20 ޖުލައި 2019 ( ހޮނިހިރު )

ފުވައްމުލައް ސިޓީ ރިންގް ރޯޑް ޑިޒައިން ކުރެވިފައިވާ ގޮތާއި ފެންހިންދާ ނިޒާމުގެ ކުރެހުމެއް

ފުވައްމުލައް ސިޓީ މަގުހެދުުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާއްމު ބައްދަލުވުމެއް މިއަދު ބާއްވަނީ

ފުވައްމުލައް ސިޓީގެ މަގުތައް ހެދުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާއްމު ބައްދަލުވުމެއް މިއަދު ބާއްވަން ސިޓީި ކައުންސިލުން ހުޅުވާލައިފިއެވެ. މިއަދުގެ މަޝްވަރާ ބައްދަލުވުން ރޭވިފައި ވަނީ މިއަދު މެންދުރު ފަހު 13:00 ގައި ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަ މުހައްމަދު ޟިރާރުގެ ފޭސްބުކް ސްޓޭޓަސްގައި ވާ ގޮތުން މިއަދުގެ ބައްދަލުވުމަކީ ފުވައްމުލަކުގެ މަގުތައް ހެދުމުގައިޔާއި ޑިޒައިން ކުރުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓރީގެ ޓެކްނިކަލް ޓީމަކާއެކު ބާއްވާ ބައްދަލުވުމެކެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން މިބައްދަލުވުމުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފުވައްމުލަކު ރިންގް ރޯޑު ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް އެކަމުގައި ރައްޔިތުންގެ ޚިޔާލު އިތުރަށް ހޯދަން ޖެހޭކަމަށް ފެންނާތީ ކުރިޔަށް ގެންދެވޭ ބައްދަލުވުމެއް ކަމަށް ވެއެވެ.

ފުވައްމުލައް ސިޓީ ރިންގް ރޯޑްގައި މަގުބައްތި ހުންނަ ގޮތާއި ފެންހިންދާ ނިޒާމުގެ ކުރެހުމެއް

މިސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ފުވައްމުލަކު ސްކޫލް ކުރިމަތީގައިވާ މަގު ފުޅާކުރުން ހިމެނިގެން އެމަސައްކަތް ވަނީ ނިންމާލާފައެވެ.

މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި މާދަމާ ފުވައްމުލަކު ރިންގް ރޯޑުގެ މަސައްކަތް ރަސްމީކޮށް އިފުތިތާޙު ކުރުމަށް ވަނީ ތައްޔާރުވެފައެވެ. ނަމަވެސް މިއަދުގެ ރައްޔިތުންގެ މަޝްވަރާއަށް ބަލައި މަގުގެ ޑިޒައިނާއި މެދު ފައިނަލް ގޮތްތަކެއް ނިންމައިގެން ނޫނީ މަސައްކަތް ކުރިޔަކަށް ނުގެންދާނެ ކަމަށް ވެއެވެ.

ކުރިޔަށް އޮތް ތަނުގައި ރަށްރަށުގެ މަގުތައް ހެދުމުގެ މަސައްކަތަކުގައި، ކައުންސިލުން މިހާރަށްވުރެ އިސް ދައުރެއް އަދާކުރާ ގޮތަށް ސަރުކާރުން ވިސްނަވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.ކިޔުންތެރިންގެ ޚިޔާލު