A wide advertisement which will be shown on all devices. (700 x 100)

ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ ދިވެހި ޤައުމު މިނިވަން ކަމާއިއެކު މިއަދާއި ހަމައަށް ގެނެސްދެއްވުން- ނާއިބު ރައީސް

ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ، ދިވެހި ކާބަފައިން، ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާ ހަމަޔަށް ގެނެސްދެއްވުންކަމަށާއި ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ މި އަގުބޮޑު ހަދިޔާ، އަދި ދިވެހިންނަށް ލިބިފައިވާ އިސްލާމީ ހިދާޔަތުގެ އަލިކަން، ތާއަބަދު ދެމިއޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ތަފާތު އެކި އޮއިވަރުގައި ވިސްނަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރިކަމަށާއި، މި އޮއިވަރުގެ ތެރޭގައި ދިވެހިން ތިބެންޖެހޭނީ އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތާރީޚް ހެކިދޭގޮތުގައި މިފަދަ ގިނަ ހާދިސާތައް ރާއްޖޭގައި ހިނގާފައިވަނީ ދިވެހިންގެ ތެރެއިން ބަޔަކު ދިވެހި ޤައުމަށް ޣައްދާރުވުމުންކަން ފާހަގަކުރައްވައި މިއީ މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު ލިބިގަންނަންވީ ޢިބްރަތެއް ކަމުގައި ވިދާޅުވެ މިފަދަ ކަންކަމަށް ސަމާލުވުމަށް ގޮވައިލެއްވިއެވެ.

މީގެ އިތުރުން މިހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާތަކުގެ ދިފާޢުގައި ނުކުމެވަޑައިގެން ޝަހީދުވެވަޑައިގެންނެވި ބަޠަލުންގެ ޒިކުރާ އާ ކުރައްވައިފައެވެ. އަދި، ތަފާތު އެކިފަހަރު މަތިން ދިވެހިންގެ ޤައުމިއްޔަތާއި، ދީނާއި މުޅި ޤައުމަށް ކުރިމަތިވި އެކިކަހަލަ ޢުދުވާނީ ޙަމަލާތަކުން ދިވެހި ރައްޔިތުންނާއި ޤައުމު ސަލާމަތް ކުރުމަށްޓަކައި އެބޭފުޅުން ކުރެއްވި މަތިވެރި ޖިހާދަކީ ދިވެހިންގެ ހިތްތަކުގައި ތާއަބަދު ދިރިދެމި އޮންނާނެ ކަންތައްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !