24 މެއި 2019 ( ހުކުރު )

banner

ފވމ ދެކުނު ދާއިރާގެ ކެންޑިޑޭޓުން: ކ. އަލީ ފަޒާދު، މުހައްމަދު މުމްތާޒު، އަދި މުހަމައްމަދު އަހުމަދު (މޯޑު)

ފުވައްމުލަކު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް 3 ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް ގާތްގަޑަކަށް ޔަގީން ވެއްޖެއެވެ. ފުވައްމުލައް ސިޓީން އުތުރު އަދި ދެކުނުނަށް 3 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބެލެވެއެވެ. ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރާނެ ކަމަށް ބެލެވެނީ 2 ކެންޑިޑޭޓުން ނެވެ.

ދެކުނު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންނަކީ:

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓް ދޫނޑިގަމު ޒީނިޔާ، މުހައްމަދު މުމްތާޒު އާއި؛

އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އަދި މިހާރުގެ ފުވައްމުލަކު މެދުދާއިރާގެ މެންބަރު، މިސްކިތްމަގު ސަނީ ލޮޖު، އަލީ ފަޒާދު އާއި؛

މުޅިން އަލަށް މިދާއިރާއަށް، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަ ފުނާޑު ފަޅަގަނޑިގ،ެ މުހައްމަދު އަޙުމަދު އަބްދުﷲ (މޯޑު) އެވެ.

މިހާރު އެދާއިރާގެ (ފުވައްމުލަކު ދެކުނު ދާއިރާ) މަޖުލިސް މެންބަރު އަބްދުﷲ މަސީހުއަށް ޕީޕީއެމުން އެދާއިރާގެ ޓިކެޓް ކުރިން ދީފައި ވިޔަސް އޭނާ އެދާއިރާއަށް ވާދަ ނުކުރައްވާނެ ކަމަށް އިއްޔެ ޕީޕީއެމުން ވަނީ ހަމަކޮށްފައެވެ. ކުރިން ވެސް ރަށު ތެރޭގައި މަސީހު މިފަހަރު މަޖުލިސް އިންތިޚާބުގައި ވާދަ ނުކުރާނެ ކަމަށް ބުނެ އަޑުތައް ފެތުރުނެއެވެ. އަދި ޕީޕީއެމުން ޓިކެޓް ދީފައި ވަނީ އޭނާއަށް އެނގިގެން، އަދި އޭނާ އެދިގެނެއް ވެސް ނޫން ކަމަށް ބުނަމުން ދިޔައެވެ. އެކަން އިއްޔެ ޕީޕީއެމުން ވަނީ މީޑިއާގައި ހާމަކޮށްފައެވެ. އެއާއެކު މަސީހު އެދާއިރާއަށް ވާދަ ނުކުރާނެ ކަން ވަނީ ޔަގީން ވެފައެވެ.

ބައެއް މީޑިއާތަކުގައި މަސީހު އެދާއިރާއަށް ވާދަ ނުކުރަނީ ޖޭޕީއަށް ޓިކެޓް ދޫކޮށްލަން ވެގެން ކަމަށް ހާމަކުރަމުން ދިޔަ ނަމަވެސް އެދާއިރާއިން އަދި މިހާތަނަށް ޖޭޕީގެ ކެންޑިޑޭޓަކު ފެންނާކަށް ނެތެވެ. އަދި ކުރިމަތިލާނެ ކަމަށްކަށް ނުވެސް ބެލެވެއެވެ.

4 ދައުރު (20 އަހަރު) ފުރިހަމަ ކުރެއްވުމަށްަފަހު މަސީޙު މިފަހަރު މަޖުލީހަށް ވާދަނުކުރައްވާނެ.

މަސީހުގެ ސަޕޯޓަރުން ތިބީ އަމިއްލަ ގޮތުން އެދާއިރާއަށް ވާދަކުރާ އަލީ ފަޒާދުއަށް ތާއިދުކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

މުޅިން އަލަށް ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރާ މުހައްމަދު އަޙުމަދު އަބްދުﷲ (މޯޑު) އަކީ އެމްޑީޕީގެ ހަރަކާތްތަކުން ކުރިން ފެނުނު ފަރާތެކެވެ. އަދި އެދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ދެވަނައަށް ދިޔަ އަޙުމަދު މައުރޫފުގެ އާއިލީ ފަރާތެކެވެ. މައުރޫފުގެ ޕްރައިމަރީ ކެމްޕޭނުގައި މޯޑު އިސްރޯލެއް އަދާކޮށްފައި ވެއެވެ.

