24 ޖުލައި 2019 ( ބުދަ )

ޏ.އޭއީސީ ގައި ކުރިޔަށް ސިތާނާ ސްޓޯރ ސޭލް. ފޮޓޯ މިކަލް ނިއުސް

މިއަހަރުގެ ސިތާނާ ސްޓޯރު ސޭލް މިއަދު ފަށައިފި

ފުޅާދާއިރާއެއްގައި ފުވައްމުލަކުގައި ވިޔަފާރި ކުރަމުން އަންނަ ސިތާނާ ސްޓޯރުގެ މިއަހަރު ސޭލް މިއަދު ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ފަށައިފިއެވެ. މިއަދު ހެނދުނު ތައުލީމީ މަރުކަޒުގައި މިފެށި ސޭލްގައި މުދާތަކުގެ އަގު ވަނީ %20 ން %50ށް ކުޑަކޮށްފައި ކަމަށް ފިހާރައިގެ ފަރާތުން މައުލޫމާތު ދިނެވެ.

މިފަހަރު ސޭލް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 1 ން 4 ށް ކަމަށް ސޭލްގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން މައުލޫމާތު ދިނެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު 8 ން ރޭގަޑު 10ށް ސޭލް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސިތާނާ ފިހާރައިން އަންނަނީ ކޮން އަހަރަކު 2 ފަހަރު މިސޭލް ހަރަކާތްތައް ބާއްވަމުންނެވެ. މިއީ އެގޮތުން ސޭލް ބާއްވާ 7 ވަނަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ. ފުރަތަމަ ފިހާރައިގެ ތެރޭގައި ފެށި ނަމަވެސް ފަހުން ފުވައްމުލަކުގައި ބާއްވާ ސޭލް ބަދަލުކޮށްފައި ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލަށެވެ. އެއީ ގިނަބަޔަކަށް ފަސޭހައިން މުދާ ބަލާލުމުގެ ފުރުސަތު ހޯދައިދީ ވިޔަފާރި ކުރުމަށް ފަހި މާހައުލެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއްމަށް މައުލޫމާތު ލިބެއެވެ.

މިފަހަރުގެ ސޭލްގައި ވެސް ވަނީ ވަރަށް ގިނަ ބާވަތްތަކުގެ މުދާ ހިމަނާފައެވެ. އޭގެތެރޭގައި ސްކޫލު ކުދިންނަށް ބޭނުންވާ އަންޑަރ ގާމެންޓްސް ، ބޫޓު، ޓެނިސް، އިންޓަވަލް ތައްޓާއި ފުޅި، ދަބަސް ފަދަ ތަކެތީގެ އިތުރުން ވާހަކަ ފޮތް، ޕްރީސްކޫލް ކުދިންގެ މައިންޑް ގޭމްސް، ކުޅޭތަކެތި ހިމެނެއެވެ. އަދި އާއްމު ބޭނުންތަކުގެ ވަރަށް ގިނަ ސާމާނު ވެސް މިސޭލް ގައި ހިމަނާފައިވެއެވެ.

ސިތާނާ ސްޓޯރުގެ ސޭލަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ކޮންމެ ފަހަރަކު ވެސް ލިބެއެވެ. އެގޮތުން މިއަދު ހެނދުނު ސޭލް ހުޅުވުމާއެކު ވެސް ގިނަ ބަޔަކު ސޭލަށް ޒިޔާރަތްކޮށް ހެޔޮއަގުގައި މުދާ ބައްލައްވައިގެންފައި ވެއެވެ.

ސިތާނާ ސްޓޯރުގެ ސޭލް ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ނިމުނު ޑިސެމްބަރު މަހު 18 ން 23ށް ގދ. ފަރެސް މާތޮޑާ، ގދ. ގައްދޫ އަދި ގއ. ގެމަނަފުށީގައި ސޭލް ބާއްވާފައި ވެއެވެ. މިފަދަ ސޭލެއް އެރަށްރަށުގައި ބޭއްވޭތީ އެރަށްތަކުގެ ގިނަ ރައްޔިތުން ތިބެނީ ވަރަށް އުފަލުންނެވެ. އަދި އެސޭލަށް އެމީހުން ކުރާ އުއްމީދު ހާމަވެގެންދަނީ ދުރާލަ އެމީހުން ކުރާ އިންތިޒަރާއި ސޭލް ބޭއްވޭ 1 ނޫނީ 2 ދުވަހު އެހެން ކަންކަމުން ހުސްވެ ސޭލުން ވިޔަފާރި ކުރުމަށް ވަމުންދާ ތައްޔާރީ އިންނެވެ. ކޮންމެ ފަހަރަކު ވެސް ވަރަަށް ގިނަ ވިޔަފަރި މިރަށްރަށުގެ މީހުން ސޭލުން ކުރެއެވެ.

މިކަލް ނޫހައި ވާހަކަ ދެއްކި ގދ. ފިޔޯރީ މީހަކު ބުނީ އެމީން މިފަހަރު ވެސް ތިބީ އެރަށުގައި ސިތާނާ ސްޓޯރުގެ ސޭލް ބޭއްވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އަދި އެސޭލުން އަގު ހެޔޮކޮށް މުދާ ލިބޭތީ އަދިވެސް އެމީހުން ސިތާނާ ސްޓޯރުގެ ސޭލް އެރަށުގައި ބޭއްވޭނެ ކަމަށް އުއްމީދުކުރެވެ. މީގެ އިތުރުން ވެސް ހުވަދުއަތޮޅުގެ ބައެއް ރަށްރަށުން ސޭލް ބޭއްވުމަށް އުއްމީދުކުރެއެވެ.

ކުރިޔަށް އޮތް އަހަރު ތަކުގައި ހުވަދޫއަތޮޅުގެ އިތުރު ރަށްތަކަށް ވެސް ސޭލް ދަތުރު ދިއުމަށް ވިސްނަމުން ދާކަމަށް ސިތާނާ ސްޓޯރުގެ އިސް އޮފިިޝަލަކު ހާމަކުރެއްވި އެވެ.


ކިޔުންތެރިންގެ ޚިޔާލު