23 މާރިޗު 2019 ( ހޮނިހިރު )

banner

ހުޅުމީދޫއިން ފުވައްމުލަކަށް ލޯންޗު ފެރީ - އަގު 290 ރުފިޔާ ކޮޅަކަށް

ލޯންޗު ފެރީ ދަތުރުން ހުޅުމީދޫ އާއި ފުވައްމުލައް ސިޓީ ގުޅުވާލަނީ

މާދަމާއިން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫއާއި ފުވައްމުލައް ސިޓީ ފެރީ ލޯންޗުން ގުޅުވާލުމުގެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ (5 މާރޗް 2019) ވާ އަންގާރަ ދުވަހު ހެނދުނު ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކުން ނެވެ.

ހުޅުމީދޫ – ފުވައްމުލައް ލޯންޗު ދަތުރުތައް ރޭވިފައިވާ ގޮތުން ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ހުޅުމީދޫ ކޮޅުން ސީދާ ފުވައްމުލަކު ބަނދަރަށް ދަތުރުކުރުމަށް ވަނީ ހަމަހަޖެހިފައެވެ. ނަމަވެސް ފުވައްމުލަކުން ސީދާ ހުޅުމީދޫއަށް ދިއުމަށް ތާވަލް ކުރެވިފައި ވަނީ ހަފުތާގެ އަންގާރަ ދުވަހު އެކަންޏެވެ.

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދާ މިފެރީ ދަތުރު ތަކުގައި ޓިކެޓް ގަތުމަށް ގުޅުމަށް ދީިފައިވާ ނަމްބަރަކީ، 6899339 އާއި  9552448 އެވެ. އަދި ޓިކެޓްގެ އަގަކީ ކޮޅަކަށް 290 ރުފިޔާއެވެ. ކުޑަކުދިންނަށް (2 އަހަރުން ދަށް) ބެލެނިވެރިއަކާއެކު ހިލޭ ދަތުރުކުރެއެވެ.

ހުޅުމީދޫ -ފުވައްމުލައް އެމްޕީއެލް ލޯންޗު ފެރީ ތާވަލް

މިއާއެކު އެމްޕީއެލް އިން ދެކުނުނުގައި ފެރީގެ ޚިދުމަތް ދެނީ އައްޑޫ ފޭދޫން އިން ހުޅުމީދޫއަށް ދެކޮޅަށް، ފޭދޫ އިން ފުވައްމުލަކަށް ދެކޮޅަށެވެ. މީގެ އިތުރުން ގދ. ފަރެސް މާތޮޑާއިން ފުވައްމުލައްކަށް ދެކޮޅަށް ފެރީގެ ޚިދުމަތް ދިނުމަށް ވެސް ދާދި ފަހުން ވަނީ ފަށާފައެވެ.

ނަމަވެސް އެމްޕީއެލްގެ މި ޚިދުމަތްތަކަށް ޓިކެޓް ގަތުމުގައި ދިމާވާ ދަތި ތަކުގެ ވާހަކަ އާއްމުން ދައްކައެވެ. ރަސްމީ ގަޑިގައި ނޫނީ ފޯނުން ވެސް ރިޒަވޭޝަން ހެދޭގޮތެއް ނޯންނަ ކަމުގެ ޝަކުވާ ގިނައެވެ. ގިނަފަހަރާ ޓިކެޓް ބާރުބޮޑުވެގެން ފެރީ ޓާމިނަލުގައި ޓިކެޓް ގަތުމަށް ކިއު ހަދައިގެން ނޫނީ ޓިކެޓް ނުލިބޭ ކަމަށްވެސް ބުނެއެވެ.

ޚާއްސަކޮށް ފުވައްމުލަކުން ފޭދޫއަށް ދަތުރު ކުރުމަށް ޓިކެޓް ހޯދުމުގައި އުނދަގޫ ކަމަށް މީހުން ބުނެއެއެވެ. އަދި އެންމެ އުނދަގޫ ކަމަކީ އެއްފަހަރާ ދެކޮޅު ޓިކެޓް ގަންނަން ފުރުސަތު ނުލިބޭތީ ކަމަށް އާއްމުން މައުލޫމާތު ދެއެވެ.

އެމްޕީއެލް ފެރީ ޓިކެޓް މިހާރަށްވުރެ ފަސޭހަ ގޮތަކަށް ގަންނަން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ދަތުރުވެރިންނަށް ދުރާލަ ރާވައިގެން ދަތުރުތައް ކުރުމަށް ފަސޭހަވެގެންދާނެ ކަމަކެވެ.

މިހާރުގެ ޒަމާނަކީ މޯބަިއލް އެޕަކުން ބޭނުން ކަންތައްތަކަށް ފުރުސަތު ހުޅުވިފައިވާ ޒަމާނަކަށް ވާއިރު އެމްޕީއެލްގެ ޓިކެޓްވެސް އޮންލައިންކޮށް ގަނެވޭގޮތް ހެދުމަކީ އެހާ އުނދަގޫ ކަމަކަށް ނުބެލެވެއެވެ.

ފޭދޫ-ފުވައްމުލައް އެމްޕީއެލް ލޯންޗު ފެރީ ތާވަލް

ފުވައްމުލަކު މީހުންނާއި އައްޑޫ ހުޅުމީދޫ މީހުންނަކި ގާތް ބައެކެވެ. އާއިލީގޮތުން ތިމާގެ މީހުންނާއި ރައްޓެހިން އައްޑުގެ އެހެން ރަށްތަކަށް ވުރެ ހުޅުމީދޫގައި ގިނަވާނެކަމަށް ފުވައްމުލަކު މީހުން ގަބޫލުކުރެއެވެ. މިކަމަށް ހެކިދޭ ތާރީޚީ ހާދިސާތަކެއް ވެސް މި ދެރަށާއި ގުޅިފައި ވެއެވެ.

ޚާއްސަކޮށް މީދޫގެ ކުދިން ސެކަންޑަރީ ތައުލީމު ހާސިލު ކުރުމަށް ޏ. އަތޮޅު ތައުލީމީ މަރުކަޒު ކުރިން ޚިޔާރުކުރަމުން އައެވެ.

ފެރީގެ މިގުޅުމާއެކު ހުޅުމީދޫ އާއި ފުވައްމުލަކުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ބެލެވެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު