9 ޑިސެމްބަރ 2019 ( ހޯމަ )

ވިމެންސް އެވޯޑްސްގެ މީޑިއާ ދާއިރާގެ އެވޯޑް ނައުހާ އަށް

ޕޮރޮފެޝަނަލް އެންޑް ކެރިއަރ ވިމެންސް އެވޯޑްސް 2019ގެ މީޑިއާ ދާއިރާގެ އެވޯޑް ފުވައްމުލަކު ރަންދާން ނައުހާ އިބްރާހިމް (ނައު) ހޯދައިފިއެވެ.

ޓީވީއެމް އިން ޕްރެޒެންޓަރ އެއްގެ ގޮތުގައި މީޑިއާގެ ކެރިއަށް ފެއްޓެވި ނައު ވަނީ ވޭތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި ޓީވީއެމްގެ މަގުބޫލް ޝޯއެއް ކަމަށްވާ “ފިލްމީ އުދަރެސް” ޕްރޮގުރާމްގެ 100 އަށް ވުރެ ގިނަ އެޕިސޯޑް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ރާއްޖެ ޓީވީގެ ޕްރެޒެންޓަރެއްގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ގިނަ ޕްރޮގުރާމްތަކެއް ހުށަހަޅުއްވާފައި ވެއެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ސިޔާސީ މުޒާހަރާ ކަމަށްވާ މޭޑޭގެ މުޒާހަރާ ކަވަރު ކުރުމުގައި ރާއްޖެ ޓީވީ އިން އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ނައުހާ ކަން ފާހަގަ ކުރެވެއެވެ. އަދި 2012 ވަނަ އަހަރު ފެބްރުއަރީ މަހު ހިގާދިޔަ ސިޔާސީ ހަމަނުޖެހުންތައް ކަވަރ ކުރުމުގައި ނޫސްވެރިއެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.

ރާއްޖެއިން ބޭރުގެ ގިނަ ފިލްމީ ތަރިންނާއި އަދި މުނިފޫހި ފިލުވުމުގެ ދާއިރާގެ ގިނަ ތަރިންތަކަކާއި ގިނަ އަދަދަކަށް އިންޓަވިއު ކޮށްފައިވާ ނައު ފާހަގަ ކުރެވިފައި ވަނީ ބެލުންތެރިންގެ މަގުބޫލް ޕްރެޒެންޓަރެއްގެ ގޮތުގައެވެ. އޭގެ އިތުރުން ނައު ވަނީ ރާއްޖެ ޓީވީގެ ޚަބަރާއި މައުލޫމާތު ޕްރޮގުރާމްގެ އިތުރުން ސިޔާސީ ބައެއް ޕްރޮގުރާމްތައް ވެސް ހުށަހަޅާފައެވެ.

ނައު މަތީ ތައުލީމް ހާސިލްކޮށްފައި ވަނީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާގެ އިތުރުން ހިއުމަން ރިސޯސް ދާއިރާއިން، ޔޫކޭ މިޑް ސެކްސް ޔުނިވާސިޓީ (ކޮލަންބޯ) އިން ނާއި ކޮލަންބޯ އައިސީބީޓީ އިންނެވެ.

ފުވައްމުލަކު ރަންދާން ނައުހާ އިބްރާހިމް (ނައު) ހޯދި މިކާމިޔާބީ ފާހަގަކޮށް މިކަލް ނޫހުގެ މެނޭޖްމަންޓުންނާއި ކިޔުންތެރިގެ ފަރާތުން ނައު އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ. މިނޫހުން އެދެނީ ފުވައްމުލަކު ފަޚުރުވެރިވާ ފަދަ އިތުރު ކާމިޔާބީތައް ލިބުމެވެ.


ކިޔުންތެރިންގެ ޚިޔާލު