20 ސެޕްޓެމްބަރ 2019 ( ހުކުރު )

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ 2 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ 2 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ 2 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބާއްވާފިއެވެ. މިރަސްމިއްޔާތުގައި 381 އަށް ވުރެ ގިނަ ދަރިވަރުން ރޭ ދަސްވެނިވިފައިވާ ކަމަށް އެ ކޮލެޖުން ހާމަކުރައްވައެވެ.

ހާފިޒު އަޙްމަދު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި، ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓާ ހަމައަށް ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެހެން ނަމަވެސް އެހަފުލާގައި ސެޓްފިކެޓް ދީފައިވަނީ 214 ދަރިވަރުންނަށެވެ. އަދި މިއީ ފުރަތަމަ ފަހަރަށް މިކޮލެޖުގެ ފަރާތުން ހިންގި ޑިގްރީ ޕްރޮގްރާމް ތަކުގެ ދަރިވަރުން ދަސްވެނިވި ދަސްވެނިވުމުގެ ރަސްމިއްޔާތެވެ.

މި ރަސްމިއްޔާތުގައި މައިގަނޑު އެގާރަ ދާއިރާއަކުން ހިންގި ސާޅީސް ތިން ޕްރޮގްރާމެއްގެ ދަސްވެނިވި ދަރިވަރުން ސެޓްފިކެޓް ހާޞިލްކޮށްފައިވެއެވެ. އެއީ ބިޒްނަސް މެނޭޖްމަންޓް،ހިއުމަން ރިސޯސް މެނޭޖުމެންޓް، އެޑިޔުކޭޝަން، ސްޓެރެޓެޖިކް މެނޭޖުންޓް އެންޑް ލީޑަރޝިޕް، ޓީޗިންގ، ސައިކޮލޮޖީ އެންޑް ކައުންސެލިންގ، އެކައުންޓިންގ، ޓޫރިޒަމް މެނޭޖުމެންޓް، އޮފީސް މެނޭޖުމެންޓް، އޭސީ މެކޭނިކް، އޮފީސް އެޑްމިނިސްޓްރޭޝަނުން އަދި ނާސިންގއެވެ.

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ 2 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ހައިޘިއްޔަތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން ޑރ. ޢަބުދުﷲ ރަޝީދު އަޙްމަދު ބައިވެރިވެވަޑައިގެން ދަސްވެނިންނާއި މުޚާތަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖަކީ ރާއްޖޭގެ އަތޮޅަކަށް ނިސްބަތްވާ ފުރަތަމަ ކޮލެޖު ކަމަށާއި، ފުވައްމުލަކުގައި މިކޮލެޖު ގާއިމްވެގެން ދިޔުމުން ފުވައްމުލަކު ރައްޔިތެއްގެ ހައިޘިއްޔަތުން އެކަމާ ފަޚްރުވެރިވާ ވާހަކަ ވިދާޅުވިއެވެ. ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ކިޔަވައި ދަރިވަރުންގެ ތަފާތު މަސައްކަތު މާހައުލުން ފެނިގެންދާތަން ދެކެން ބޭނުންވާ ކަމަށާއި ހުރިހާ ދަރިވަރުންނަކީ ވެސް ކިޔެވި އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފައި ކުދި ބަޔަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖު ތަރައްޤީކޮށް ކުރިއެރުމުގައި ކޮލެޖުގެ ޗެއަރަމަން މުޙައްމަދު ވަހީދާއި ކޮލެޖުގެ ގަވަރނިންގ ކައުންސިލުންނާއި ހިންގުންތެރިން ކުރައްވަވާ މަސައްކަތް ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.

މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެ ކޮލެޖުގެ ރެކްޓަރ އަޙްމަދު ނަފީސް ވިދާޅުވީ ޒިކުރާ އިންޓަރނޭޝަލް ކޮލެޖަކީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކާމިޔާބީ ޙާޞިލްކޮށްފައިވާ ކޮލެޖެއް ކަމަށާއި، މިކޮލެޖުގައި ސައިކޮލޮޖީ އެންޑް ކައުންސެލާއި، ބޭންކިންގ އެންޑް ފިނޭންސް ކޯހާއި، ނާސިންގ ޑިޕްލޮމާ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ. މިކޯސްތަކުގެ ތެރެއިން ސައިކޮލޮޖީ އެންޑް ކައުންސެލިންގ އާއި، ޑިޕޮލޮމާއިން ނާސިންގ އަކީ ރާއްޖޭގެ ޕްރައިވެޓް ކޮލެޖެއްގައި ފުރަތަމަ ފަހަރަށް ފަށައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމް ތަކެއް ކަމަށް ފާހަގަ ކުރައްވިއެވެ.

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ 2 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ހިންގަމުން އަންނަ ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ އެންޑް ކައުންސެލިންގ ކޯހަކީ ރާއްޖޭގެ އެލައިޑް ހެލްތު ކައުންސިލުން އެޕްރޫވްކޮށް ކައުންސެލިންގ ލައިސަންސް ލިބޭ ގޮތަށް ޕްރައިވެޓް ކޮލެޖެއްގައި ހިންގާ ހަމައެކަނި ކައުންސެލިންގ ކޯސްކަމަށް ވެސް ރެކްޓަރ ވިދާޅުވިއެވެ. އަދި އެކޮލެޖުން ހިންގާ ބެޗްލަރ އޮފް ސައިންސް އިން ބޭންކިންގ އެންޑް ފިނޭންސް ކޯހަކީ ރާއްޖޭގައި ހަމައެކަނި ބޭންކިންގ ދާއިރާގެ ޑިގްރީ ކޯސްކަން ވެސް ރެކްޓަރގެ ވާހަކާގައި ފާހަގަ ކުރެއްވިއެވެ.

މި ހަފުލާގައި ވަނީ އެ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ޗެއާމަން އެވޯޑު ހޯދި ދަރިވަރު ވެސް ހޮވައިފަ އެވެ. އެ މަގާމު ހޯދީ ބެޗްލާރ އޮފް ޓީޗިންގެ މަމްދޫހާ ވަޙީދާއި ބެޗްލަރ އޮފް ބިޒްނަސް މެނޭޖުމެންޓްގެ ޢައިޝަތު ޝަރޫޒާއެވެ.

މިރަސްމިއްޔާތުގައި ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާއި ރަށުގައި ގާއިމްވެފައިވާ މުއައްސަސާ ތަކުގެ އިސްވެރިންނާއި ދަސްވެނިންގެ ބެލެނިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ޚިޔާލު