A wide advertisement which will be shown on all devices. (700 x 100)

މުބާރާޓް ހުޅުވި މެޗުން ފަހުވަގުތުގެ މޮޅެއް ފްރާންސަށް

ފްރާންސް ރޫމޭނިއާ މެޗުން މޮޅުކޮށް ދިނުމަށް ޕަޔެޓް ގޯލަށް ފޮނުވާލި ބޯޅަ. ފޮޓޯ: ސޮނީ-އީއެސްޕިއެން

ޔޫރޯ 2016 ފުޓްބޯޅަ މުބާރާތް ހުޅުވި މެޗުން ފަހު ވަގުތުގައި ޑިމިތްރީ ޕަޔެޓް (ޖ.8) ގެ ގޯލުން 2-1ގެ  މޮޅެއް ހޯދައި ފްރާންސުން ހަމަޖެހިލައިފިއެވެ. މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ފުރާންސް ޓީމަށް ގިނަ ބަޔަކު ހީކުރި ވަރުގެ މޮޅު ކުޅުމެއް މިރޭގެ މެޗުގައި ނުދެއްކުނެވެ.

މިރޭގެ މެޗު ފެށިގެން ފުރަތަމަ ވެސް ފްރާންސް ޓީމު ހާސްކޮށްލީ، ރޫމޭނީއާގެ ފޯވަޑު، ސްޓެންކޫ (ޖ.9) ގެ ހަމަލާ ވަނީ އެޓީމުގެ ގޯލު ދަނޑިއަށް އަމާޒުވުމުންނެވެ. ފްރާންސްގެ ފޯވަޑްލައިނަށް ގްރިޒްމަންއާއި އޮލިވަރ ޖިރޫ އަދި ޕަޔެޓް ލައިގެން ފެށި މެޗުގެ ފުރަތަމަ ކޮޅު ފްރާންސް ޓީމުގެ ފަހަތަށް ބާރު ބޮޑުވެގެން ދިޔަނަމަ ވެސް މާގިނަ އިރުތަކެއް ނުވެ މެޗުގެ ކޮންޓްރޯލް ހޯދައި މެދުތެރެއިން ޕޮގްބާ (ޖ.15) އާއި މަޓުއީޑީ (ޖ.14) މޮޅު ކުޅުމެއް ދައްކަމުން ދިޔައެވެ.

ފުރަތަމަ ހާފުގައި ޖިރޫގެ ދެތިން ހަމަލައެއް ރޫމޭނިއާ ގޯލަށް އަމާޒުވިކަމުގައި ވިޔަސް ހާފު ނިންމާލީ ދެޓީމަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ ޕަޔެޓްގެ ހުރަހަކުން ޖިރޫ (ޖ.9) ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެން މެޗުގެ ލީޑް ފްރާންސަށް ހޯދާދިނެވެ. މެޗުގެ 65 ވަނަ މިނިޓުގައި ރޫމޭނިއާގެ ހަމަލައެއްގައި ލިބުނު ޕެނަލްޓީއަކުން އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

ފަހު ހާފުގެ މެދެއްހާ ހިސާބުން ފްރާންސްގެ ކޯޗުޑިޑިއޭ ޑިޝޮމްޕް ވަނީ މުޅި މެޗުގައިވެސް މޮޅަށް ކުޅެމުން ދިޔަ ޕޮގްބާ ބަދަލުކޮށް ޒުވާން މިޑްފިލްޑަރ އެންތަނީ މާޝިއަލް އެރުވިއެވެ. އަދި އެއިގެ އިރުކޮޅެއް ފަހުން ފޯވަޑް ގްރިޒްމަންގެ ބަދަލުގައި ސްކޮޑުގައި ހިމެނޭ އެންމެ ޒުވާން ފޯވަޑު ކޮމާން (ޖ.20) ބަދަލުކުރިއެވެ. ބަދަލުކުރި ދެކުޅުންތެރިން ވެސް ފައިބައިގެން ދިޔަގޮތުން ފެނުނީ އެބަދަލާއި މެދު އެހާ ހިތްހަމަ ޖެހިފައި ނެތްކަމެވެ. ޚާއްސަކޮށް މެދުތެރެއިން ކުޅެމުންދިޔަ ޕޮގްބާ ބަދަލުކުރުމުން ސަޕޯޓަރުންނަށް ނުތަނަވަސްކަމެއް އިހުސާސުވި ކަހަލައެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމެން 1 މިނިޓަށް ވެފައިވަނިކޮށް ޕަޔެޓް (ޖ.8) އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ރޫމޭނިޔާ ގޯލުގެ ކަނަށް ވަނުމާއި ހަމަޔަށް ވެސް ޑްރޯ މެޗެއްގެ ގޮތުގައި ގިނަބަޔަކު ތިބީ ނިންމައިގެނެވެ. މުޅި މެޗުގައި ވެސް އެންމެ މޮޅު ކުޅުމެއް ދެއްކީ ޕަޔެޓެވެ. އޭނާ ވަނީ އެތައް ފުރުސަތުތަކެއް އެހެން ކުޅުންތެރިންނަށް ތަނަވަސް ކޮށްދީފައެވެ. ފުރަތަމަ ގޯލު ޖެހުމުގައި އެހީތެރިވެފައި ދެވަނަ ގޯލެއް ޖެހުމުން ވެސް އޭނާގެ ކުޅުން ގިނަބަޔަކަށް ޚާއްސަ ވެގެން ދިޔައެވެ.

ރުމޭނިއާ ޓީމަކީ، މެޗުގެ ކުރިން ބެލެވުނުހާ ބަލިކުރަން ފަސޭހަޓީމެއް ނޫންކަން މިހާރު ގިނަ ބަޔަކު ގަބޫލުކުރާނެއެވެ.

މާދަމާ ގެ މެޗުތައް

މާދަމާ މުބާރާތުގެ 3 މެޗެއް ކުޅެވޭނެއެވެ.

ގްރޫޕް އޭ  އަލްބޭނިއާ އަދި ސްވިޒަރލޭންޑްގެ މެޗުް 18:00 ގައި

ގްރޫޕް ބީގެ ވޭލްސް އަދި ސްލޮވާކިއާގެ މެޗު 21:00 ގައި

ގްރޫޕް ބީގެ އިނގިރޭސި ވިލާތް އަދި ރަޝިއާ ރޭގަނޑު 00:00ގައި

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !