31 މެއި 2020 ( އާދީއްތަ )

banner

އާތިޔާއަށް އެޑިއުކޭޝަން މިނިސްޓރީގެ ސްޓޭޓް މިނިސްޓަރުކަން ރައީސް އިބްުރާހިމް މުހައްމަދު ސޯލިޙު ދެއްވަނީ

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އާތިޔާ

އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ފުވައްމުލައް ސިޓީ، މާދަޑު، ހަޒާރުމާގެ ޢާއިޝަތު ޢާޠިޔާ ނަޞީރު އައްޔަން ކުރައްވައިފިއެވެ.

އާތިޔާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ތައުލީމީ ދާއިރާގެ އެކި ހަރުފަތްތަކުގައި ވަޒީފާތައް އަދާކުރައްވާފައެވެ. އެންމެ ފަހުން އާތިޔާ އަދާކުރައްވާފައިވާ ސަރުކާރުގެ ވަޒީފާއަކީ އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމެވެ. އެއިގެ ފަހުން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރގެ މަޤާމު އަދާކުރައްވާފައި ވެއެވެ.

ކުރިން އާތިޔާ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް މުދައްރިސެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައި ވެއެވެ.

އާތިޔާ ފުރަތަމަ ސިޔާސީ ‘ގަލަކަށް’ އަރައިފި

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމުން އާތިޔާ ވަކިކޮށްފައި ވަނީ ސިޔާސީ ގޮތުން ކަމަށް ބުނެ ކޯޓަށް ވެއްދި މައްސަލަ ވަނީ ކާމިޔާބު ކުރައްވާފައެވެ. އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕްލް ކަމުގެ މަގާމުން އާތިޔާ ވަކިކޮށްފައި ވަނީ ގާނޫނާއި އުސޫލުތަކާއި ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައި އެކަމުގެ ބަދަލު އާތިޔާއަށް ދިނުމަށް އެކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޏ.އޭއީސީއާއި އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލު ކުރެއްވުމަށްފަހު އާތިޔާ ވަނީ މެލޭޝިއާގައި ހުންނަ އިނގިރޭސިވިލާތުގެ ނޮޓިންހަމް ޔުނިވަރސޓީއިން މާސްޓަރ އޮފް އެޑިއުކޭޝަނަލް ލީޑަރޝިޕް ހާސިލުކުރައްވާފައި ވެއެވެ.

އާތިޔާއަކީ ކުރިން ސިޔާސީ ކަންކަމުގައި އުޅުއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުން އޭނާ ސިވިލް ސާވިސްގެ ވަޒިފާއިން ވަކިކުރުމާއި ހަމައިން ސިޔާސީ ގޮތުން މަސައްކަތް ކުރައްވަން ނުކުންނެވިއެވެ. އެގޮތުން އޭރުގެ އިދިކޮޅު އެމްޑީޕީއާއި ގުޅިވަޑައިގެން ރައީސް ޔާމީނު ސަރުކާރުގެ ތައުލީމީ ކަންކަމަށް ފާޅުގައި ފާޑުކިޔަން ފެއްޓެވިއެވެ. ޓީވީތަކާއި އެއްވުންތަކުގައި އެމްޑީޕީގެ ތައުލީމީ ކޮމެޓީގެ ބަސް އިއްވަން އިސްވެ ނުކުއްނެވިއެވެ. އެއާއި އެކު އާތޔާ ވެގެން ގޮސްފައިވަނީ ސިޔާސީ ގިނަ ބަޔެއްގެ ތާއިދު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހާސިލުކުރެއްވި ކަނބަލަކަށެވެ.

އާތިޔާ ވަނީ ފާއިތުވި އާއްމު އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަކުރައްވާފައެވެ. އެކަމަކު އެއިންތިޚާބު އާތިޔާއަށް ވީ ނާކާމިޔާބެވެ.

އާތިޔާއާއި އެކު އެޑިއުކޭޝަން މިނިސްޓްރީގައި ފުވައްމުލަކަށް ނިސްބަތްވާ 2 ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. އެއީ އާތިޔާގެ އިތުރުން ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު އެވެ.



ކިޔުންތެރިންގެ ޚިޔާލު