A wide advertisement which will be shown on all devices. (700 x 100)

ފާއިތުވީ 8 އަހަރު ތެރޭ ފުވައްމުލަކު އާބާދީ އަށް އިތުރުވީ 419 ދިވެހިން

މިއަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފާއިތުވީ އަށް އަހަރު ތެރޭ ފުވައްމުލަކު ގެ އާބާދީ އަށް އިތުރުވެފައިވަނީ އެންމެ 419 ދިވެހިން ނެވެ. މުޅި ރާއްޖޭގެ އާބާދީ 2006 ވަނަ އަހަރާއި އަޅާބަލާއިރު ކޮންމެ އަހަރަކު 1.8 އިންސައްތަ އިތުރު ވެފައިވީ ނަމަވެސް ފުވައްމުލަކު އާބާދީ އިތުރު ވެފައިވަނީ އަހަރަކު 0.68 އިންސައްތަ އެވެ. އެއީ ދިވެހި އާބާދީ އާއި އަޅާބަލާއިރު 3 ގުނަ މަދު އަދަދެކެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓްކްސް އިން އާންމު ކުރި ވަގުތީ ތަފާސް ހިސާބު ދައްކާ ގޮތުން ފުވައްމުލަކުގެ މިހާރުގެ އާބާދީ އަކީ 8،579 އެވެ. އެއީ 8،055 ދިވެހިން ނާއި 524 ބިދޭސީންނެވެ. މި ހިސާބު ތައް ދައްކާ ގޮތުން ފުވައްމުލަކުގައި ކޮންމެ 15 ދިވެއްސަކަށް ބިދޭސީ އެއް ހަރަކާތްތެރިވެއެވެ. ނަމަވެސް މާލޭގައި ކޮންމެ 6.5 މީހަކަށް ބިދޭސީ އެއް ދިރިއުޅޭ ކަމަށް ވަގުތީ ތަފާސް ހިސާބު ދައްކައެވެ.

މުޅި ރާއްޖޭގެ ދިވެހިންގެ އާބާދީ 341،256 އަށް އަރާފައިވާ އިރު ރާއްޖޭގެ ތިންވަނައަށް އެންމެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގެ އާބާދީ އަކީ ދިވެހި އާބާދީގެ 2.4 އިންސައްތަ އެވެ.

ދިވެހި އާބާދީ އިތުރުވާ ރޭޓަށް ބަލާއިރު އެންމެ ބާރު ސްޕީޑްގައި އާބާދީ އިތުރުވަމުން ދަނީ މާލޭގައެވެ. އެއީ އަހަރަކަށް 3.5 އިންސަ އެވެ. މާލެ ފިޔަވައި ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ ހަތަރު ރަށަށް ބަލާއިރު އެންމެ ބާރު ސްޕީޑްގައި އާބާދީ އިތުރުވަމުން އައިސްފައި ވަނީ 8011 ދިވެހިން މިހާރު ދިރިއުޅޭ ހދ.ކުޅުދުއްފުށީގައެވެ. އެއީ ފާއިތުވީ އަށް އަަހަރު އަހަރަކު 1.8 އިންސައްތައި ގެ ރޭޓުންނެވެ. މިރޭޓުން ކުރި އަރަމުން އަންނަ ނަމަ އަންނަ އަހަރު ކުޅުފުއްށީގެ އާބާދީ 8،157 އަށް އިތުވެ ތިންވަނަ އަށް އެންމެ ގިނަ މީހުްނ ދިރިއުޅޭ ރަށަށްވެ ފުވައްމުލައް އާބާދީ 8،109 އަށް އެރި ނަމަވެސް އާބާދީގެ ބޮޑުމިނުން ހަތަރު ވަނައަށް ސޮއްސާލާނެއެވެ.

ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސ.ހިތަދޫގެ 9894 ދިވެހިންގެ މިހާރުގެ އާބާދީ އިތުރުވެފައިވަނީ އެންމެ މީހުން ގިނަ ފަސް ރަށުގެ ނިސްބަތުން އެންމެ މަޑު ސްޕީޑްގައެވެ. އެއީ ފާއިތުވީ އަށް އަހަރަށް އަހަރަކަށް 0.57 އިން ސައްތައިގެ ނިސްބަތުންނެވެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑު ފަސްވަނަ ރަށް ކަމަށްވާ ގދ.ތިނަދޫގެ 4707 ދިވެހިންގެ މިހާރުގެ އާބާދީ އިތުރުވެފައި ވަނީ ފާއިތުވީ އަށް އަހަރަށް އަހަރަކަށް 0.75 އިން ސައްތައިގެ ނިސްބަތުންނެވެ.

އާންމު ޚިދުމަތް ތައް ލިބުމާއި ވިޔަފާރީގެ ފުރުސަތު ތައް ހުޅުވުމުގައި އާބާދީ ބޮޑު ރޯލެއް ކުޅޭ އިރު ފުވައްމުލަކުގެ މުސްތަގުބަލުގެ އާބާދީ އާއި މެދު ވިސްނުން ބުއްދިވެރިއެވެ. އެކަހެރި ކޮށް އޮތް ފުވައްމުލަކަށް ހިޖުރަކުރުމުގެ ފުރުސަތު ކުޑަ އިރު ރާއްޖެތެރޭގެ އާބާދީ ބޮޑު އެހެން ރަށް ތަކަށް ހިޖުރަ ކުރުމުގެ ފުރުސަތު ބޮޑެވެ. ވީމާ، ދުރު މުސްތަގުބަލުގައި އާބާދީގެ ގޮތުން ފުވައްމުލަކަށް މިހާރު ލިބިފައިވާ ދަރަގަ މަޑުމަޑުން ފަހަތައް ޖެހި އާންމު ރަށެއްގެ ދަރަޖަ ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !