24 ޖުލައި 2019 ( ބުދަ )

ރަންދިހަ ފަހެއްގެ އާ ނޫޓް ބޭނުުން ކުރަން ފެށުމުގެ ރަސްމިއްޔާތު ފުވައްމުލަކުގައި މިއަދު ބާއްވައިފި. ފޮޓޯ: ޝާފީ

ރަންދިހަ ފަހެއްގެ އާ ނޫޓު މިއަދު ފުވައްމުލަކުގައި ވެސް ބޭނުުން ކުރަން ފަށައިފި

ރާއްޖޭގައި ރަންދިހަ ފަހެއްގެ އާ ނޫޓު ބޭނުން ކުރަން މިއަދު ފަށައިފިއެވެ. އެގޮތުން ފުވައްމުލަކުގައި އާ ނޫޓު ބޭނުންކުރަން ފައްޓަވައި ދެއްވީ އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ހުސައިން ޝާފީ އިބްރާހިމްއެވެ. ފުވައްމުލަކުގައި އާ ނޫޓް ބޭނުން ކުރަން ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް ފުވައްމުލަކު ބްރާންޗުގައެވެ..

ރަންދިހަ ފަހެއްގެ އާ ނޫޓު ބޭނުން ކުރަން ފެށުމުގެ ގޮތުން ޝާފީ ވަނީ އޭޓީއެމުން އާ ނޫޓްތައް ނަގައި އާއްމުންނަށް ދައްކާލާފައެވެ. މިރަސްމިއްޔާތަކީ މުޅި ރާއްޖޭގައި އެއްވަގުތެއްގައި ކުރިޔަށް ގެނދިޔަ ހަރަކާތެއް ކަމަށް ޝާފީ ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކުގައި ވެސް ނޫޓް ބޭނުން ކުރަން ފެށުން ބޭއްވުނީ މިއަދު 2:00 ގައެވެ.

ކުރީގެ ނޫޓާއި އަޅާބަލާއިރު ފެންވަރުގެ ގޮތުން ވަރަށް މޮޅު އަދި އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތަކުން ވަރުގަދަކުރެވިފައިވާ މިނޫޓަކީ ދުނިޔޭގައި ވެސް މިވަގުތު ބޭނުން ކުރެވޭ ފެންވަރު ރަނގަޅު ނޫޓް ތަކުގެ ތެރޭގައި ހިމެނޭނެ ނޫޓުތަކެއް ކަމަށް އެމްއެމްއޭ އިން ވިދާޅުވެފައިވެއެވެ.

ކުރީގައި ވެސް ބޭނުން ކުރަމުން އައި ގޮތަށް “ރަންދިހަ ފަހެއް” ސީރީސްގައި ވެސް 6 ނޫޓު ހިމެނޭ އިރު ތަފާތަކީ އެކި ނޫޓުތަކުގެ ސައިޒު އެކިވަރު ވުމާއި ކުރީގެ 5 ރުފިޔާގެ ނޫޓް އުވާލެވި، އިތުރަށް 1000 ރުފިޔާގެ ނޫޓް ތައާރަފު ކުރުން ހިމެނެއެވެ. އަދި ލޯފަން މީހުންނަށް ވެސް އަދަދުތައް ދެނެގަނެވޭ ގޮތަށް ނޫޓުތަކުގައި އެމްބޮސް ކުރެވިފައިވާ ވަކި ޚާއްސަ ބައްޓަމެއް ނުވަތަ “ޝޭޕެއް” ކޮންމެ ނޫޓެއްގައި ވެސް ހިމަނާފައި ވެއެވެ.

އާ ނޫޓު ތައާރަފު ކުރެވުމާއެކު، ކުރީގެ ނޫޓްތައް ވިޔަފާރިގައި ބޭނުންކުރެވޭނީ އަންނަ މޭމަހުގެ ނިޔަލަށް ކަމަށް ވަނީ ހަމަޖައްސާފައެވެ. އެއިގެ ފަހުން ކުރީގެ ނޫޓު ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރެވޭނެއެވެ. ނަމަވެސް މޯލްޑިވްސް މަނިޓަރި އޮތޯރިޓީން ބަދަލުކޮށް ދެވޭނެއެވެ. އަދި އައުނޫޓަށް ބަދަލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އާ ފައިސާގެ ގޮތުގައި 5 ރުފިޔާ ކޮއިން ( ރުފިޔާ ފޮތި) ވަނީ ތައާރަފުކޮށްފައެވެ. ނަމަވެސް މިހާތަނަށް އަދި ބޭނުންކުރަން ނުފަށައެވެ. 5 ރުފިޔާ ކޮއިނަކަށް ބަދަލުވުމުން އެއިގެ ދައުރުވުން ކުޑަވެގެންދާނެ ކަމަށް މާހިރުން ދެކެއެވެ.


ކިޔުންތެރިންގެ ޚިޔާލު