9 ޑިސެމްބަރ 2019 ( ހޯމަ )

ފުވައްމުލަކު ހޮސްޕިޓަލުގެ 46 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ފުވައްމުލަކު ހޮސްޕިޓަލަށް 46 އަހަރު ފުރުމުގެ ޚާއްސަ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ރޭގެ ޖަލްސާގައި އެހޮސްޕިޓަލަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ފަރާތްތަކަކަށް އެކަމުގެ އަގު ވަޒަންކޮށް ޚިދުމަތުގެ އެވޯޑު ދިނުންވެސް އޮތެވެ. އެގޮތުން، 30 އަހަރަށްވުރެގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަރާތްތަކަށް ދެމުންގެންދާ އެވޯޑް ކަރިއްޔާގަނޑުވަރު ދޮން ތުއްތުދީދީގެ އެވޯޑުގެ ނަމަށް ބަދަލުކުރެވުނެވެ. ކަރިއްޔާ ގަނޑުވަރު ދޮންތުއްތުދީދީ އަކީ ބޭސްވެރިކަމުގެ ރޮގުން އެދުވަސްވަރު ފުވައްމުލަކުގައި އަރާހުންނެވި ބޭފުޅެކެވެ.

ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެކު ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔާ އަބުދުﷲ ފަލާހު ޝަރީފެވެ. ފަލާހުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުގެ ހިންގުމާއި ހަވާލުވެހުންނެވި އަހުމަދު ސައީދުވެސް ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ.

އަހުމަދު ސައީދުގެ ވާހަކަފުޅުގައި ފުވައްމުލަކުގެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް ރޭވިފައިވާކަން ފާހަގަކުރެއްވިއެވެ. “ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގާބިލު މެނޭޖްމަންޓް ޓީމެއް މި ހޮސްޕިޓަލުގައި ގާއިމުކޮށް ޚިދުމަތުގެ ވައްޓަފާޅި ޒަމާނީކޮށްލުމީ އަޅުގަނޑު ހާސިލުކުރަން ބޭނުންވާ ލަނޑުދަޑި” ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ތަރައްގީކޮށް ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ސައީދު އަލިއަޅުއްވާލެއްވެވިއެވެ. އެގޮތުން، ފުވައްމުލަކުގައި ގާއިމުކުރާ ޑައިލިސިސް ސެންޓަރު ގާއިމުކުރުމަށް ތަރައްގީކުރާ އިމާރާތުގެ މިހާރުކުރެވެމުންދަނީ ސީލިންގެ މަސައްކަތްކަމަށްވެސް ވިދާޅުވިއެވެ. އަދި އެސެންޓަރާއި އިންވެގެން އިތުރުބައެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސައީދު ވިދާޅުވިއެވެ. އެއިމާރާތް ނިމުމުން ކުރީގެ ހޮސްޕިޓަލް ހިންގި އިމާރާތުގައި ކުރިއަށްދާ ދަތުގެ ފަރުވާގެ ޚިދުމަތްތައްވެސް މައި ހޮސްޕިޓަލަށް ބަދަލުވެގެންދާނެކަން ވެސް ސައީދު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ޚިޔާލު


  1. މާލޭ މީހާ 2 އޯގަސްޓް 2019 22:08

    މިކަލް ނޫސް….. މީކޮންބައެއް ހިންގާ ނޫހެއްބާ!!! މިޚަބަރު ކިޔާނިމުނުއިރުވެސް މިޖަލްސާއެއް ބޭއްވުނުތަނެއްވެސް ކުޑަމިނުން އެގޭކައްނެތް… 5 ކާފު ހަމަކޮށްފައި ޚަބަރު ލިޔަން ނޭގޭބަޔަކަށް ކޮން ނޫސްވެރިކެއްތަ ކުރެވޭނީ….ހީހީ ހަލާކު.

    1. ޢަލީ 4 އޯގަސްޓް 2019 12:08

      މިކަލް ނޫހަކީ ވަކި ބައެއް ބޭނުންވާގޮތަށް ކަންކޮށް ނޫސް ލިޔަންތިބޭ ބައެއް. މިރަށުގައި ހުރި އެންމެ ބޮޑު މިޖުރިމު ޝަރަފުކޮށް ދެއްވި ޖަލްސާއެއްތީ.