20 ސެޕްޓެމްބަރ 2019 ( ހުކުރު )

އޯއައިސީގެ އެޑްވަޒަރުންގެ ގޮތުގައި ދެ ދިވެހިން

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓްރީ ޖެނަރަލްގެ އެޑްވަޒަރުންގެ ގޮތުގައި ދެ ދިވެހިން މަސައްކަތްކުރަމުން އެބަގެންދެއެވެ. މިދެ ފަރާތަކީ ކުރީގެ އިސްލާމިކް މިނިސްޓާ ޑޮކްޓަރު މުހައްމަދު ޝަހީމު އަލީ ސައީދާއި ކުރީގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރެވެ. އޯއައިސީގެ ސީނިއާ ޕޯސްޓެއްގައި އެއްގައުމަކަށް ނިސްބަތްވާ ދެ ފަރާތެއް މިދެއެޑުވައިޒަރުން ފިޔަވައި ނުވާ ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓާ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއެވެ.

ޑރ މުހައްމަދު ޝަހީމް އަލީ ސައީދަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ. އަދި ދާދިފަހުން އެމަނިކުފާނުވަނީ އޯއައިސީގެ ފިކުރީ ގޮފީގެ އިސްވެރިޔާގެ މަޤާމަށްވެސް އައްޔަން ކުރައްވާފައެވެ. ޑރ ޝަހީމްވަނީ ކުރީގެ ރައީސުން ކަމުގައިވާ ޑރ ވަހީދާއި އަބްދުﷲ ޔާމިންގެ ކެބިނެޓްގައި އިސްލާމިކް މިނިސްޓަރުގެ މަޤާމު ފުރުއްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފައްދަވާ އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމާއި ޗާންސެލަރ ކަންވެސްވަނީ ކުރައްވާފައެވެ. ޑރ ޝަހީމްވަނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އަދި ޕީއެޗްޑީ ފުރިހަމަ ކުރައްވާފައެވެ.

އަހުމަދު ސަރީރުވެސް ފުރުއްވަމުން ގެންދަވަނީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ އެޑްވައިޒަރުގެ މަޤާމެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ އެއް ކެރިއާ ޑިޕްލޮމެޓް ސަރީރު މީގެ ކުރިންވަނީ އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕަމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގެ އިތުރުން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.


ކިޔުންތެރިންގެ ޚިޔާލު