19 މެއި 2019 ( އާދީއްތަ )

banner

ފުވައްމުލަކު ސިޓީ ކައުންސިލުން ޓެކްނޮލޮޖީ މިނިސްޓަރާއި ބައްދަލުކޮށްފި

ފުވައްމުލަކު ސިޓީ ކައުންސިލުން މިނިސްޓާ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލާއި ބައްދަލުކޮށްފިއެވެ. މިބައްދަލު ކުރެއްވުމުގައި ފުވައްމުލަކުގައި އައިސީޓީ ކެމްޕަސް ގާއިމުކުރުމާއި ފުވައްމުލައް ސްމާޓް ސިޓީއެއްގެ ގޮތުގައި ބޭއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ. މިބައްދަލު ކުރެއްވުމުގައި މިނިސްޓާ އޮފް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާ މުހައްމަދު އަސްލަމްވެސް ބައިވެރިވެ ވަޑައިގަތެވެ.

ނަމަވެސް، ފުވައްމުލަކު ރައްޔިތުން ބޭނުންވަނީ ހަމައެކަނި އައިސީޓީ ކެމްޕަސްއެއް ނޫންކަމަށާއި ފުވައްމުލަކުގައި އައިސީޓީ ޕާކެއް ހެދުމަށް ކަމަށް އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ ފުވައްމުލަކު ޒުވާނަކު މިކަލް ނޫހަށް މައުލޫމާތު ދިނެވެ. ފުވައްމުލަކުގައި އައިސީޓީ ޕާކެއް ގާއިމް ކުރެވިއްޖެނަމަ މިދާއިރާގެ ގިނަ ވިޔަފާރިތަކެއް ފުވައްމުލަކަށް އަންނާނެއެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ މާލީ ނިޒާމާއި މީހުން ތަމްރީނުކުރުމުގެ ފުރުސަތުތައް ހުޅުވި ފުވައްމުލައް މިދާއިރާގެ ހަބަކަށް ވެގެންދާނެއެވެ.

ބޭރުގެ އިންވެސްޓަރުންނަށްވެސް އަމާޒު ކޮށްގެން މި ޕާކު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުން މުހިންމު ކަމަށާއި އައިސީޓީ ޕާކު ނުވަތަ ސައިބާ ސިޓީ ތަކުން ލިބެޖެހޭ ހުރިހާ ޚިދުމަތްތަކަށް މިޕާކުންވެސް ލިބޭނޭފަދަ ގޮތަކަށް ތަރައްގީކުރުން މުހިންމުކަމަށް މިދާއިރާގައި މަސައްކަތްކުރާ ޒުވާނުން ހާމަކުރެއެވެ. މިކަމާއި ގުޅޭ ގޮތުން ސަރުކާރާއި މަޝްވަރާކުރެވިފައިވާ ކަމަށާއި މިކަމަށް ސަރުކާރުން ފެހި ސިގްނަލް ލިބިފައިވާ ކަމަށް އައިސީޓީ ގައި މަސައްކަތްކުރާ ފުވައްމުލަކު ޒުވާނަކު ހާމަކުރިއެވެ. އައިސީޓީ ދާއިރާގައި ނަންހިގާ ގިނަ ޒުވާނުންތަކެއް ފުވައްމުލަކަށް ނިސްބަތްވެއެވެ.

އައިސީޓީ ދާއިރާގެ މައި ހަބަކަށް ފުވައްމުލައް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރިއާސީ ކެމްޕޭނު ތެރޭގައި ވެވަޑައިގެންފައިވާ ވައުދެކެވެ.

banner


ކިޔުންތެރިންގެ ޚިޔާލު