މޯޑު އަމިއްލަ ގޮތުން ކުރިމަތިލަނީ ޕްރައިމަރީން އޭނާ ތާއިދު ކުރި ފަރާތް (ކޮއްކޮ، މައުރޫފު) ބަލިވުމުން އެކަން ބަލައި ނުގަނެވިގެން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެމްޑީޕީ ޕްރައިމަރީގައި މައުރޫފު ވަނީ ގިނަ އަދަދަކަށް ވޯޓް ހޯދާފައެވެ.

ކުރިން އެމްޑީޕީ ހަރަކާތްތަކުން – މިފަހަރު މަޖުލީހަށް އަމިއްލަ ގޮތުން ވާދަކުރާނީ

މޯޑުއަށް ފުނާޑު އަވަށުން އެމްޑީޕީ އަދި ޕީޕީއެމް ވޯޓުގެ ބައެއް ލިބޭނެކަމަށް ބެލެވުނަސް، އޭނާއަށް ލިބޭ ވޯޓުން އިންތިޚާބު ކާމިޔާބުކުރާ ވަރާއި ގާތްވެސް ނުކުރާނެ ކަމަށް ބުނެއެވެ.

މިދާއިރާއިން ވާދަކުރާ 3 ކެންޑިޑޭޓުންގެ ތެރެއިން 2 ކެންޑިޑޭޓުން ނަކީ ފުނާޑު އަވަށަށް ނިސްބަތްވާ  ދެ ކެންޑިޑޭޓުންނެވެ. އެގޮތުން ކުރިން މެދު ދާއިރާގެ މެންބަރުކަން ކުރި އަލީ ފަޒާދުއާއި އާއިލާ މީހުން ވެސް ވަނީ ފުނާޑު އަވަށުގެ ރަޖިސްޓްރީއަށް ބަދަލުކޮށްފައި ވާކަމަށް ވެއެވެ.

މިހާރުގެ ފުވައްމުލަކު މެދުދާިއރާގެ އެމްޕީ: އަލީ ފަޒާދު މިފަހަރު ވާދަކުރަނީ ދެކުނު ދާއިރާއަށް

އެދާއިރާގެ ސިޔާސީ މަސްރަޙާއި މެދު ބަހުސު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިފަހަރުގެ ދޫނޑިގަމު އަވަށުގެ ބޮޑު ބައެއްގެ ވޯޓު މުމްތާޒުއަށް ލިބި ފުނާޑުގެ މަދު ވޯޓު ކޮޅަކުން ވެސް ގޮނޑި ކާމިޔާބު ކުރުމުގެ ފުރުސަތު އޭނާއަށް ބޮޑެވެ. ނަމަވެސް އަލީ ފަޒާދުު (އަލިބެ)އަށް ވެސް ދޫނޑިގަމުން އެކަށީގެންވާ ރަނގަޅު އަދަދެއްގެ ވޯޓު ލިބޭނެ ކަމަށާއި އެއިގެ އިތުރުން ފުނާޑު އަވަށުން މަސީހުގެ ސަޕޯޓަރުން އަދި ޕީޕީއެމްގެ ވޯޓާއެކު އޭނާއަށް ވެސް ގޮނޑި ކާމިޔާބު ވުމުގެ ފުރުސަތު އޮތްކަމަށް ބުނެއެވެ.

މުމްތާޒު އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ބުނޭ.

އަދި މިފަހަރުގެ އެމްޑީޕީ ޕްރައިމަރީގައި ގަދައަށް މަސައްކަތްކޮށް ޕާޓީގެ ނަމުގައި ގިނަ ހަރަކާތްތަކެއް ހިންގައި އޭނާގެ ކޮޅު ބަލިވުމުން އަމިއްލަ ގޮތުން އިންތިޚާބަށް ވާދަކުރުމަކީ އޭނާގެ ސިޔާސީ މުސްތަގުބަލަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެއް ކަމަށް އެމްޑީޕީގެ ސަޕޯޓަރުން ބުނެއެވެ.

ކުރިން އަދާލަތު ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފުނާޑު ކުޑަފަރީގެ، ހަސން އަލީ ދީދީ ވާދަކުރަން ނިންމި ނަމަވެސް ފަހުން ވަނީ އެނިންމުން ބަދަލުކޮށްފައެވެ.  ވުމާއެކު އޭނާ މިފަހަރު މިދާއިރާއަށް ކުރިމަތި ނުލާނެއެވެ.

 

banner


ކިޔުންތެރިންގެ ޚިޔާލު