A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސްކޫލުން އިންތިޒާމްކޮށްގެން “ދިރާގު ސިޓީ ސައިންސް ފެއަރ 2019″، ވަރަށް ތަފާތު ގޮތަކަށް

ފުވައްމުލަކު ސްކޫލުން އިންތިޒާމް ކޮށްގެން ‘ސިޓީ ސައިންސް ފެއަރ’ ގެ ނަމުގައި ފޯރިގަދަ ފެއަރއެއް ބޭއްވުމަށް ތައްޔާރުވަމުން އެބަ ދެއެވެ. އެފްއެސް އިން މަޢުލޫމާތު ދޭ ގޮތުގައި މި ސައިންސް ފެއަރއަކީ އެހެން ސައިންސް ފެއަރތަކާ ވަރަށް ތަފާތު ގޮތަކަށް ގެންދާ ސައިންސް ފެއަރގެ ނަން ތާރީޚުގައި ލިޔެވޭނޭ އާދަޔާ ޚިލާފު ފެއަރ އެކެވެ.
މި ސައިންސް ފެއަރ ރާވައި ހިންގުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ފާޠިމަތު ޝީނާޒް ޢަލީ ވިދާޅުވި ގޮތުގައި މި ފެއަރ ތަފާތުވާ މައިގަނޑު ސަބަބަކީ މިއީ ހަމައެކަނި ކެމިސްޓްރީ، ފިޒިކްސް، ބަޔޮލޮޖީއަށް ސައިންސްގެ މާނަ ކޮށްގެން ބާއްވާ ފެއަރ އެއް ނޫނެވެ. މި ފެއަރ ރޭވުމުގައި ސައިންސް މާނަ ކޮށްފައިވަނީ ޢިލްމުގެ މާނައިގައެވެ. އެހެން ކަމުން މި ފެއަރގައި ހިސާބު ޢިލްމާއި އިސްލާމީ ތަރުބިއްޔަތާއި ދިވެހި، އިނގިރޭސި، ސޯޝަލް ސްޓަޑީޒް މިހެން ގޮސް ދަރިވަރުން ކިޔަވާ ހުރިހައި މާއްދާއެއްގެ ދާއިރާތަކަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ބައިވެރީންނަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ޝީނާޒް މަޢުލޫމާތު ދެއްވި ގޮތުގައި މިއީ މުހިންމު މަޤްޞަދުތަކެއް ޙާޞިލު ކުރުމަށްޓަކައި ބާއްވާ ސައިންސް ފެއަރއެކެވެ. އެ ގޮތުން މި ފެއަރގެ މައިގަނޑު ފަސް މަޤްޞަދެއް އޭނާ ކިޔައި ދެއްވިއެވެ.
1. ދަރިވަރުން އުނގެނޭ ފިލާވަޅުތަކުން ދަސްވާ އެއްޗެހި ދިރިއުޅުމުގެ މައިދާނުގައި ބޭނުންކުރާން އެނގުން.
2. ދަރިވަރުންގެ ވިސްނުންތެރިކަން ފުޅާ ކުރުމަށާއި އައު އީޖާދުތައް ކުރުމަށް ހިތްވަރު ދިނުން.
3. ތިމާވެއްޓަށް، ޚާއްޞަ ގޮތެއްގައި ރަށުގެ ތިމާވެއްޓަށް ދަރިވަރުން އަހުލުވެރި ކުރުވައި، “ދެމެހެއްޓެނިވި ތަރައްޤީ”އަކީ ކޮބައިކަން އެ ކުދީންނަށް ދަސްކޮށްދިނުން.
4. ދަރިވަރުންގެ ހިތުގައި ރަށަށް (ފުވައްމުލަކަށް) ލޯބި ޖައްސައި، ރަށުގެ ވެށި ޙިމާޔަތްކޮށް، ދަނޑުވެރިކަމާއި އެހެނިހެން ސިނާޢަތްތަކަށް ބޭނުންވާ ދިރާސާތައް ކޮށް އައު އުފެއްދުންތައް އުފެއްދުން.
5. “އަފުންގެ ބަހަ” ފުވައްމުލަކު ބަހަށް ޚާއްސަ ދިރާސާތަކެއް ދަރިވަރުން ލައްވައި ކުރުވައި އެ ކުދީން ރަށު ބަހަށް ލޯބި ޖެއްސުން. މިއެވެ.
ޝީނާޒް ވިދާޅުވި ގޮތުގައި ސިޓީ ސައިންސް ފެއަރއަށް އަންނަނީ ގިނަ ފަރާތްތަކެއްގެ ތަރުޙީބު ލިބެމުންނެވެ. އެ ގޮތުން ރަށުގެ މައިގަނޑު ބޮޑެތި ސްކޫލްތަކުންނާއި ޕްރީސް ސްކޫލްތަކުންނާއި ބައެއް އަމިއްލަ ތަންތަނުން ދަރިވަރުން އަންނަނީ މުދައްރިސުންގެ ލަފަޔާއި އެހީގެ ދަށުން ފެއަރގައި ބައިވެރިވުމަށްޓަކައި ފޯރިއާއެކު ތައްޔާރުވަމުންނެވެ.
މި ފެއަރގައި ހޮވުމަށް ހަމަޖެހިފައިވަނީ: އެންމެ މޮޅު އައު އީޖާދެއް ހުށަހަޅާ ފަރާތަކަށް “އިންވެންޓަރ އެވާރޑް”، އެންމެ ރަނގަޅު ގްރޫޕް ހުށަހެޅުމަކަށް “ބެސްޓް ގްރޫޕް އެވާރޑް”، ފުވައްމުލަކަށް މި ވަގުތު އެންމެ ބޭނުން ބޮޑު ކަމަކާ ގުޅޭ ގޮތުން ހުށަހަޅާ އެންމެ ރަނގަޅު ހުށަހެޅުމަކަށް “ފެހިފަހި ފުވައްމުލައް އެވާރޑް” އަދި ފުވައްމުލަކު ބަހާ ގުޅުން ހުރި އެންމެ ރަނގަޅު ހުށަހެޅުމަކަށް “އަފުންގެ ބަހަ އެވާރޑް” އެވެ.
މި ސައިންސް ފެއަރ އޮންނާނީ މި ޖުލައި މަހުގެ 26ވަނަ ދުވަހުން ފެށިގެން 29ވަނަ ދުވަހުގެ ނިޔަލަށެވެ. ޟި ފެއަރގެ ޕްރޮޖެކްޓްތަކަށް އިންސާފުކޮށް ދިނުމަށް ފަނޑިޔާރުން މާލޭން ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ހުށަހެޅުންތައް ޢާންމުންނަށް ދައްކައިލުން އޮންނާނީ 28ވަނަ ދުވަހުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޢަލީ

    މުޅު ކަމެން ބައިވެރިވެނީ އަމިއްލަ ސްކޫލެން އެކަނި.