22 ނޮވެމްބަރ 2019 ( ހުކުރު )

ފުވައްމުލަކު ރިންގުރޯޑުގެ ހިލަފަށަލަ އަތުރަން ފަށައިފި

ފުވައްމުލަކު ސިޓީގެ ރިންގުރޯޑުގެ ނަމުން މަޝްހޫރުވެފައިވާ ނައިބުތުއްތު މަގުގެ ތާރުއެޅުމަށް ޓަކައި އެކަމަށް ބޭނުންވާ، ހިލަ ފަށަލަ ފެތުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ. މި މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ފުވައްމުލަކު މަގުތަކުގައި ތާރުއެޅުމުގެ ކުރީން ދުއްވަން ޖެހޭ ފަށަލަ ވެލި ސިމެންތީގެ ބަދަލުގައި، ހިލަ ފަށަލަޔަކުން (އެގްރިގޭޓް ބޭސް ކޯސް) ދުއްވަމުން މިގެންދަނީ މަގުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކަމަށް އެމްޓީސީސީއިން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. މިއަހަރު މާރިޗު މަހު ފަހުކޮޅުގައި ފުވައްމުލަކު ރިންގުރޯޑުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 240 ދުވަސް ނުވަތަ ގާތްގަޑަކަށް 8 މަސްދުވަހުން ނިންމުމަށެވެ. އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ނިންމަންޖެހޭ މިމަސައްކަތް އޭގެ ކުރިން ނިމޭނެ ކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

ވަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ޝާހު ވިދާޅުވީ ނައިބު ތުއްތު މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމަން އެމްޓީސީއަށް އަންނަ އަހަރުގެ މޭ މަހުގެ ހަތަކާ ހަމަޔަށް މުއްދަތު އެބަ އޮތް ކަމަށާއި އެހެން ނަމަވެސް އޭގެ މާ ކުރީން އެ މަސައްކަތް ނިންމަވައިލެއްވޭނެ ކަމަށެވެ. ނަމަވެސް، މާޗު މަހު ފަހުކޮޅު އެމްޓީސީސީ މަސައްކަތް ހަވާލުކުރެވުނީ 2.7 ކިލޯ މީޓަރުގައި 240 ދުވަސްތެރޭ ތާރުއަޅައި ނިންމުމަށާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހެދުމަށެވެ. އޭގެ ފަހުން ރަށުގެ ތެރޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.



ކިޔުންތެރިންގެ ޚިޔާލު