A wide advertisement which will be shown on all devices. (700 x 100)

ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ކަލާމް އެވޯޑް!

ރައީސް ޔާމީނު ޑރ.ކަލާމް އެވޯޑާއި ހަވާލުވެ ވަޑައިގަންނަވަނީ

މިދިޔަ ބުދަ ދުވަހުގެ އިޝާ ނަމާދަށްފަހު ގިނަ ރައްޔިތުންތަކެއް ޖުމްހޫރީ މައިދާނަށް އެއްވިއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް މިއިން ޒަމާނަކުވެސް ނުލިބޭފަދަ އެވޯޑެއް ހޯއްދެވުމަށްފަހު މާލެ ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށެވެ. އާދެ! އެއެވޯޑަކީ ޑރ. ކަލާމް ސްމިރިތީ އިންޓަނެޝަނަލް އެކްސަލަންސް އެވޯޑް ކަމަށް އިއުލާންވެސް ކުރިއެވެ. މިއީ މިއެވޯޑް ދެވޭ ފުރަތަމަ ފަހަރުކަމަށް ވެއެވެ. މިއީ މީޑީއާ އިން މިއެވޯޑް ޕްރޯޓްކުރި ގޮތެވެ. 

ނަމަވެސް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން މިއެވޯޑަށް ހަޖޫޖަހަން ފެށިއެވެ. މިއީ އިންޑިއާގެ ރަށްފުށު ސަރަހަދެއްގެ ޖަމާއަތަކަށް ލާރިދީގެން ގަނެފައިވާ އެވޯޑެއް ކަމަށް ބުނަންފެށިއެވެ. މިހަގުރާމަ ސޯޝަލް މީޑިއާގައި މިހާރުވަނީ ވަރުގަދަ ވެފައެވެ. ވީމާ މިއެވޯޑާއި ބެހޭ ގޮތުން ބަލާލުން މުހިންމެވެ.

ޑރ. ކަލާމްގެ ނަމުގައި އެވޯޑެއްދޭނެ ކަމަށް ޑރ.ކަލާމް ނިޔާވުމަށްފަހު ޑރ. ކަލާމް ނިސްބަތްވާ ޓަމިންނާޑުގެ ޗީފް މިނިސްޓަރ ޖަޔާލަލިތާ އިއުލާން ކުރިއެވެ. މިއެވޯޑާއިއެކު ފަސް ލައްކަ ރުޕީސްގެ އިތުރުން 8 ގުރާމްގެ ގޯލްޑް މެޑަލްއަކާއި ސެޓްފިކެޓެއްވެސް ދެވޭނެ ކަމަށް މިދިޔަ އަހަރު ޖުލައި 31 ގައި ޖަޔާލަލިތާ އާއި ހަވާލާދީ ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ހާމަކޮށްފައިވެއެވެ. މި އެވޯޑަކީ ތައުލީމް ހާސިލުކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ސައިންސާއި ވެލްފެއަރގެ ދާއިރާއިން ދެވޭ އެވޯޑެކެވެ. ނަމަވެސް، ރައީސް ޔާމީނަށް ލިބިވަޑައިގަތީ މިއެވޯޑެއްނޫނެވެ.

ހަމަމިއާއިއެކު މިއަހަރު ޖެނުއަރި މަހު ޑރ.ކަލާމް ނަމުގައި އިންޑިއާގެ އަ ރޭއޮފް ހޯޕް އިން އެވޯޑެއް ދިނެވެ. މިއެވޯޑް ދެވިފައިވަނީ އިޖްތިމާއީ ދާއިރާއިން މުޖުތަމައަށް ޚިދުމަތް ކުރުމުންނެވެ. މި އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފައިވަނީ އިންޑީއާގެ ނިއުދިއްލީގައެވެ. ސަރުކާރުގެ ބައެއް އޮފިޝަލުން ވަޑައިގެންނެވި މިއެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ އިންޑިއާގެ މިނިސްޓަރ އޮފް މައިންސް އެންޑް ސްޓީލް ނަރެދުރަ ސިންގ ތޯމާ އެވެ. ރައީސް ޔާމީނު ހޯއްދެވީ މިއެވޯޑެއްވެސް ނޫނެވެ.

ރައީސް ޔާމީނު ހޯއްދެވިކަމަށް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓްގައި ވަނީ “ޑރ.ކަލާމް ޕްރަސްކާސް ފޯ އެކްސެލެންސް އިން ގަވަނެންސް 2016″އެވެ. މިއެވޯޑް ދިނުމުގެ ރަސްމިއްޔާތައް އިންޑިއާގެ ސަރުކާރުގެ އެއްވެސް އޮފިޝަލެއް ވަޑައެއް ނުގަންނަވައެވެ. އަދި ކިއެއްތަ އެއްވެސް ނަން މަޝްހޫރު މީޑިއާއަކަށް މިޚަބަރެއް ނާރައެވެ. މިރަސްމިއްޔާތު އޮތީ ޓްރިވެންޑްރަމްގެ ޑޭލް ވިއު ގައި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އެހެން ކަމުން، މިއެވޯޑަކީ އިންޑިއާގެ ސަރުކާރުން އެންޑޯޒް ކުރެވިފައިވާ އެވޯޑެއް ކަމަށް ބެލުމުގެ ފުރުސަތު ނެތް އިރު މިއެވޯޑަކީ އިންޑިއާގައިވެސް ފާހަގަ ކުރެވޭ އެވޯޑެއް ކަމާއި މެދު ޝައްކުގެ ނަޒަރުން ބެލެވިދާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !