17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލަކުގައި ކުރިއަށްގެންދިޔަ ޔޫތު އޮފް ޔުނިޓީ (ޔޫ) ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު. ފޮޓޯ: ޕޮލިސް

ޔޫތު އޮފް ޔުނިޓީ ކޭމްޕުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ރަހާ

ފުވައްމުލަކުގައި ކުރިއަށްގެންދިޔަ ޔޫތު އޮފް ޔުނިޓީ (ޔޫ) ކޭމްޕު ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ފުވައްމުލަކު ހުރާ އަބްދުﷲ ރަހާ ހޮވައިފިއެވެ.

ފުލުހުން ވިދާޅުވީ އެކިއެކި ކަންކަމާހުރެ ނިޒާމީ ތަޢުލީމީ މަރުހަލާ ފުރިހަމަނުވެ މުޖުތަމަޢުގެ ހަވާސާގައި އުޅޭ ފުރާވަރުގެ ކުދިންނާ ޒުވާނުން ޒިންމާދާރު ބަޔަކަށް ހަދައި ސިފަވަންތަ ދިރިއުޅުމަކަށް މަގުފަހިކޮށްދީ ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ކުރެވޭ ގިނަ މަސައްކަތްތަކާއެކު ފުވައްމުލަކުގައި ހިންގި ޔޫތު އޮފް ޔުނިޓީ (ޔޫ) ކޭމްޕުގައި 42 ކުއްޖަކު ކޭމްޕު ފުރިހަމަ ކުރިއެވެ.

ޔޫ ކޭމްޕު ކުރިއަށް ގެންގޮސްފައި ވަނީ ޑިސެމްބަރ 11 އިން 26 އަށް ފުވައްމުލަކު ހާފިޒް އަހްމަދު ސުކޫލްގައެވެ. ކޭމްޕު ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިމެހްމާން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒާހިދު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިޖުތިމާޢީ ފޭރާން ގަބޫލުކުރާ މިންވަރަށްވުރެ ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތާފަތު ޕްރޮގްރާމުތަކެއް ހިންގައި އިޖުތިމާޢީ އަދާލަތާއި އިޖުތިމާޢީ ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި ފުލުހުން ގިނަގުނަ މަސައްކަތްތަކެއް ކުރާކަމަށެވެ.

މި ކޭމްޕުގެ ސްކޮޑްތަކުން އެންމެ ރަނގަޅު ދަރިވަރުން ހޮވާފައިވާއިރު ފޮކްސް ސްކޮޑުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ޢަބްދުﷲ މައުސޫމް އަޙްމަދުއެވެ. ގޮލްފް ސްކޮޑުން އެންމެ ރަނގަޅު ދަރިވަރަކަށް އަޙްމަދު ސަމީން ޖިހާދު ހޮވުނުއިރު ޝިއަރާ ސްކޮޑުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ މުޙައްމަދު ޒިދާން ޔާސިރުއެވެ.

ޕާޕާ ސްކޮޑުން އެންމެ ރަނގަޅު ދަރިވަރަކަށް ޢަބްދުﷲ ރަޙާ ހޮވުނުއިރު ކޭމްޕުން އެންމެ ހިތްވަރުގަދަ ދަރިވަރަކަށް ހޮވިފައިވަނީ ޢަބްދުﷲ ނޫރު އިބްރާހިމްއެވެ. އަދި ކޭމްޕުން އެންމެ ރަނގަޅު މުދައްރިބަކަށް ޙަސަން މުތީޢު ހޮވުނުއިރު މުޅި ކޭމްޕުން އެންމެ ރަނގަޅު ސްކޮޑަކަށް ހޮވިފައިވަނީ ޝިއަރާ ސްކޮޑްއެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ ކޭމްޕުގެ ބައިވެރިންގެ ތެރެއިން 8 ދަރިވަރަކަށް ފުވައްމުލަކުގެ ހަމަ އިންވެސްޓްމަންޓްގެ ފަރާތުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފައެވެ. މިރަސްމިއްޔާތުގައި ކޭމްޕުގެ ބައިވެރިންގެ ހަރަކާތްތަކެއްވެސް ހުށަހަޅައިދީފައިވެއެވެ.

ފުލުހުން ވިދާޅުވީ މި ކޭމްޕުގައި ބައިވެރިންނަށް ދިރިއުޅުމުގެ ހަރުދަނާ އުޞޫލުތައް ދަސްކޮށްދިނުމުގެ އިތުރުން ދީނީ ކަންކަމަށް އިސްކަންދިނުމަށް ބާރުއަޅައި، ދުޅަހެޔޮކަންމަތީ ދެމިތިބުމަށް ކަސްރަތުގެ މުހިއްމުކަން އޮޅުންފިލުވައިދީ ކުށުގެ ނުރައްކަލުގެ ތެރެއަށް ނުގޮސް ޒިންމާދާރު ރައްވެއްސެއްގެ ގޮތުގައި މުޖުތަމަޢުގައި ދެމިހުރުމަށް ބޭނުންވާ ގިނަގުނަ ޙަރަކާތްތަކެއް އޮޅުންފިލުވައި ދީފައިވާކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު