14 ނޮވެމްބަރ 2018 ( ބުދަ )

banner

ފުވައްމުލަކު ބަނޑާރަ ކިޅީގެ މަނޒަރެއް - ފޮޓޯ ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކުގައި އިކޯ-ޓޫރިޒމް ތަޢާރަފު ކުރަނީ

ފުވަައްމުލަކުގައި އިކޯ-ޓޫރިޒަމް ތައާރަފުކުރުމުގެ ގޮތުން ރަށުގެ ދެކުޅި ހިމެނޭ ސަރަހައްދުގައި އިކޯ-ޓުރިޒަމްގެ އިމާރާތްތައް ޑިޒައިންކުރުމާއި އެހެންހެން ޚިދުމަތް ތަކުގެ އިންޖިނިއަރިން މަސައްކަތަށް މީހުން ހޯދުމަށް އެންވަޔަރުމެންޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ވާރލްޑް ބޭންކުގެ އެހީއާއެކު ހިންގަމުން ގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މިޕްރޮޖެކްޓްގެ ފެސިލިޓީސް ޑިޒައިންކޮށް ޓެކްނިކަލް ސަޕޯޓް ދޭނެ ފަރާތެއް ހޯދުމަށް އެމިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

އިކޯޓޫރިޒަމް ފެސިލިޓީ ޤާއިމުކުރުމަށް ހަމަޖެހިފައި ވަނީ ރަށުގެ ޙިމާޔަތް ކުރެވިފައިވާ ދެކުޅި ސަރަހައްދު ކަމަށްވާ، ބަންޑާރަ ކިޅި އަދި ދަނޑިމަގި ކިޅި ސަރަހައްދުގައެވެ. އިކޯ-ޓޫރިޒަމްގެ އިމާރާތްތައް ޑިޒައިން ކުރުމުގައި ރަށުގެ ލޭންޑްޔޫޒް ޕްލޭން އަދި އެސަރަހައްދަށް ތައްޔާރު ކުރެވިފައިވާ “ވެޓް ލޭންޑް މެނޭޖްމަންޓް ޕްލޭން އަދި އިކޯޓޫރިޒަމް ޕްލޭން” އާއެއްގޮތަށް ޑިޒައިންތައް ތައްޔާރުކުރަން ވަނީ ހުށަހަޅާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮޖެކްޓުގައި ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތަކީ  އިކޯ-ޓޫރިޒަމް ފެސިލިޓީ ޤާއިމުކުރުމަށް އިމާރާތް ކުރަންޖެހޭ ހުރިހާ އިމާރާތެއް ޑިޒައިންކުރުން  އަދި ފެސިލިޓީސްގެ އިންޖިނިއަރިންގ ޑިޒައިން އާއި ބީއޯކިއު ތައްޔާރުކުރުމެވެ. 

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ އާކިޓެކްޗަރއިން ދަށްވެގެން ބެޗްލަރސް ޑިގްރީއެއް ހާސިލު ކޮށްފައި ވާފަރާތަކަށް ވުމަށާއި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުމާއި، އޮޓޯ ކެޑް، ޓޫޑީ އަދި ތްރީޑީކޮށް ކުރަހަން ބޭނުންވާ ސޮފްޓްވެއަރތައް ބޭނުންކުރަން އެނގޭ، ޓިމްބަރ ސްޓްރަކްޗަރ ޑިޒައިން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހުޅުވާލައްވާފައިވާ މިބިޑަށް ކުރިމަތިލައްވާ ފަރާތްތަކުން ފަރާތްތަކުން “އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް” 17 ޑިސެމްބަރު ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މެއިލް، އީމެއިލުން ނުވަތަ ފެކްސްގެ ޒަރީއާއިން ހުށަހަޅަން ޖެހެއެވެ. 

މިޕްރޮޖެކްޓްގެ ޑިޒައިން މަސައްކަތް ކުރުން އަންނަ އަހަރު ޖެނުއަރީ މަހު އޮންނާނެ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ. ނަމަވެސް އިމާރާތް ކުރަން ފަށާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ކުރީގެ އެމްޑީޕީ ސަރުކާރުން ވެސް ފުވައްމުލަކުގައި އިކޯ-ޓޫރިޒަމް ތައާރަފު ކުރުމުގެ ޕްރޮޖެކްޓެއް ގެންގުޅުނު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ފުވައްމުލަކުގައި ގެސްޓް ހައުސް ޓްވަރިޒަމް ތައާރަފުކޮށްފައި ވެއެވެ. ނަމަވެސް މިހާރު ގެސްޓް ހައުސް ޓްވަރިޒަމް ހުއްޓިފައިވާ ކަމަށް ފުވައްމުލަކުގައި ފެންވަރު ރަނގަޅު ދެ ގެސްޓް ހައުސް ހިންގުމުގައި އަމަލީގޮތުން އުޅުއްވި ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު