A wide advertisement which will be shown on all devices. (700 x 100)

ޔޫތު އޮފް ޔުނިޓީ ކޭމްޕް ރޭ ނިންމާލައިފި

ޔޫތު އޮފް ޔުނިޓީ ކޭމްޕްގެ ބައިވެރިން 16 ދުވަހުގެ ކޭމްޕް ރޭ ނިންމާލައިފި. ފޮޓޯ: ޕޮލިސް މީޑީއާ

ފުލުހުން އިސްވެ ތިބެ ކުރިޔަށް ގެންދިޔަ ޔޫތު އޮފް ޔުނިޓީ (ޔޫ) ކޭމްޕް ރޭ ހާފިޒު އަހުމަދު ސްކޫލުގައި ނިންމާލައިފިއެވެ. ޖުމްލަ 44 ކުދިންނާއި ޒުވާނުން ބައިވެރިކޮށްގެން 11 ޑިސެމްބަރުން ފެށިގެން 26 ޑިސެމްބަރަށް ހާފިޒު އަޙުމަދު ސްކޫލުގައި ކުރިޔަށް ގެންދެވުނު މިކޭމްޕް ފުރިހަމަ ކުރެވުނީ 42 ދަރިވަރަކަށް ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުނެވެ.

ޔޫތު އޮފް ޔުނިޓީ ކޭމްޕަކީ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ އަދި ޔުނިސެފުގެ އެހީތެރިކަމާއެކު ފުވައްމުލަކުގައި ތިބި ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ހެޔޮމަގަށް އެޅުވުމުގެ ގޮތުން  ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ. މިހަރަކާތުގައި ފުވައްމުލަކުގެ އެކި އަވަށްތަކުން 14 އަހަރުން ފެށިގެން 21 އަހަރާއި ދެމެދުގެ ކުދިން ބައިވެރި ކޮށްފައި ވެއެވެ. މިކޭމްޕްގައި ކުދިން ބައިވެރިކޮށްފައި ވަނީ ވޮލަންޓްރީ ކޮށްނާއި ފުލުހުން ހިންގި ކެމްޕޭނެއްގެ ތެރެއިން ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން ފުލުހަކު ބުންޏެވެ.

މުޖުތަމިއުގެ ހަވާސާގައި ތިބި ގިނަ އަދަދެއްގެ ކުދިންނަށް މިފަދަ ތަމްރީނުތަކެއް ދެވިގެން ދިއުމުން އެކުދިންގެ ބެލެނިވެރިން ތިބީ ވަރަށް އުފަލުންނެވެ. މިކަލް ނޫހަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނީ  އޭނާގެ ފިރިހެން ދަރިފުޅު ބޮޑުވެގެން އަންނައިރު، މަންމައާއި ބައްޕަގެ ބަސް އަހާ މިންވަރު ދަށްވެފައިވާ ދުވަސްވަރެއްގައި، މިފަދަ ތަމްރީނުތަކުން އޭނާގެ ދަރިފުޅަށް ހެޔޮ ބަދަލެއް އަންނާނެ ކަމާއި މެދު ޝައްކު ނުކުރާ ކަމަށެވެ.

“އަޅުގަނޑުމެން ފުލުހުންގެ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިފަދަ ކަމަކުން ވެސް އަޅުގަޑުގެ ދަރިފުޅު ހެޔޮ ދިރިއުޅުމަކަށް ބަދަލުވުމަށް ވަރަށް ބޮޑު ބާރަކަށް ވާނެ. އަދި ވަޒީފާ ހޯދުމަށް ވެސް އެހީތެރި ވާނެ ކަމަށް އެމީހުން ބުނި”  ބެލެނިވެރިއަކު ކިޔައި ދިނެވެ.

ޔޫތު އޮފް ޔުނިޓީ ކޭމްޕުގައި ދަރިވަރުންނަށް  ދުޅަހެޔޮ ދިރިއުޅުމެއް އުޅެނޭ ގޮތް އަމަލީގޮތުން ދައްކުވައިދީފައި ވެއެވެ. ހަމަ އެގޮތަށް ކުށުގެ ވެއްޓަށް ނުވަދެ ސަލާމަތްވާނެ ގޮތާއި ދީނީ ކަންކަމަށް އަހުލުވެރި ކުރުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ރޭގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކި ކޭމްޕްގެ ބައިވެރިޔަކު ބުނިގޮތުން  އޭނާ ކޭމްޕުގައި ބައިވެރިވީ ހިތާ ދެކޮޅަށް މަންމަގެ އާދޭހުގެ މަތިންނެވެ. އަދި ފުރަތަމަ 2-3 ދުވަހު ކޭމްޕްގައި އުޅުމަށް އުނދަގޫވީ ދިރިއުޅުމުގައި ކުރިން ހަރުލާފައިވާ ރަނގަޅު ނޫން އާދައިގެ ސަބަބުންނެވެ. ނަމަވެސް ފުރަތަމަ ދެތިން ދުވަހަށް ފަހު ކޭމްޕް ވެގެން ދިޔައީ ވަރަށް މަޖާ އުފާވެރި ދުވަސްތަކަކަށް ކަމަށެވެ. ގަޑިން ގަޑިއަށް ނަމާދު ކުރުމާއި ކެއުންބުއިމުގެ ހަރަކާތްތައް ބެހެއްޓުމާއި، ރީތި އާދަތަށް ފަރިތަކުރުން ވެގެން ދިޔައީ ބަލައިގަނެވުނު ރަނގަޅު ހިތް އެދޭ ކަމަކަށެވެ. މިހާރު އޭނާއަކީ ބަރާބަރަށް ގަޑިން ގަޑިއަށް ނަމާދުކުރާ ރީތި އާދަތަކަށް ލޯބިކުރާ ކުއްޖެއް ކަމަށެވެ. އަދި އެއާދަތައް ދިރިއުޅުމުގެ ކުރިޔަށް ހުރި ދުވަސްތަކުގައި ގައިގައި ހަރުލެއްވުމުގެ ފުރިހަމަ އަޒުމުގައި ހުރިކަމަށް ބުންޏެވެ.

“ޔޫތު އޮފް ޔުނިޓީ ކޭމްޕް ފަދަ ގިނަ ކޭމްޕްތައް ފުވައްމުލަކުގައި ބޭއްވިއްޖެ ނަމަ މުޖުތަމިއުގައި ކުށް މަދުކުރެވި، އާއްމުން ހިތްއެދޭ ފަދަ މާހައުލެއް ގާއިމުކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ” ރޭގެ ނިންމުމުގެ ރަސްމިއްޔާތުގެ ބައިވެރިޔަކު ޚިޔާލު ފާޅުކުރިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !