރޮގްރާމާއި “ސްޓެޕް” ޕްރޮގްރާމުގެ އިތުރުން “ބީޓެކް” ޕްރޮގްރާމެވެ.

ހަންނާނު އަކީ ޔާމީނު ސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅަކަށް ވީއިރު ކުއްލި ގޮތަކަށް މިފަދަ ބަދަލެއް އައީ ކީއްވެގެން ކަމާއި މެދު މަތީ ތައުލީމުގެ ދާއިރާގައި އުޅުއްވާ ގިނަ އިސް ފަރާތްތަކުން ވަނީ ހައިރާންކަމެއްގެ ތެރޭގައެވެ. އެހެނީ ހަންނާނު ފަދަ ގާބިލު ބޭފުޅަކު އެބޭފުޅާގެ ޚާއްސަ ދާއިރާއިން އެއްކިބާ ކޮށްލުމަކީ އެދާއިރާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ވާތީއެވެ.

ޑރ.ހަނާންނު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރައްވާފައި ވަނީ 2010- 2014 އަށް އޮސްޓްރޭލިޔާގެ ކްއީންސްލޭންޑް ޔުނިވަރސިޓީގައެވެ. މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައި ވަނީ 2001 ވަނަ އަހަރު އިނގިރޭސި ވިލާތުގެ އީސްޓް ސަސެކްސް ޔުނިވަރސިޓީން އިންޓަރނޭޝަނަލް އެޑިއުކޭޝަން ގެ ދާއިރާއިންނެވެ. ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައި ވަނީ 2001 ވަނަ އަހަރު އަލް އަޒްހަރު ޔުނިވަރސިޓީން ބެޗެލަރ އޮފް އެޑިއުކޭޝަން (އިނގިރޭސި ބަސް ކިޔަވައިދިނުން) ނެވެ.

ޑރ. ހަންނާނު ކޮލިފިކޭޝަން އޮތޯރިޓީން ޓިވެޓް އޮތޯރިޓީއަށް ބަދަލުކުރުމާއި މެދެ ތިޔަބޭފުޅުން ދެކެނީ ކޮން ގޮތަކަށް ބާވައެވެ؟

banner

ކިޔުންތެރިންގެ ޚިޔާލު