16 ޖޫޏް 2019 ( އާދީއްތަ )

ނޮވެމްބަރ 5 ވަނަ ދުވަހު ފުލުހުން ފެށި ޓްރެފިކް އޮޕަރޭޝަނުގައި ދުއްވާފައިދިޔަ ސައިކަލެއް ޗެކުކުރަނީ. ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސަސް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ޓްރެފިކް އޮޕަރޭޝަނެއް ފުލުހުން ފަށައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމު ކުރުމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ފުވައްމުލަކު ގައި ޓްރެފިކް އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ. މި އޮޕަރޭޝަން ފަށާފައި ވަނީ ނޮވެމްބަރު މަހުގެ 5 ގައެވެ.

މި އޮޕަރޭޝަނަކީ ސްކޫލް ބަންދު ދުވަސް ތައް އަންނާތީ ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކޮށްލުމަށް ފުވައްމުލަކަށް އަންނާނެ ކަމަށް ބެލެވިފައި ވާތީ އާއި ޗުއްޓީ ދުވަސްވަރާ ދިމާކޮށް މަގުތައް ހަލަބޮލިވާނެ ކަމަށް ބެލެވިފައި ވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ސިލްސިލާ އޮޕަރޭޝަނެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަނުގައި އިންޖީނުލީ އެއްގަމު އުޅަނދުގެ 116 އުޅަނދެއް ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފުވި 13 ފަރާތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން ހާމަ ކުރެއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގާ މި އޮޕަރޭޝަނަކީ ފުލުހުންގެ މިއަހަރުގެ ބިޒްނަސް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ކުށް މަދުކުރުމާއި ރަމަތަ ނުވުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ޚިޔާލު