15 ޑިސެމްބަރ 2019 ( އާދީއްތަ )

ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ޚާއްސަ ދަފްތަރެއް އަންނަ އަހަރު މޭ ޑޭގައި އިއުލާނު ކުރަނީ

ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ޚާއްސަ ދަފްތަރެއް އަންނަ މޭ ޑޭގައި އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އަލީ ވަހީދު މިހެން ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިއްޔެއެވެ.

“މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ރިސޯޓު މުވައްޒަފުންގެ ދަފްތަރު ހެދުމަށް މި ދަފްތަރު އަންނަ މޭ ޑޭގައި އިއުލާން ކުރެވޭވަރުވާނެ” މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަސައްކަތް ނިމޭއިރު ޓޫރިޒަމް ދާއިރާގައި ހުރި ގޮންޖެހުންތައް ވެސް އެގިގެންދާނެ ކަމަށާއި އަދި މިހާރުވެސް ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނާ ދެމެދު މުސާރައިގެ ގޮތުން ހުރި ފަރަގުހުރިކަންވެސް މިހާރު ވަނީ ފަހަގަކުރެވިފައިއެވެ. މިކަން ހައްލުކުރެވޭނީ ދިވެހިން އެކި މަގާމުތަކަށް ތަމްރީނުކޮށްގެން ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

“އަޅުގަނޑު ކުރި އެކި ދަތުރުތަކުގައި ވަަރަށް ގިނަ ޝަކުވާތައް ލިބުނު. އެގޮތުން ހަމަ އަޅުގަނޑުމެންނަށް އެބަ ފެނޭ އެއް ވަޒީފާގައި ތިބޭ ބިދޭސީ މީހުންނާއި ދިވެހި މީހުންގެ މުސާރާގައި ފަރަގު ހުރި މިންވަރު. މިކަންތައްތައް ހައްލުކުރެވޭނީ ދިވެހިން މި ދާއިރާ އަށް ތަމްރީން ކޮށްގެން. އަޅުގަނޑު ދެކެން ބޭނުންވާ މި ދާއިރާގައި ބިދޭސީންގެ މަގާމުތައް ދިވެހިން ފިލް ކުރާ މަންޒަރު. ދެން އަޅުގަނޑުމެން މި ދާއިރާ އިސްލާހު ކުރާ އިރު ވިޔަފާރިވެރިންނަށް ވެސް މުވައްޒަފުންނަށް ވެސް ވިސްނާނަން” މިނިސްޓަރު ވިދާޅުވި އެވެ.

މޭޑޭއަކީ މޭމަހު އެއްވަނަ ދުވަހެވެ. އެހެންކަމުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ގެ ދަފުތަރު އިއުލާން ކުރައްވާނެ ކަމަށް އެ ވިދާޅުވަނީ އަންނަ އަހަރު މޭމަހު އެއްވަނަ ދުވަހުގައި ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ޚިޔާލު