A wide advertisement which will be shown on all devices. (700 x 100)

ސިޔާސަތު ހާމަކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ފުވައްމުލަކަށް

މިއަދު އެޑިއުކޭޝަން މިނިސްޓަރު ފުވައްމުލަކަށް ފައިބާ ވަޑައިގަންނަވަނީ. ފޮޓޯ އެޑިއުކޭޝަން މިނިސްޓްރީ

ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ރޭ ފުވައްމުލަކަށް ވަޑައިގެން ފިއެވެ. އަދި މިއަދު ސްކޫލަތަކުގައި ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި އެމިނިސްޓްރީގެ ބައެއް ނާއިބުންނާއި ބައެއް އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއަދުގެ ވަގުތެއްގައި އެމްޖޭއެމް، ހޭޒް، ފުވައްމުލަކު ސްކޫލް އަދި ތައުލީމީ މަރުކަޒަށް ޒިޔާރަތް ކުރައްވައި ސްކޫލުގެ މުވައްޒަފުންނާއެކު އަދި ސްކޫލް ބޯޑާއި ޕީޓީއޭގެ ހިންގާ ކޮމެޓީއާއިއެކު ބައްދަލުކުރައްވައި އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތައް ހާމަކުރައްވާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތެއް ކަމަށްވާ އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތު ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ގޮތް ހާމަކުރައްވާނެ ކަމަށް ވެއެވެ. އެގޮތުން ސްކޫލަށް ނުދާ 18 އަހަރުން ދަށުގެ އެންމެހާ ކުދިން ފާހަގަކުރުމުގެ ޕްރޮގްރާމެއް އެޑިއުކޭޝަނުން ވަނީ ދާދި ފަހުން ފަށާފައެވެ.

މިބައްދަލުވުންތަކުގައި ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ދިމާވާ ދަތިތަކާއި، އެކަންކަމަށް ގެނެވިދާނެ ހައްލު ތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން “ދަސްވާރު”، “ބީޓެކް” ސްޓްރީމާއި ގުޅޭގޮތުން ވެސް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބީޓެކް އަދި ދަސްވާރު ޕްރޮގްރާމަކީ އިދިކޮޅު ޕާޓީ އެމްޑީޕީގެ ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދެ ޕްރޮގްރާމެވެ.

އެމްޑީޕީގެ ތައުލީމީ ކޮމެޓީން މިޕްރޮގްރާމްތަކަށް ފާޑުކިޔަމުން އާއްމުކުރައްވާފައި ވަނީ އެއީ އާއްމު ތައުލީމީ ނިޒާމުން ކުދިންތަކެއް ބޭރުކޮށް ލުން ކަމަށެވެ. ގްރޭޑް 8ން ފެށިގެން ކުދިން ރަސްމީ ތައުލީމާއި ދުރުކުރާއިރު އެކުދިންގެ އުމުރަކީ 12 ނުވަތަ 13 އަހަރު ކަމަށްވާއިރު އެއީ އެކުދިން ސްކޫލްތަކާއި ދުރުކޮށް މަސައްކަތުގެ މާހައުލަށް ވައްދަން ވަރަށް ހަނގު އުމުރެއް ކަމަށެވެ. މިއާއެކު އެކުދިންނަކީ ވިސްނުމާއި ހުނަރުގެ ގޮތަން މުސްތަގުބަލުގައި މުޖުތަމިއުން ބާކީ ވެދާނެ ބައެއްކަމަށް ވުމުގެ ބިރު އެބައޮތް ކަމަށެވެ.

އެޑިއުކޭޝަންގެ 3 ދުވަހުގެ މިދަތުރުފުޅުގައި އެމިނިސްޓްރީގެ އެކި ސެކްޝަންތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ މައުލޫމާތު ވެސް ސްކޫލްތަކުގެ އެކަމަކާއި ގުޅޭ ފަރާތްތަކަށް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މިގޮތުން މިނިސްޓަރު މިއަހަރު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް މިދިޔަ އަހަރު ވަނީ ގިނަ ރަށްތަކަކަށް ދަތުރު ކުރައްވާފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !