24 ޖުލައި 2019 ( ބުދަ )

ފުވައްމުލަކު ޕޮލިސް ސްޓޭޝަން

ފިހާރަތަކަކުން ވައްކަންކުރި ބަޔަކު އަތުލައިގެންފި

ފުވައްމުލަކުގައި އެކި ދުވަސްމަތިން އެކި ފިހާރަތަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މި ޖެނުއަރީ މަހުގެ އެކި ދުވަސް މަތިން ފުވައްމުލަކުގެ އެކި ފިހާރަތަކުން ވައްކަން ކުރިކަމުގެ ތުހުމަތުކުރެވޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ފުވަމުލަކު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރުގެ ދެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 15 އަހަރުގެ ކުޑަކުއްޖެއްގެ އިތުރުން 13 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

“މިމީހުންގެ ތެރެއިން 21 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާގެ އިތުރުން 15 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުގެ އެކި ވަގުތުތަކުގައި، އަދި 21 އަހަރުގެ މީހާއާއި 13 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ އެކި ވަގުތުތަކުގައި” ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިމީހުން ދިރިއުޅެމުންދާ ގެތައް ބަލައިފާސްކުރިއިރު ބައެއް ގެތަކުން ފުވައްމުލަކު އެކި ފިހާރަތަކުން ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނިފައިވާ ކަމަށެވެ.

“ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން 13 އަހަރުގެ ކުއްޖާ ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާއިރު ދެން ތިބި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން މީހަކު މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައި، އެގޮތުން 21 އަހަރުގެ އެކަކު ދޫކޮށްލާފައިވާއިރު 19 އަހަރުގެ މީހާއާއި 15 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވޭ، އަދި 21 އަހަރުގެ މީހާއަށް ވަނީ 8 ދުވަހުގެ މުއްދަތެއް ދީފައި” ފުލުހުން ވިދާޅުވިއެވެ.

ފުވައްމުލަކުގައި ދޭތެރެ ދޭތެރެއިން ވައްކަމުގެ މައްސަލަތައް ގިނަވެއެވެ. އެގޮތުން ދާދި ފަހުން މިސްކިތްމަގު އަވަށުގެ ދެ ފިހާރައެއްގެ ބިއްލޫރިތައް ތަޅާލައި ބައެއް ތަކެތި ނަގާފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު