18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުވައްމުލަކުން އަތުލައިގެންފައިވާ މަސްތުވާތަކެއްޗާއި ފައިސާތަކެއް. ފައިލް ފޮޓޯ

ބަނގުރާ ކައްކަމުން ގެންދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

ފުވައްމުލަކުގައި ބަނގުރާ ކައްކަން ތިބި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 30 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހިންކަމަށެވެ.
“މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އާއްމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެރޭ 21:15 ހާއިރު ފުވައްމުލަކު ދިގުވާނޑު އަވަށުގެ ޗަސްބިމުން” ފުލުހުން ވިދާޅުވިއެވެ..
މި އޮޕަރޭޝަނުގައި އެމީހުން އެވަގުތު ތިބި ތަން ބަލައިފާސްކުރިކުރުމުން ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތަކާއި ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވާ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ..
ބަނގުރާ ކައްކަން ތިއްބާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ ބިޒްނަސް ޕްލޭންގައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓެރަރިޒަމާއި އިންސާނުން ޓްރެފިކް ކުރުން ފަދަ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު