24 ޖުލައި 2019 ( ބުދަ )

ފުވައްމުލަކަށް ކުރަމުންދާ ވިއްސާރައިގައި ގެއެއްގައި ފެންބޮޑުވެފައި. ފޮޓޯ: އަތޮޅު ކައުންސިލް

ފެންބޮޑުވެ ގިނަ ގެތަކަށް ގެއްލުންތަކެއް ލިބިއްޖެ

އިއްޔެ އިން ފެށިގެން ފުވައްމުލަކަށް ކުރަމުންދާ ވިއްސާރައިގައި ގެތަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުވައްމަލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފް މިއަދު ވިދާޅުވީ ފުވައްމުލަކަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ގެތަކަށް ފެންވަނދެ ގެއްލުންތަކެއް ވެފައިވާކަމަށާއި ނަމަވެސް ގެއްލުންތަކުގެ ތަފްސީލް އަދި މުޅިން ކަށަވަރު ނުވާކަމަށެވެ.

“ގެއްލުންތަކުގެ ތަފްސީލް އެގިގެންދާނީ، މާދަމާ ރަށު ކައުންސިލްތަކުން އެއަވަށްތަކަށް ލިބިފައިވާ ގެއްލުންތައް އަތޮޅު ކައުންސިލަށް ހުށަހެޅުމުން، ނަމަވެސް މިހާރުވެސް ބައެއް އަވަށްތަކުގެ މައުލޫމާތު ނުރަސްމީކޮށް ލިބެމުން އެބަދޭ، އެގޮތުން މިސްކިތްމަގު އަވަށުގެ ބައެއް ގެތަކަށް ފެންވަނދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު އެބަލިބޭ” ފަލާހް ވިދާޅުވިއެވެ.

ދެކުނު އަތޮޅު ތަކަށް ކުރަމުންދާ ވިއްސާރައިގައި ރެއާއި މިއަދު ފުވައްމުލަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ ހުރިހާ މަގެއްގައި ފެންބޮޑުވެފައިވެއެވެ. އަދި ފެންވަނދެ ގެއްލުން ލިބުނު ގެތަކުން އެމްއެންޑީއެފް އިން ފެން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ފުވައްމުލަކުގައި ފެން ހިންދުމަށް ބޭނުންކުރާ ކާނުތައް މިއަދު ހުޅުވާލާފައިވާ ކަމަށް ކައުންސިލްތަކުން ބުނެފައިވެއެވެ.

މިދިޔަ އަހަރުވެސް ފުވައްމުލަކަށް ކުރި ވިއްސާރައިގައި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް އެގެއްލުންތަކުގެ އެއްވެސް ބަދަލެއް މިހާތަނަށް ލިބިފައި ނުވާކަމަށް އަތޮޅު ކައުންސިލްގެ ރައީސް ފަލާހް ވިދާޅުވިއެވެ.

“މިދިޔަ އަހަރު ކުރި ވިއްސާރައިގައި ގެއްލުންވި ތަކެއްޗާއި ގެތަކުގެ ތަފްސީލްވަނީ ޑިޒާސްޓަރ މެނޭޖްމަންޓް އަށް ފޮނުވާފައި، ނަމަވެސް މިހާތަނަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ” ފަލާހް ވިދާޅުވިއެވެ.

މިދިޔަ އަހަރު ކުރި ވިއްސާރައިގައި ގިނަ ގެތަކަށް ގެއްލުންވުމުން ރައީސް އަބްދުﷲ ޔާމީން އޭރު ވިދާޅުވީ ގެއްލުންތައް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. ނަމަވެސް އޭގެ ފަހުން އައްޑު އަށް ކުރި ވިއްސާރައިގައި ގެއްލުންވި ފަރާތްތަކަށް ފައިސާގެ ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު